ސާފް ސުޒުކީ ކަޕުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާ ދެކޮޅަށް ކުޅޭ މެޗުގައި ތަނަވަސް ކުރެވޭ ފުރުސަތުތަކުގެ ބޭނުން ހިފޭނެ ގޮތަކަށް ގޭމްގެ ޕްލޭން އެކުލަވައިލާނެ ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.
ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި، މިދިޔަ ހުކުރު ދުވަހު ލަންކާ އަތުން އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. އެ މެޗުގައި ވެސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. ރާއްޖެއަށް ދިމާވި މައްސަލައަކީ ލިބޭ ފުރުސަތުތައް ނިންމާ ނުލެވުމެވެ. އެ މެޗަށް ފަހު ވާހަކަ ދައްކަމުން ޝެގަޓް ބުނެފައި ވަނީ، ރާއްޖެއަށް މަދުވީ ގޯލެއް ޖެހުން ކަމަށެވެ.
އޭނާ ބުނީ، ލަންކާ މެޗަށް ފަހު ލިބޭ މުއްދަތުގައި ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. ރާއްޖެއާ ދެކޮޅަށް ނިކުންނައިރު އިންޑިއާއަށް އޮތް އެޑްވާންޓޭޖަކީ އިންޑިއާއަށް އަރާމު ކުރަން ތިން ދުވަސް ލިބުމެވެ. މެޗަށް ނުކުންނައިރު އިންޑިއާ އޮތީ ސެމީ ފައިނަލުގަ އެވެ. ސެމީއަށް ދިއުމަށް ޓަކައި ރާއްޖެއިން އިންޑިއާ އަތުން ޕޮއިންޓެއް ހޯދަން ޖެހެ އެވެ.
"އަހަރެމެންނަށް ޕްރެޝަރު އެބައޮތް ނަމަވެސް އަހަރެމެން އަތުގައި އަމިއްލަ ބާރު އެބައޮތް، ގިނަ ކަންކަން ރަނގަޅުކޮށްގެން އަހަރެމެން މެޗަށް ނިކުންނަން ޖެހޭނީ،" ޝެގަޓް ބުންޏެވެ. "އަހަރެން ބަލާނަން އަހަރެމެން އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކަކީ ކޮބައިކަން އެކަންކަންވެސް ރަނގަޅު ކުރެވޭނެ."
އޭނާ ބުނީ، މުބާރާތް ކާމިޔާބު ކުރާ ކޮންމެ ޓީމަކުން ވެސް އިންޑިއާ ބަލި ކުރަން ޖެހޭނެ ކަމަށެވެ. މި އަހަރުގެ މުބާރާތަށް އިންޑިއާ އައީ އެ ގައުމުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ގޮވައިގެންނެވެ. އިންޑިއާގެ ކޯޗް ސްޓެފަން ކޮންސްޓަންޓީން ބުނީ 23 އަހަރުން ދަށުގެ ޓީމު މުބާރާތަށް ގެނައި ކުރިއަށް އޮތް ތިން އަހަރަށް ވަރުގަދަ ޓީމެއް އެކުލަވައިލުމުގެ ބޭނުމުގައި ކަމަށެވެ. ޝެގަޓް ބުނީ 23 އަހަރުން ދަށުގެ ޓީމު ވިޔަސް އިންޑިއާގެ ޓީމު ވަރަށް ވަރުގަދަ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު ހަވީރު 6:00 ގަ އެވެ.