ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކޯލިޝަންގެ ހަތަރު ލީޑަރުން ކޮންމެ މަހަކު އެއްފަހަރު ބައްދަލު ކުރަން ނިންމާފައިވީ ނަމަވެސް މިދިޔަ މަހު އެ ބައްދަލުވުން ބާއްވާފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮންމެ މަހަކު އެއްފަހަރު ބައްދަލު ކުރެއްވުމަށް ނިންމަވާފައި ވަނީ ޕާޓީތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް ބޭއްވުމަށާއި ސިޔާސީ ބޮޑެތި ނިންމެވުންތައް ނިންމަވާށެވެ.
އެގޮތުން ރައީސް ސޯލިހު ބޭއްވި އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ހުރިހާ ލީޑަރުންނާ މަޝްވަރާ ކުރެވޭ ގޮތަށް ކަމަށާއި އޭރު ސްރީލަންކާއަށް ކުރައްވަން އޮތް ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް ލީޑަރުންގެ ބައްދަލުވުން ބާއްވާފައެއް ނުވެ އެވެ.
އެކަން ރައީސް އޮފީހުން ވެސް ވަނީ ކަށަވަަރުކޮށްދީފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "އަވަސް" އަށް ވިދާޅުވީ ރައީސާއި ލީޑަރުން ބާއްވާ ބައްދަލުވުމަކީ ރައީސް އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ކަމެއް ނޫން ކަމަށާއި އެކަން ކުރަނީ ޕާޓީތައް އެއްްބަސްވާ ގޮތުގެ މަތިން ކަނޑައަޅާ ތާރީހެއްގައި ކަމަށެވެ.
"މިދިޔަ މަހު ލީޑަރުންގެ ބައްދަލުވުން ބާއްވާފައެއް ނުވޭ، އެކަން ނިންމަވަނީ ވެސް ޕާޓީތަކުން،" ހޫދު ވިދާޅުވި އެވެ.
ހަތަރު ލީޑަރުން އެއް މޭޒަކަށް ވަޑައި ނުގަންނަވާއިރު މީގެ ކުރިން ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވި ދެ ބައްދަލުވުމުގައި ވެސް ވަނީ ގޮތްތަކެއް ނުނިންމިފަ އެވެ. އޭގެ ތެރެއިން ރައީސް ސޯލިހު ބައިވެރިވެވަޑައިގަތީ އެއް ބައްދަލުވުމުގަ އެވެ. ދެން ބައްދަލު ކުރެއްވީ އެމްޑީޕީގެ އޮފީހުގައި ހަތަރު ލީޑަރުންނެވެ. އެ ބައްދަލުވުމުގައި ވެސް މަޖިލީހަށް ވާދަ ކުރާނެ ގޮތަކާ މެދު ލީޑަރުންނަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
ކޯލިޝަން އިން ކުރިން ވެފައިވާ އެއްބަސްވުމާ ހިލާފަށް އެމްޑީޕީ އިން 86 ދާއިރާއަކަށް ވާދަ ކުރަން ނިންމުމުން ޖުމްހޫރީ ޕާޓީ ދެމެދު ވަނީ މައްސަލަ ހޫނުވެފަ އެވެ. އެއަށް ފަހު ޖުމްހޫރީ ޕާޓީން ވަނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީއާއެކު ގުޅުމެއް އުފައްދާފަ އެވެ.