ހޮލީވުޑް

ބާޓް ރެނޯލްޑްސް މަރުވެއްޖެ

ހޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު އަދި ޑައިރެކްޓަރު ބާޓް ރެނޯލްޑްސް މަރުވެއްޖެ އެވެ. އުމުރުން 82 އަހަރުގައި ބާޓް މަރުވީ، ބަލިވެގެން ފްލޮރިޑާގެ ހޮސްޕިޓަލެއްގައި އެޑްމިޓުކޮށްފައި އޮއްވާ އިއްޔެގެ ވަގުތެއްގަ އެވެ. ބާޓް މަރުވިކަން އޭނާ މެނޭޖަރު ވަނީ ހޮލީވުޑް ރިޕޯޓާއަށް ކަށަވަރުކޮށްދީފަ އެވެ.

ބާޓް މަރުވިއިރު ދިޔައީ ހިތުގެ ބައްޔަކަށް ފަރުވާކުރަމުންނެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ހިތުގެ ބައިޕާސް ސާޖަރީއެއްވެސް ކޮށްފަ އެވެ. އަދި 2013 ވަނަ އަހަރުވެސް ފުލޫޖެހި، ވަރަށް ބޮޑަށް ބަލިވެގެން ގިނަ ދުވަސްތަކެއް ވަންދެއް ހޮސްޕިޓަލުގައި ބާއްވާފައިވެ އެވެ.

ފިލްމު "ޑެލިވަރަންސް"، "ދި ލޯންގެސްޓް ޔާޑް"، "ސްމޯކީ" އަދި "ބެންޑިޓް" ފަދަ ފިލްމުތަކުން، ހަތްދިހަ އަދި އައްޑިހާގެ އަހަރުތަކުގައި ވިދާލި ބާޓްއަކީ އޭނާގެ ފިރިހެންވަންތަ ހަށިގަނޑާއި އަދި އޭނާގެ "ޓްރޭޑްމާކް މަސްޓޭޗް" ނުވަތަ މަތިމަސް ބަހައްޓާ ސްޓައިލްއަށް މަޝްހޫރު އެކްޓަރެކެވެ. އޭނާގެ ފިލްމުތަކުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީވެސް މިއީ އެވެ.

ބާޓް ރެނޯލްޑްސްގެ ފިލްމު "ޑެލިވަރެންސް" ގެ މަންޒަރެއް.

އައްޑިހާގެ އަހަރުތަކުގެ މެދުތެރެޔާ ޖެހެންދެން އޭނާގެ ފިލްމުތަކުން ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދި އެވެ. ނަމަވެސް އޭގެފަހުން ފިލްމުތަކަށް ލިބެމުންދިޔައި ތަރުހީބު ކުޑަވެ، އޭނާގެ ކެރިއަރު އަޑިއަޅާލި އެވެ. ނަމަވެސް 1997 ގައި އޮކްސާއަށް ނޮމިނޭޓުވުމާއެކު އޭނާގެ މަގުބޫލުކަން އަނެއްކާވެސް އިތުރުވެގެންދިޔަ އެވެ.

ބާޓް ދެމީހަކާއި ކައިވެނިކުރި އެވެ. އަދި ލޯބީގެ ގޮތުން ވަރަށް ގިނަ މީހުންނާއި ގުޅިގެން އުޅުނެވެ. އޭނާ ހުންނަނީ އެންމެ ކުއްޖެކެވެ.