ގއ. ވިލިނގިލި

ކުއްޖާގެ މައްސަލަ ބަލަން އެމްޑީޕީ އާއި ޑިމޮކްރެޓުން ގޮވާލައިފި

ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައުން ލަސްވި ކުއްޖާ މާލޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މައްސަލަ ބެލުމަށް ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީން ގޮވާލައިފި އެވެ.

ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ޚާލިދު (13އ) މަރުވީ ވިލިނގިލި މާލެ ގެނެސް އައިޖީއެމްއެޗްގައި އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ވިލިނގިލި އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުން މިކުއްޖާ މާލެ ފޮނުވަން އަންގާފައި ވަނިކޮށް ކުއްޖާ މާލެ ގެނެވުނީ އޭގެ 16 ގަޑިއިރު ފަހުންނެވެ. އެހެންވެ ކުއްޖާ މަރުވީ މާލެ ގެނައުން ލަސްވެގެން ކަމަށް ބައެއް މީހުން ބުނެ އެވެ.

ދަ ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަވަހަށް ފަރުވާލިބެންޖެހޭ ކުއްޖާ އިމަޖެންސީކޮށް އުފުލުމުގައި ކަންހިނގާފައިވާ ގޮތާމެދު ސަރުކާރުން މިހާތަނަށް ހާމަކުރި ވާހަކަތަކުން އެކަމުގައި އިހުމާލުވާކަން އެނގޭ ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ އެކި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ފުރިހަމަ ގޮތުގައި އަދިވެސް ލިބެން ނެތުމާއެކު ބަލި ހާލަތު ބޮޑުވުމުން މާލެ ގެންނަންޖެހޭކަން އެނގޭއިރު ބަލިމީހުން އިމަޖެންސީކޮށް އުފުލޭނެ އިންތިޒާމަކީ ޔަގީންކަމާއެކު ހަމަޖެހިފައި އޮންނަންޖެހޭ ނިޒާމެއް ކަމަށް ދަ ޑިމޮކްރެޓްސް އިން ވަނީ ބުނެފަ އެވެ.

"އެންމެ ފަހުން މި ހިނގި ހިތާމަވެރި ހާދިސާއިން އިނގެނީ އެކަން އެހާ އިތުބާރާއެކު ހަމަޖެހިފައި ނެތްކަމެވެ." ދަ ޑިމޮކްރެޓްސް އިން ބުނެފައިވެ އެވެ.

މި ހާދިސާގައި އިހުމާލުތަކެއް ވާކަން މިހާތަނަށް ސަރުކާރުން ހާމަކުރި މައުލޫމާތުން އިނގޭތީ އެކަމުގެ ފުރިހަމަށް ތަހުގީގެއް ހިންގައި އިހުމާލުވި މީހުން ޖަވާބުދާރީ ކުރުވުމަށް ދަ ޑިމޮކްރެޓްސް އިން ވަނީ ގޮވާލާފަ އެވެ.

މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކުގެ ޕްރޮސީޖާތަކާއި ޕޮލިސީތަކާއި އަދި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ އިމަޖެންސީގައި ބަލި މީހުން އުފުލޭނެ އިންތިޒާމުތައް ހުރިކަން ކަށަވަރުވާއިރު އެ ވަސީލަތްތައް ބޭނުން ނުކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

މިކަމުގައި ސަރުކާރުގެ އިސްވެރިން ޒިންމާ ނަގައި އާއިލާގެ ފަރާތުން މައާފަށް އެދުމަށްވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު މަހުގެ އެއްވަނަ ދުވަހު ފެށުމާ ހަމައަށް ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންޖެހޭ ކޮންމެ ހާލަތެއްގައި ބޭނުންކުރުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.