ދުނިޔެ

ފަލަސްތީނު: ޒުވާނަކު ޝަހީދުކޮށް 200 މީހުން ޒަހަމްކޮށްލައިފި

Sep 8, 2018

ޣައްޒާ (ސެޕްޓެމްބަރު 8) - ފަލަސްތީނު ރައްޔިތުންގެ ބިން އަނބުރާ ދިނުމަށް ގޮވާލާ ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި މުޒާހަރާތައް ކުރިއަށް ގެންދާތާ ހަތަރު މަސް ވެފައިވާއިރު، އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި އިޒްރޭލު ސިފައިން ނުކުމެ ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށް 200 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި އެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެ ބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެ މީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

މިއަހަރުގެ މާޗް 30 ގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 167 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

އިއްޔެ ވެސް ކުރިއަށްދިޔަ މުޒާހަރާތަކުގައި އިޒްރޭލު ސިފައިން ވަނީ ބަޑިޖަހާ ފަލަސްތީނުގެ 17 އަހަރުގެ ޒުވާނަކު ޝަހީދުކޮށްލާފަ އެވެ. ފަލަސްތީނު ހެލްތު މިނިސްޓްރީގެ އޮފިޝަލުން ބުނި ގޮތުގައި، މުޒާހަރާގެ ބައިވެރިންނަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި 210 މީހުން ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި 15 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.