ދުނިޔެ

އިންތިހާބުން ބަލިވެ، ބާރުތައް ހޯދަން އުރުދުގާން ކުރި އުއްމީދު ފެނަށް!

Jun 8, 2015

 ތުރުކީގައި އިއްޔެ ބޭއްވި އާއްމު އިންތިހާބުގައި ރައީސް ރަޖަބް ތޮއްޔިބު އުރުދުގާންގެ ޕާޓީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހި، ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ފުރަތަމަ ފަހަރަށް ގެއްލިއްޖެ އެވެ. އެއާ އެކު، ވެރިކަމުގެ ގިނަ ބާރުތަކެއް ހޯއްދަވަން އުރުދުގާން ކުރެއްވި މަސައްކަތްޕުޅަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ.

ގާތްގަނޑަކަށް ހުރިހާ ވޯޓު ފޮށްޓެއްގެ ނަތީޖާ އިއުލާންކޮށްފައި ވާއިރު، ގައުމީ ޓީވީން މިއަދު ބުނި ގޮތުގައި އެންމެ 41 ޕަސެންޓް ވޯޓު ލިބުނު އުރުދުގާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭޕީ) އަށް ހޯދުނީ މަޖިލީހުގެ 258 ގޮނޑި އެވެ. އެއީ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަން ބޭނުންވާ އަދަދަށް ވުރެ 18 ގޮނޑި މަދު އަދަދެކެވެ. އެހެންވެ، އޭކޭޕީ އަށް ދެން ޖެހޭނީ ކޯލިޝަން ސަރުކާރެއް އެކުލަވާލާށެވެ.

މިދިޔަ 13 އަހަރުގެ ތެރޭގައި ދަމަހައްޓަމުން އައި މަޖިލީހުގެ އަގުލަބިއްޔަތު އޭކޭޕީ އަށް ގެއްލިފައި ވާއިރު، ބޮޑުވަޒީރު އަހުމަދު ދަވުތޮގްލޫ ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާފަ އެވެ. އެކަމަކު، ރައީސް އުރުދުގާން އަދި ވަކި އެއްޗެކޭ ވިދާޅެއް ނުވެ އެވެ.

"ރައްޔިތުންގެ ނިންމުން އެއީ އެންމެ ރަނގަޅު ނިންމުން،" އުފަން ރަށް، ކޮންޔާ އިން ވެރިރަށް އަންކާރާ އަށް ވަޑައިގެންނެވުމަށް މިއަދު ހެނދުނު މަތިންދާބޯޓަށް އަރާވަޑައިގަތުމުން ކުރިން އެ މަނިކުފާނު ނޫސްވެރިންނަށް ވިދާޅުވި އެވެ.

ހައިރާންކުރަނިވި މި ނަތީޖާ އަށް ބަލާއިރު، ކުރުދީންގެ މިނިވަންކަމަށް ތާއީދުކުރާ އެޗްޑީޕީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް މަދުވެގެން ބޭނުންވާ 10 ޕަސެންޓުގެ ވޯޓު ކަށަވަރުކޮށް، މަޖިލީހުގައި ފުރަތަމަ ފަހަރަށް އެ ޕާޓީ ތަމްސީލުކުރުމުގެ ފުރުސަތު ހޯދާފަ އެވެ. އެ ގޮތުން، އެ ޕާޓީން ވަނީ ޖުމްލަ ވޯޓުގެ 13 ޕަސެންޓް ހޯދާފަ އެވެ.

"މިއީ ކޮރަޕްޝަނާއި ހަނގުރާމައިގެ މައްޗަށް، ޑިމޮކްރެސީން ހޯދި ބޮޑު ކާމިޔާބީއެއް،" އެޗްޑީޕީގެ ނައިބު ލީޑަރު ސިރީ ސުރައްޔާ އަންދަރު ވިދާޅުވި އެވެ.

ތުރުކީގެ ގާނޫނުއަސާސީ ބުނާ ގޮތުން ރައީސަކީ ރަމްޒީ ބޭފުޅެކެވެ. ވެރިކަމުގެ ގިނަ ބާރުތައް މިހާރު އޮންނަނީ ބޮޑުވަޒީރަށެވެ. އެހެންވެ، ބޮޑުވަޒީރު ކަމުގައި 2003 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ހުންނެވުމަށް ފަހު މިދިޔަ އޮގަސްޓް މަހު ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވި އުމުރުފުޅުން 60 އަހަރުގެ އުރުދުގާން މަސައްކަތް ކުރައްވަމުން ގެންދެވީ ގާނޫނުއަސާސީ އިސްލާހުކޮށްގެން، ވެރިކަމުގެ ބާރުތައް ރައީސަށް ބަދަލުކުރުމަށެވެ.

އެކަމަކު، އެއީ އެޗްޑީޕީ އާއި އެ ނޫން ވެސް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަަށް ފާޑުކިޔަމުން އަންނަ ކަމެެކެވެ. އެހެންވެ، މަޖިލީހުގެ އަގުލަބިއްޔަތު ގެއްލުމާ އެކު އެ މަސައްކަތް ކާމިޔާބުކުރަން އުރުދުގާނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެ އެވެ.