ކުޅިވަރު

ފޭދޫގެ ހަބޭސް ސަރަހައްދުން ޗެމްޕިއަނަކަށް!

ސާފް ޗެމްޕިއަންޝިޕް 2008 ގެ ފައިނަލު މެޗު، އަވަށްޓެރި ލަންކާގެ ކޮމަބޯގެ ސުގަތަދާތަ ސްޓޭޑިއަމްގައި އިންޑިއާ އާ ދެކޮޅަށް ރާއްޖެއިން ކުޅެމުން ދިޔަ އެވެ. ޓީވިން ވަގުތުން ދައްކަމުން ދިޔަ މެޗު ސ. ފޭދޫގައި ބަހައްޓާފައި ހުރި ބޮޑު އިސްކުރީނުން މެޗު ބަލަން ހުރީ އުމުރުން 15 އަހަރުގެ ޒުވާނެކެވެ.

ބޮޑު އިސްކުރީން ބަހައްޓާފައި ހުރީ ފޭދޫގެ ޒުވާން ކުދިން އެއްވެ އުޅޭ ސަރަހައްދުގަ އެވެ. އެ ކުދިންގެ ބަހުންނަމަ "ހަބޭސް ސަރަހަދު" ގަ އެވެ. އެތަނުގައި މެޗު ބަލަން ހުރި އުމުރުން 15 އަހަރުގެ ޒުވާނަކީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އިބްރާހިމް މަހްދީ ހުސައިން (ހައްބޭސް އިއްބެ) އެވެ.

އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި މުހުތާރު ނަސީރު (ޓޫކިލޯ) އިންޑިއާ ކޮޅަށް ބާރު އުންޑައެއްހެން ލަނޑުން ފޭދޫގެ ބޮޑު ސްކުރީނުން މެޗު ބަލަން ހުރި އިއްބެ އުފަލުން ގައިން ހީބިހިނަގައިގެން ދިޔަ އެވެ. ގައުމީ ޖޯޝުން އޭނާ ލޭ ކައްކުވާލި އެވެ. މެޗު ބަލަން ހުރެ ވަރުގަދަ އަޒުމެއް ކަނޑައެޅި އެވެ. ފުޓްބޯޅައިން ބޮޑު ކާމިޔާބެއް ގެންނައިރު އޭނާގެ ހިއްސާ ރާއްޖޭގެ ގައުމީ ޓީމުގައި އޮންނަން އޭނާ އަޒުމު ކަނޑައެޅި އެވެ.

"އޭރުވެސް ހިތައް އެރި ގައުމީ ޓީމަށް އަޅުގަނޑު ވެސް ކުޅޭ ނަމޭ، އޭރު ފައިނަލު މެޗު ބަލަން އިނދެ ވެސް ހިތަށް އެރި، ރާއްޖެއިން ތައްޓެއް ހޯދާއިރު އެ ކާމިޔާބުގައި އަހަރެން ހިއްސާ ވާނަމޭ،" އޭރު ޝުއޫރުތައް އިއްބެ އަވަސް އާ ހިއްސާ ކުރި އެވެ. "އޭރުންސުރެ ހިތަށް އަރައިގެން ހުރި ކަމެއް އަޅުގަނޑު ހުރެގެން ހާސިލު ކުރެވުނީމަ ވަރަށް ބޮޑު އުފަލެއް ލިބުނު."

މިދިޔަ އަހަރުގެ ފައިނަލު މެޗުގައި އިންޑިއާ ކޮޅަށް ރާއްޖޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އިއްބެ އެވެ. އެއީ މުޅި އޭނާގެ ކެރިއަރުގައި ވެސް ޖެހި އެންމެ ހާއްސަ ލަނޑަށް ވެގެންދާނެ އެވެ. އެހެން ނަމަވެސް އޭނާ ޖެހި ލަނޑުގެ ވާހަކަ ދައްކަން އިއްބެ އެހާ ގަޔާއެއް ނުވި އެވެ. އޭނާ ބުނީ ކާމިޔާބު ލިބުނީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ކަމަށެވެ.

"އެއީ ވަރަށް ބައިވަރު މަސައްކަތް ޓީމުގެ ހިމެނޭ ކޮންމެ މެންބަރަކު ވެސް މި މަސައްކަތުގައި ހިއްސާވި، އެވަރަށް މަސައްކަތް ނުކުރިނަމަ މި ކާމިޔަބެ ނުލިބޭނެ." އިއްބެ ބުންޏެވެ.

މުބާރާތަށް ރާއްޖެއިން ކުރިމަތިލީ ވަރަށް ޒުވާން ސްކޮޑަކާއެކު އެވެ. މުބާރާތް ޗެމްޕިއަންކަން ހޯދައިގެން ރާއްޖެއިން ނިންމާލީ ބަދަލު ދެ ކީޕަރުން ފިޔަވައި ސްކޮޑުގައި ހިމެނުނު ކޮންމެ ކުޅުންތެރިޔަކަށް މުބާރާތުން ކުޅުމުގެ ފުރުސަތު ދީގެންނެވެ.