ހަބަރު

އަންނަ އަހަރު ސިޔާސީ މަގާމުތައް ދެގުނައަށް!

Nov 12, 2019
4

އަންނަ އަހަރު ސަރުކާރުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ޖުމްލަ 785 ސިޔާސީ މަގާމަކަށް 331 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި އެވެ.

މިދިޔަ ޖުލައި މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރު ނުވާނެ ކަމަށެވެ. އެ ދުވަހާ ހަމައަށް އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވީ 334 ބޭފުޅުން ކަމަށާއި، ކުރީގެ ސަރުކާރުގައި 450 އަށް ވުރެ ގިނަ ބޭފުޅުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ކަމަށް ރައީސް ސޯލިހު ވަނީ ހާމަކުރައްވައިފަ އެވެ.

ނަމަވެސް، ޖުލައި މަހުގެ ފަހުން ވެސް ގިނަ ބޭފުޅުންތަކެއް އެކި އެކި ސިޔާސީ މަގާމުތަކަށް އައްޔަނުކުރައްވާފައިވާއިރު، އަންނަ އަހަރަށް ކަނޑައަޅާފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު އޭގެ ދެގުނައަށް އަރާނެ އެވެ.

ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން، އަންނަ އަހަރު ސިޔާސީ މަގާމްތައް އެންމެ ގިނައީ ރައީސް އޮފީހުގަ އެވެ. އެ އޮފީހުގައި، އަންނަ އަހަރަށް ލަފާކޮށްފައިވާ ސިޔާސީ މަގާމްތަކުގެ އަދަދަކީ 377 އެވެ. މި މަގާމްތަކުގެ މުސާރައިގެ ގޮތުގައި، 94.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ސިޔާސީ މަގާމްތައް ދެން އެންމެ ގިނައީ ހެލްތު މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި 109 މަގާމަކަށް 27 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ. ފޮރިން މިނިސްޓްރީގެ 86 ސިޔާސީ މަގާމަކަށް 129 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ 28 ސިޔާސީ މަގާމަކަށް 6.8 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމްތައް އިތުރުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވި މައްސަލައިގައި އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ވަރަށް ބޮޑަށް ފާޑުކިއެވެ.