އަބްދުﷲ ރިޔާޒް

ސިޔާސަތު ބަދަލުކޮށް ތ އަތޮޅަށްވެސް ފުރުސަތު ފަހިކޮށްދީ: ރިޔާޒު

ދައުލަތުގެ އަޅާލުން ތ އަތޮޅަށް ވަރަށް ބޮޑަށް ކުޑަކޮށްފައިވާތީ އެ ސިޔާސަތު ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ގޮވާލައްވައިފި އެވެ. ރިޔާޒު މިކަމަށް ގޮވާލެއްވީ 2022 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސްގައި ފަހު ފުރުސަތުގައި ލިބިވަޑައިގެންނެވި ވަގުތުގައި ވާހަކަ ދައްކަވަމުންނެވެ.

ރިޔާޒު ވިދާޅުވީ 2022 ގެ ބަޖެޓްގައި ތިމަރަފުށީ ދާއިރާގެ ރައްޔިތުން އެދޭ ބައެއް ކަންކަން ހިމަނާފައިވާ ކަމަށާ އެކަން ފާހަގަ ކުރައްވާ ކަމަށެވެ. އަދި އެ ދާއިރާގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ބައެއްކަން ހިމެނިފައި ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ރިޔާޒު ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތަޖުރިބާއިން ބަޖެޓްގައި ކަމެއް ހިމެނުނަސް އެކަމެއް ތަންފީޒުވާ މަންޒަރު ފެންނަމުން ނުދާ ކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ބަޖެޓްވެފައިވަނީ ސިޔާސީ އެއްޗަކަމަށް ވިދާޅުވެ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް ތަފާތު ކުރުމެއް ނެތި ތަންފީޒު ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

މީގެ އިތުރުން ދާއިރާގެ ރައްޔިތުންގެ ފުދުންތެރިކަމަށް މަސައްކަތް ކޮށްދެއްވުން ސަރުކާރަށް ގޮވާލެއްވިއެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން އެދެން ކުރިއަށް އޮތް އަހަރު ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށްދެއްވުމަށް. ގިނަ ކަންތައްތަކެއް އެބަހުރި އެކަންކަމާމެދު ރައްޔިތުން ކަންބޮޑުވާ. އެ ގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ވަކިން ހާއްސަކޮށް އަޅުގަނޑުގެ ދާއިރާގެ އިތުރުން މުޅި ކޮޅުމަޑުލަށް ބަލާލި ކަމުގައިވީނަމަވެސް މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ބަލާލިކަމުގައިވިޔަސް އިގްތިސާދީ ގޮތުން އެންމެ ކަންކަން ވެފައި ނެތް އެއް އަތޮޅަށް ވެގެންދާނެ ކޮޅުމަޑުލު. އެހެން ކަމުން ސަރުކާރުގެ ސިޔާސަތު ބަދަލުކޮށް ދެއްވުމަކީ އަޅުގަނޑު އެދޭ އެދުމެއް،" ކުރީން ތ އަތޮޅުގެ ކިނބިދޫ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި ރިޔާޒު ވިދާޅުވިއެވެ.

ތ އަތޮޅަށްވެސް ނިސްބަތްވާ ރިޔާޒު ވަނީ އެ އަތޮޅުން ޓޫރިޒަމަށް 14 ރަށް ދޫކޮށްފައި އޮތްއިރު އޮޕަރޭޝަންގައި އޮތީ އެންމެ ރަށެއްކަން ފާހަގަ ކުރައްވާފައެވެ. އަދި ތިމަަރަފުށީގެ އެއާޕޯޓަކީ ހަފްތާއަކު އެންމެ ފްލައިޓެއް ޖަހަން އޮތް އެއާޕޯޓަކަށް ނުހަދާ އެއީ މުޅި އަތޮޅަށް ނަފާވާ އެއާޕޯޓަކަށް ބަދަލުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން އެދެން ކުރިއަށް އޮތް އަހަރު ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށްދެއްވުމަށް. ގިނަ ކަންތައްތަކެއް އެބަހުރި އެކަންކަމާމެދު ރައްޔިތުން ކަންބޮޑުވާ. އެ ގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ވަކިން ހާއްސަކޮށް އަޅުގަނޑުގެ ދާއިރާގެ އިތުރުން މުޅި ކޮޅުމަޑުލަށް ބަލާލި ކަމުގައިވީނަމަވެސް މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ބަލާލިކަމުގައިވިޔަސް އިގްތިސާދީ ގޮތުން އެންމެ ކަންކަން ވެފައި ނެތް އެއް އަތޮޅަށް ވެގެންދާނެ ކޮޅުމަޑުލު. އެހެން ކަމުން ސަރުކާރުގެ ސިޔާސަތު ބަދަލުކޮށް ދެއްވުމަކީ އަޅުގަނޑު އެދޭ އެދުމެއް
އަބްދުﷲ ރިޔާޒު | ތިމަރަފުށީ ދާއިރާގެ މެންބަރު

މުޅި ތ އަތޮޅަކީވެސް މަސްވެރި އަތޮޅެއްކަން ފާހަގަކުރައްވާ 2022 ގެ ބަޖެޓްގައި މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ހާއްސަ އިސްކަމެއް ނެތުމުން ރިޔާޒު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ވިދާޅުވީ އެ އަތޮޅު ފުނައްޑޫގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް މަސްވެރިންނަށް ފަހި ފުރުސަތުތަކާއި ހަމަ އަގު ހޯދާދޭން ސަރުކާރުން މަސައްކަތް ކޮށްދޭން ޖެހޭ ކަމަށެވެ.

"އިއްޒަތްތެރި ރައީސް، ތ އަތޮޅަކީ ވަރަށް ބޮޑު އަތޮޅެއް. އެތައް ފަޅުރަށްތަކެއް އެބަހުރި. ދަނޑުވެރިކަމަށް މިދިޔަ ތިން އަހަރު އެންމެ ރަށެއްވެސް މި އަތޮޅުން ދޫކޮށްފައެއް ނެތް. ފަޅު ރަށްރަށަކީ އިގްތިސާދީ އެއްވެސް މަސައްކަތެއް ނެތް ދައުލަތަށް އެއްވެސް މަންފާއެއް ނެތް ރަށްރަށުގައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ. އެ ރަށްރަށަކީ ޓެރަރިޒަމްގެ އެކި ކަންކަން ކުރާ މީހުން ތަމްރީނުތައް ހަދާ ރަށްތަކެއްގެ ގޮތުގަައި އޮތުން ނިމުމަކަށް ގެންނަން ޖެހޭ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ބޭނުންވީމަ ގޮތް އެތަކެތި ފޮރުވާ ވިޔަފާރި ހިންގުމަށް އޮންނަ ރަށްތަކެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަަކަށް ގެންނަން ޖެހޭ އިއްޒަތްތެރި ރައީސް. އެހެންވީމަ ދަނޑުވެރިކަމާއި މަސްވެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މި ދެ ސިނާއަތް ކުރިއަރުވަން ޖެހޭ،" މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސެއްގެ ގޮތުގައިވެސް ހުންނެވި ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއިވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ފަސޭހައިން ދޫވެގެންދާ ދިއުމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ސިއްހީ ހިދުމަތަށް ސަލާން ޖަހަން ޖެހުމާއި އެންސްޕާ އާއި އާސަންދަ ހޯދަން މެންބަރުންނަށް ގުޅަން ޖެހިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ސަލާމަތާއިމެދު މިހާރު އުފެދިފައި އޮތް ކަންބޮޑުވުމާއި ބިރުވެރިކަން ނައްތާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އިސްލާމްދީނަށް ގޮންޖަހާ އެހެން ދީންތައް ފަތުރަން މަސައްކަތް ކުރާ ފަރާތްތައް ހުއްޓުވަން އެބަ ޖެހޭ. އެ މަސައްކަތް ހަރުދަނާ ގޮތެއްގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ކުރަންޖެހޭ،" ކުރީން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުވެސް އަދާކުރެއްވި ރިޔާޒު ވިދާޅުވިއެވެ.