ހަބަރު

ކޮލަމާފުށީ 18 މީހުންގެ ދިފާއުގައި ވަކީލުންގެ ބޮޑު ޓީމެއް

ގއ. ކޮލަމާފުށިން ހައްޔަރުކޮށްފައިވާ 18 މީހުންގެ ދިފާއުގައި ގާނޫނީ ވަކީލުންގެ ބޮޑު ޓީމެއް މަސައްކަތް ކުރައްވަން ނިންމަވައިފި އެވެ. އެގޮތުން މަޝްހޫރު 18 ވަކީލެއް އެ ޓީމުގައި ހިމެނިވަޑައިގަންނަވަ އެވެ.

ޕީޕީއެމްގެ ޖަގަހަ އާއި ކެމްޕެއިން މުދަލަށް ގެއްލުންދިން ކަމަށް ބުނެ ޓެރަރިޒަމްގެ ތުހުމަތުކޮށްފައިވާ 18 މީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފަ އެވެ. އެ މުއްދަތު ހަމަ ވާނީ މި މަހުގެ 14 ވާ ހުކުރު ދުވަހަށެވެ.

އެމީހުންގެ ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް 13 ވާ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރާނެ އެވެ. ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ، ވަކީލުންގެ ޓީމު 13 ވަނަ ދުވަހު ގއ. ވިލިނގިއްޔަށް ވަޑައިގަންނަވާނެ ކަމަށެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމާނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުންނެވެ.

ވަކީލުންގެ ޓީމުގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއި ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލް ހިސާން ހުސެއިންނާއި ވަކީލް ނޫރުއްސަލާމް އަބޫބަކުރާއި ވަކީލް އަހުމަދު އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ.

ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލެއް ހަމަޖައްސާފައިވާއިރު އެގޮތަށް ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުންނެވެ. އެ ގާނޫނުގައިވާ ގޮތުން އެއް ތުހުމަތެއް ކުރެވޭ ދެ މީހަކަށް ތަހުގީގު މަރުހަލާގައި އެއް ވަކީލެއް އައްޔަނެއް ނުކުރެވޭނެ އެވެ.

މަހުފޫޒު ވިދާޅުވި ގޮތުގައި، ވިލިނގިލީގެ އިތުރުން ވަކީލުން މި ދަތުރުގައި ކޮލަމާފުއްޓަށް ވެސް ވަޑައިގަންނަވާނެ އެވެ. އަދި ތިން ދުވަހުގެ ދަތުރުގައި ހިލޭ ގާނޫނީ ލަފާ ދިނުމުގެ ހަރަކާތްތަކާއި ގާނޫނަށް މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އެ ވަކީލުން ހިންގަވާނެ އެވެ.