ހަބަރު

ސިނަމާލެއާ މާލެ ހިޔާ މަރާމާތު ކުރަން ފަށައިފި

ސިނަމާލެ ފްލެޓުތަކާއި މާލެ ހިޔާ ފްލެޓުތައް މަރާމާތު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ފަށައިގެން
ކުރިޔަށް އެބަދެ އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް "އަވަސް"އަށް ވިދާޅުވީ ސިނަމާލޭ ފްލެޓުތަކާއި މާލެ ހިޔާ ފްލެޓުތަކަކީ ކުރީގެ ސަރުކާރުން އެއްވެސް ވަރަކަށް އަޅާ ނުލާ ދޫކޮށްލާފައިވާ ތަނަކަށްވާތީ ރައީސް އަބްދުﷲ ޔާމީންގެ ނިންމެވުމުގެ ދަށުން އެ ތަނަކީ މީހުން ދިރިއުޅެން އެކަށީގެންވާ ވަރުގެ ތަނަކަށް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ފްލެޓުތަކުގެ ހާލު މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބެއްލެވި އިރު ލިފްޓު ހަލާކުވެފައި ހުރުމާއި ކުނީގެ އުނދަގޫތަކާއި ޝީޓު ހަލާކުވެ ފެން ފޭބުމާއި ބޮކިތައް އަނދާފައި ހުރުން ފަދަ ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އެގޮތުން އެ ހުރިހާތަނެއް މަރާމާތު ކުރަން މިނިސްޓްރީ އިން މަސައްކަތް ފަށާފައިވާ ކަމަށް ފަޒާލް ވިދަޅުވި އެވެ. އެގޮތުން ކުލަލުމާއި ބޮކިތައް ބަދަލު ކުރުމާއި ޝީޓުތައް މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ހާއްސަ އިސްނެންގެވުމެއްގެ ދަށުން އެމަނިކުފާނު މިނިސްޓްރީއާ ހަވާލު ކުރެއްވީ މިތަނަކީ މީހުންނަށް އަމާން ރައްކާތެރި މާހައުލަކަށް ހަދައިދީ މިތަނުގައި ހުރި ހުރިހާ ދަތިތަކެއް ފިލުވައިދޭން، އެހެންވެ އެކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލްކޮށްދީފައި ނޫނީ މި މިނިސްޓްރީން އެ މަސައްކަތް ހުއްޓާ ނުލާނަން،" ފަޒާލް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އިން ވަނީ ފުލުހުންނާއެކު އެއްބަސްވުމަކަށް އައުމަށް ފަހު ސިނަމާލެ އާއި މާލެ ހިޔާ ފްލެޓުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމައިފަ އެވެ. ފަޒާލް ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް މިހާރު ގިނަ ކެމެރާތައް ހަރުކޮށްފައިވާ ކަމަށާއި އެ މަސައްކަތް އަދިވެސް ކުރިޔަށްދާ ކަމަށެވެ.

އޭގެ އިތުރުން އަންނަ ހަފްތާގެ ތެރޭގައި ފްލެޓުތަކުގައި ސައިޓް މެއިންޓޭނަންސް އެންޑް ސެކިއުރިޓީ އޮފީހެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެއަށް ފަހު 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފަޒާލް ވިދާޅުވި އެވެ.