ދެހާސް ވިހިވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓާއި ގުޅިގެން ތިމަރަފުއްޓާއި ވޭމަންޑޫ ރައްޔިތުންގެ ކަންބޮޑުވުންތައް އެ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ހިއްސާ ކުރައްވައިފި އެވެ.
މެންބަރު ރިޔާޒް މިއަދު ވިދާޅުވީ ރައީސް ސޯލިހާ ބައްދަލު ކޮށްލަން ލިބި ވަޑައިގެންނެވި ފުުރުސަތެއްގައި މިއަދު ތިމަރަފުށީ ދާއިރާގައި ހުރި މައްސަލަތައް ރައީސްގެ ސަމާލުކަމަށް ގެންގޮސްފައި ވާނެ ކަމަށެވެ. އަދި މިވަގުތަށް ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތަކުގެ ތަފްސީލް ވެސް ރައީސާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.
ރިޔާޒް ވިދާޅުވީ ދެހާސް ވިހިވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓާއި ގުޅިގެން ތިމަރަފުށީ އަދި ވޭމަންޑޫ ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް މި ބައްދަލުވުމުގައި ރައީސްގެ ސަމާލުކަމަށް ގެން ގޮސްފައިވާނެ ކަމަށެވެ. އަދި ތިމަރަފުއްޓާއި ވޭމަންޑޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވެސް ދެއްވި ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައި ވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ދައުލަތުގެ ބަޖެޓުންް އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ކުރާނީ ރިކަރެންޓް ހަރަދުތަކަށެވެ. އެއީ 22.2 ބިލިއަން ރުފިޔާ އެވެ. ޕީއެސްއައިޕީއަށް 10.2 ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވާ އިރު އެހެނިހެން ކެޕިޓަލް ހަރަދުތަކަށް ކަނޑައަޅާފައި ވަނީ ފަސް ބިލިއަން ރުފިޔާ އެވެ.
ބަޖެޓްގެ މުހިއްމު ބައިތައް
- ޖުމްލަ ބަޖެޓް: 37.5 ބިލިއަން ރުފިޔާ
- ރިކަރެންޓް ހަރަދު: 22.2 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 10.2 ބިލިއަން ރުފިޔާ
- ކެޕިޓަލް: 5.1 ބިލިއަން ރުފިޔާ
- އާމްދަނީ: 29.9 ބިލިއަން ރުފިޔާ
- ޑެފިސިޓް: 5.7 ބިލިއަން ރުފިޔާ