ސާފް ސުޒުކީ ކަޕް

ގައުމީ ބޭންކުން ގައުމީ ޓީމަށް ހަ ލައްކަ ރުފިޔާ ހަދިޔާކޮށްފި

މިދިޔަ މަހު ބަންގުލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ ކާމިޔާބުގެ އަގުވަޒަން ކުރުމުގެ ގޮތުން، ގައުމީ ޓީމުގެ މެއިން ސްޕޮންސާ ގައުމީ ބޭންކު 'ބީއެމްއެލް' އިން ގައުމީ ފުޓްބޯޅަ ޓީމަށް ހަ ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދީފި އެވެ.

މިދިޔަ އަހަރުން ފެށިގެން ގައުމީ ޓީމުގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އެވެ. ޖެން ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްއިން ގައުމީ ޓީމަށް ދިން 600،000 ރުފިޔާގެ އަގު ހުރި ޓޯކަން، ގައުމީ ޓީމާ ހަވާލު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑުރޫ ހީލީ އެވެ. ގައުމީ ޓީމުގެ ފަރާތުން ޓޯކަން އާ ހަވާލުވީ ޓީމުގެ ކެޕްޓަން އަކުރަމް އަބުދުލް ގަނީ އެވެ.

ބޭންކުން، ދިން ހަ ލައްކަ ރުފިޔާ ބެހިގެން ދާނީ ޓީމުގައި ހިމެނުނު 20 ކުޅުންތެރިންނާއި 10 އޮފިޝަލުންގެ މެދުގަ އެވެ. އެހެން ކަމުން ސްކޮޑުގައި ހިމެނުނު ކޮންމެ މެންބަރަކަށް 20،000 ރުފިޔާ ލިބޭނެ އެވެ. ބީއެމްއެލުން ބުނީ، ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ޓީމުގެ ކޮންމެ މެންބަރަކަށް ހާއްސަ ރީލޯޑަބަލް މާސްޓާ ކާޑެއް ދީފައި ވާނެ ކަމަށެވެ.

ޓޯކަން ހަވާލު ކޮށްދެއްވުމުގެ ކުރިން ކުޅުންތެރިންނާ މުހާތަބުކޮށް އެންޑޫރޫ ހީލީ ވިދާޅުވީ، ސާފު ޗެމްޕިއަންޝިޕް ފައިނަލު މެޗު ބަލަމުން ދިޔައިރު އޭނާއަށް އުފާވެރި ޝުރޫތަކެއް ކުރުވި ކަމަށެވެ. އަދި ރާއްޖެއިން ލީޑް ނެގުމުން މެޗު ނުނިމިގެން އޭނާއަށް ހުރެވުނީ ކެތް މަދުވެފައި ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ވަނީ ގައުމީ ޓީމަށް ސާބަސް ދެއްވައިފަ އެވެ.

މިއީ ސާފު ޗެމްޕިއަންޝިޕުގެ ކާމިޔާބަށް ފަހު، ޓީމުގެ އަގުވަޒަން ކުރުމުގެ ގޮތުން ޓީމަށް ލިބުނު ފުރަތަމަ އިނާމެވެ. ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުން ގައުމީ ޓީމަށް، ސާފުން ދިން 50،000 ޑޮލަރުގެ ފައިސާގެ އިނާމުވެސް ކުޅުންތެރިންނަށް އަދިވެސް ނުލިބެ އެވެ. އަދި ވޭތުވެ ދިޔަ ތިން މަހު ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަވެސް ލިބިފައެއް ނުވެ އެވެ.

މިދިޔަ މަހު 15 ވަނަ ދުވަހު ކުޅުނު ސާފު ޗެމްޕިއަންޝިޕު ރާއްޖެއިން ކާމިޔާބު ކުރީ ފައިނަލުގައި އިންޑިއާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިގެންނެވެ.