ހަބަރު

"ރައީސް ޔާމީން ޖައްސަވާ ހިސާބެއް ނުފެނޭ"

މާރަންދޫން: އަލީ އަފާފް
Sep 6, 2018
11

ވެރިކަމުގައި ދެމިހުންނަވާނެ ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވަމުން ގެންދަވާ ކަމަށާއި ނަމަވެސް ރައްޔިތުން އެފުރުސަތު ނުދޭނެ ކަމަށާއި ރައީސް ޔާމީން ޖައްސަވާ ހިސާބު ނުފެންނަ ކަމަށް އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ހއ. ތަކަންދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް ޔާމީން ވަޑައިގެން ވިދާޅުވަމުން ގެންދަވަނީ "ވޯޓް ލިޔަސް ހެޔޮ" ކަމަށެވެ. އަދި "ބަލިވި ނަމަވެސް މައްސަލައެއް ނެތް" ކަމަށާއި "ވެރިކަމުގައި ދެމި ހުންނަވާނެ" ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ އެޖަހާ ހިސާބެއް، އަޅުގަނޑަކަށް ނުފެނޭ އެފުރުސަތު ރައްޔިތުން ރައީސް ޔާމީނަށް ދެއްވާނެ ތަނެއް، ރައްޔިތުންގެ ނިންމުމާއެކީގައި ރައްޔިތުން އެކަން ތަންފީޒު ކުރާނެ، އެއަށް ހުރަސް އަޅާނެ މީހެއް، ފަރާތެއް، އިދާރާއެއް ރާއްޖެއަކު ނުހުންނާނެ، ތިބޭފުޅުން ކުރައްވަންވީ ކަމަކީ ނިކުމެ ވަޑައިގެން ވޯޓް ދެއްވަންވީ، އަދި ނަތީޖާ އިއުލާން ކުރަންދެން ތިބޭފުޅުން އެތާ ތިއްބަވަންވީ، ނަތީޖާ ހިފައިގެން ތިބޭފުޅުން ގެއަށް ވަޑައިގަންނަވަންވާނީ، އޭރަށް ރައީސް ޔާމީނަށްވެސް ޖެހިވަޑައިގަންނަވާނީ ގެއަށް ވަޑައިގަންނަވަން، ތިބޭފުޅުންނާއެކު އެދުވަހުން ޖެހޭނީ ރައީސް ޔާމީން ގެއަށް ވަޑައިގަންނަވަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ތަރައްގީކަންކަން ކުރުމުގައި މި ސަރުކާރުން ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމަށާއި އެގޮތުން މި ސަރުކާރުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ފުޓްސަލް ދަނޑު ހެދުން ކަމަށެވެ. އެއަށްވުރެ ބޮޑު ތަރައްގީގެ މަޝްރޫއެއް މިސަރުކާރުން ނުހިންގާ ކަމަށް އިބޫ ވިދާޅުވި އެވެ.

"ބޮޑު ބިޔަ މަޝްރޫއެއްގެ ގޮތުގައި ހިންގަނީ ފުޓްސަލް ދަނޑު އެޅުން، އެކަންވެސް އެވަނީ މިރަށު [ތުރާކުނު]ން މަހުރޫމްވެފަ، އެއީ މިސަރުކާރުގެ އިންސާފުނެތްކަން ހާމަކޮށްދޭ އެންމެ ބޮޑު ދަލީލް، އަޅުގަނޑު ގަބޫލުކޮށްގެން ހުރީ އެބޭފުޅުން [ރައީސް ޔާމީން]ގެ ފަސް އަހަރު ނިމޭއިރުގައި އޮންނާނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފެތުރިފައޭ، އެހެން ނަމަވެސް ހއ. އަތޮޅަށް އެރުމުން ފެންނަނީ އެބިޔަ ބޮޑު މަޝްރޫއުގެ ކުޑަވެސް ކަންފުޅެއްނެތް ރަށްރަށް މިއަތޮޅުގައިވެސް ހުރިކަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ނަރުދަމާއާ ބޯފެން ގާއިމް ކޮށްދިނުމަކީ މިސަރުކާރުން ހަނދާން ހުންނަ ކަންކަމެއް ނޫން ކަމަށާއި އަސާސީ ހިދުމަތްތަކަކީ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތެއްގެ ގޮތުގައި ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ. އެކަން ދެކެނީ މިއަދުގެ ސަރުކާރުންވާ ވައުދެއްގެ ގޮތުގައި ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަރުކާރެއްގައި ފެނާއި ނަރުދަމާއާ ކަރަންޓަކީ ވާވައުދަކަށްުވުރެ ބޮޑަށް އެއީ އަޅުގަނޑުމެން ކުރަން މަޖުބޫރު ކަމެއްގެ ގޮތުގައި ކޮށްދޭނަން، އެއީ ކޮންމެ ރަށަކަށް އަރާ ވާންޖެހޭ ވައުދެއް ނޫން، އެހެން ކަމުން ފެނުގެ ނިޒާމާއި ނަރުދަމާ މިރަށު [ތަކަންދޫ] ގައިވެސް ގާއިމް ކޮށްދޭނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިދިކޮޅު ސަރުކާރެއްގެ ވިސްނުމަކީ އެރަށެއްގެ ރައްޔިތުން އެރަށެއްގައި ތިބެ އާންމުދަނީ ހޯދުމަށް ގޮތްތަކެއް މަގުފަހި ކޮށްދިނުން ކަމަށާއި ރަށުގައި ތިބެ އާއިލާއަށް ތައުލީމާއި އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

"އެކަން ކުރެވޭނީ ރަށުގައި ތިބެ މަސައްކަތްތަކެއް ކުރެވޭނެ ގޮތްތަކެއް ހޯދިގެން، ރަށާ ކައިރިން ވަޒީފާތަކެއް އުފެއްދިގެން، އަޅުގަނޑުމެންގެ ސަރުކާރެއްގައި މިއަތޮޅަށްވެސް ޓޫރިޒަމް ފުޅާކޮށް އެ ޑިވެލޮޕްމެންޓް އަންނާނެ، ނަތީޖާއަކަށް ވާނީ މިރަށާއި ކައިރި ރަށްރަށުގައިވެސް ރިސޯޓްތައްހެދި މިރަށުގައިވެސް ތިބެގެން ވަޒީފާއަށްދެވި އާންމުދަނީ ލިބޭ ގޮތް ހަމަޖެހިގެންދިއުން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ބޭނުމުގައި ނުވަތަ އާންމުދަނީ ހޯދުމުގެ ބަދަލުގައި ގެނެވުނު ބައެއް ބަދަލުތަކުގެ ސަބަބުން ގިނަ ކުދި ވިޔަފާރިތައް ބަނގުރޫޓްވެފައިވާ ކަމަށެވެ. ހާއްސަކޮށް ކުދި އޮޑިދޯނިފަހަރު ގެންގުޅޭ ފަރާއްތަތް ވަނީ ބޮޑތި ޖޫރިމަނާތައް ކުރެވި ނޫޅެވޭވަރުވެފައި ކަމަށް އިބޫ ވިދާޅުވި އެވެ.

"ތަކަންދޫގައިވެސް ބައެެއް ކުދި ދޯނިފަހަރު ގެންގުޅޭ ފަރާތްތައް އެބަހުރި 23،000 އިން 25،000 އިން 30،000 އިން ޖޫރިމަނާ ކޮށް ނުދެއްކިފަ، ހަދާނެ ގޮތް ހުސްވެފަ، މިއީ ސަރުކާރުން ގެނައި ސިޔާސަތަކާއި ގުޅިގެން ވެފައޮތް ކަމެއް، އާންމުދަނީ ހޯދުމަށްޓަކައި މި ސަރުކާރުން އެންމެ ބޮޑު އަމާޒަކަށް ވެފައި އޮންނަނީ އެންމެ އާދައިގެ ރައްޔިތުން، މެދުފަންތީގެ ވިޔަފާރިއާ، އާދައިގެ ވިޔަފާރިއާ އާންމުކޮށް ދިރިއުޅުމަށް މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން އެމީހުން އަތުް ފައިސާ ނެގުން،" އިބޫ ވިދާޅުވި އެވެ.

އޭގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މިއަދު ވަނީ ބަނގުރޫޓްވެފައި ކަމަށެވެ. އިދިކޮޅު ވެރިކަމެއްގައި އެކަންކަމަށް ހެޔޮ ބަދަލެއް ގެނެވި ކޮށްފައިވާ ޖޫރިމަނާތަށް މާފު ކުރެވިގެންދާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.