ދުނިޔެ

ދީނަށް ފުރައްސާރަކުރި ކަމަށް ބުނާ ސައޫދީގެ ބްލޮގަރުގެ ހަގީގަތަކީ ކޮބާ؟

މެދުކެނޑުމަކަށް ފަހު އޭނާގެ ވާހަކަ އަނެއްކާވެސް ފަލަ ސުރުހީ އަށް އެރީ އެވެ.

ރާއިފް ބަދަވީ އަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށުގައި ސައޫދީ އަރަބިއްޔާ އިން 10 އަހަރުގެ ޖަލު ހުކުމެއް އިއްވައި 1000 އެތި ފަހަރުން ތަޢުޒީރުކުރުމަށް ހުކުމް އިއްވާފައިވާ ސައޫދީގެ ލިޔުންތެރިއެއް ނުވަތަ ބްލޮގަރެކެވެ. އޭނާގެ މައްޗަށް ސައޫދީން 1000 އެތިފަހަރުގެ އަދަބު ތަންފީޒުކުރަމުން ދަނީ ކޮންމެ ހަފުތާއަކަށް ބަހާލައިގެން 50 އެތި ފަހަރުގެ މަގުންނެވެ.

އޭނާގެ ހިޔާލު ފާޅުކުރަމުން ދިޔަ މަޝްހޫރު ވެބްސައިޓަކީ ސައޫދީ ފްރީ ލިބަރަލްސް ފޯރަމް އެވެ. ސައޫދީން ވަނީ އޭނާ ހައްޔަރުކޮށް މި ބްލޮގް ވެސް 2012 ވަނަ އަހަރު ހުއްޓުވައިފަ އެވެ.

ރާއިފް ތައުޒީރުކުރުމުގެ ސިލްސިލާ މެދުކަނޑާލާފައި އޮތުމަށް ފަހު އަންނަ ހުކުރު ދުވަހު އަލުން މި ސިލްސިލާ ފަށާނެ ކަމަށް ބެލެވެ އެވެ. ތަޢުޒީރުކުރުން މެދުކެނޑުނީ ބައިނަލްއަގުވާމީ ފާޑުކިޔުންތަކާ ގުޅިގެން ދެ ވަނަ ވިސްނުމަކަށް ދިއުމުންނެވެ. ނަމަވެސް ސައޫދީގެ ސުޕްރީމް ކޯޓުން މި ވަނީ ހުކުމާ އެއްގޮތަށް ކުރިއަށް ދިއުމަށް އަމުރުކޮށް އެ މައްސަލަ ނިންމާލައިފަ އެވެ.

އެހެންވީމަ ރާއިފްގެ ކުށެއް ނެތް ކަމަށް ހުޅަނގުން ބުނަމުން ދަނީ ކީއްވެ ހެއްޔެވެ؟ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އޭނާގެ ހިމާޔަތުގައި އަޑުއުފުލަމުން ދިއުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

އޭނާ ހަމަ އަސްލަށް ވެސް އިސްލާމް ދީނަށް ފުރައްސާރަކުރީ ހެއްޔެވެ؟ ހުޅަނގުން ބުނަނީ ސައޫދީގެ މި މައްސަލަގަނޑަކީ ނިކަން ބޮޑަށް ސިޔާސީކޮށްލާފައި އޮތް މައްސަލައެއް ކަމަށެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އިސްލާމީ ޝަރީއަތް ހިންގާ ގައުމަކަށް ސައޫދީވެފައި އެގައުމުގައި ދީނީ މިނިވަންކަން ކޮންމެ ކޮންމެ މީހަކަށް އަތަށް ލައިގެން ނޫޅެވޭނެ ކަމެވެ. ރާއިފްގެ މައްސަލަ އަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުވަތަ އެ ހައްގުގެ ނަމުގައި އިސްލާމް ދީނާ ދެކޮޅު ފިކުރު ފްރޮމޯޓްކުރަން ފެށުމެވެ.

އެކަމަކު އޭނާގެ ބްލޮގް ބޮޑަށް ބޭނުންކޮށްފައި ވަނީ ސީދާ އިސްލާމް ދީނަށް ވުރެ ބޮޑަށް ސައޫދީ ސަރުކާރަށް އަދި އެމީހުންގެ ސިޔާސަތުތަކަށް ފާޑުކިޔުމަށެވެ. އެގޮތުން ސެކިއުލަރިޒަމް ސައޫދީގައި ތައާރަފްކުރުމަށް ނިކަން ބޮޑަށް ކެމްޕޭންކޮށްފައިވެ އެވެ.

އޭނާ 2010 ވަނަ އަހަރު ޕޯސްޓްކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ސައޫދީ ފަދަ ގައުމުތައް ތިން ވަނަ ދުނިޔެއިން އަރައިގަނެ އެއް ވަނަ ދުނިޔެއިން ޖާގަ ހޯދުމަށް ބޭނުން ނަމަ ސެކިއުލަރިޒަމް އަށް ތާއީދުކޮށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި އެފަދަ ނިޒާމެއްގައި އެންމެނަށް އިހްތިރާމް ލިބިގެންދާއިރު މަލާލާތް ރައްދުވާނެ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ފަންނުވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފުރުސަތު ދިނުމަށް ގޮވާލައި ވެސް ލިޔުންތައް ޝާއިއުކޮށްފައިވެ އެވެ. އެގޮތުން 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ޕޯސްޓެއްގައި ބުނެފައި ވަނީ މީހަކު ހިޔާލުފާޅުކުރަން ފަށާތަނުން ދީނީ އިލްމުވެރިޔަކު ނުކުމެ ކޮންމެވެސް ފަތުވާއެއް ނެރެ އެމީހެއްގެ އަނގަ ބަންދުކޮށްލާނެ ކަމަށެވެ.

"ނުވަތަ އޭނާ ކާފަރަކަށް ހަދާފާނެ. އެއީ ހިޔާލުފާޅުކުރީތީ. ނުވަތަ ދީނީ ގޮތުން ހިޔާލުތަފާތުވެފައި ހުންނަ މައްސަލައަކާ މެދުގައި އެއްޗެއް ބުނީތީ،" ރާއިފް ލިޔެފައިވެ އެވެ.

ދީނީ ހަރުކަށި ހިޔާލުތަކަށާއި އެފަދަ ފަރާތްތަކަށް މި ބްލޮގްގައި އޭނާ ހަމަލާ ދީފައިވާއިރު ސައޫދީ ސަރުކާރާ ދެކޮޅަށް އާންމުން ނެރުމަށް ހިތްވަރު ދޭ ފަދަ ލިޔުންތައް ވެސް ޝާއިއުކޮށްފައިވެ އެވެ. މީގެ އިތުރުން ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ އަށް އަލިއަޅުވައި ލިޔުންތައް ޝާއިއުކުރި އެވެ.

އެގޮތުން މިފަދަ ބައެއް ޕޯސްޓްތަކުގައި ހަމާސް އަށް ފާޑުކިޔާފައިވާއިރު ހަމާސް ފަދަ ދީނީ ހަރުކަށި ބަޔަކު ފަލަސްތީނުގެ ވެރިކަމަށް އައިސް އިޒްރޭލު ނައްތާލާ މަންޒަރު ބަލަން ބޭނުން ނުވާ ކަމަށް ވެސް ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ރާއިފްގެ މިފަދަ ލިޔުންތަކަށް ބަލާއިރު އޭނާ ބޮޑަށް ފާހަގަކުރެވެނީ ސުލްހަޔަށް ލޯބިކުރި މިނިވަން ހިޔާލުގެ މީހެއްގެ ގޮތުގަ އެވެ. ނަމަވެސް ސައޫދީން ބުނަނީ އޭނާ ފުރައްސާރަކޮށްފައި ވަނީ އިސްލާމް ދީނަށް ކަމަށެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް އަދަބު ތަންފީޒުކުރަމުން އަންނައިރު އޭނާގެ އަންހެނުންނާއި ތިން ކުދިން ވަނީ ކެނެޑާ އިން ސިޔާސީ ހިމާޔަތް ހޯދައި އެގައުމަށް ބަދަލުވެފަ އެވެ.

ރާއިފުގެ މައްޗަށް އިއްވާފައިވާ ހުކުމާ އެއްގޮތަށް ތަޢުޒީރުކުރުން ކުރިއަށް ގެންދިއުމަށް އަމުރުކޮށްފައިވިޔަސް އޭނާ ތަޢުޒީރުކުރުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކާ ހެދި އަދަބަށް އޭނާގެ ސިއްހަތު ތަން ނުދޭ ކަމުގެ ރިޕޯޓް ވެސް ލިބެ އެވެ.