ބަންގުލަދޭޝްގައި ބާއްވަން ހަމަޖެހިފައިވާ ދެކުނު އޭޝިއާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް އަންނަ ސެޕްޓެމްބަރު 14 ގައި ފެށުމަށް ސާފުން ނިންމައިފި އެވެ.
ސާފްގެ އެގްޒެކެޓިވް ކޮމިޓީން އިއްޔަ ބޭއްވި އޮންލައިން ބައްދަލުވުމުގައި ނިންމާފައި ވަނީ ސެޕްޓެމްބަރު 14 އިން 25 ށް މުބާރާތް ކުރިއަށް ގެންދިއުމަށެވެ.
ސާފް ޗެމްޕިއަންޝިޕް ބާއްވަން އެންމެ ފުރަތަމަ ތާވަލު ކޮށްފައި އޮތީ މިއަހަރު އެވެ. އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން މުބާރާތް އަންނަ އަހަރަށް ފަސް ކުރުމަށް ސާފުން އޭރު ނިންމީ އެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ވެސް ބޭއްވީ ބަންގުލަދޭޝްގެ ވެރިރަށް ޑާކާ ގަ އެވެ. އެ ފަހަރުގެ މުބާރާތް ރާއްޖެއިން ކާމިޔާބު ކުރީ ފައިނަލުގައި އިންޑިއާ ބަލި ކުރުމަށް ފަހު އެވެ.
އެފަހަރުގެ މުބާރާތަށް ފަހު، ޖެހިގެން އަންނަ މުބާރާތް ބާއްވަން އެންމެ ފުރުތަމަ ފުރުސަތު ދިނީ ޕާކިސްތާނަށެވެ. ބަނގުލަދޭޝްގެ ބާނީ ބަންގުބަންދު ޝައިހު މުޖީބުރަހްމާން އުފަންވެވަޑައިގެންތާ 100 އަހަރު ފުރުމުގެ މުނާސަބު ފާހަގަ ކުރުމުގެ ގޮތުން، ސާފް ޗެމްޕިއަންޝިޕް ބަންގުލަދޭޝްގައި ބޭއްވުމަށް އެ ގައުމުން ހުށަހެޅި އެވެ. ބަންގުލަދޭޝްގެ ބޮޑު ނުފޫޒެއް އޮންނަ ސާފްގެ އެގްޒެކޓިވް ކޮމިޓީން ފާސްކޮށް ނިންމީ، އެ މުނާސަބަތާ ގުޅިގެން މުބާރާތް ބަންގުލަދޭޝްއަށް އެ ފުރުސަތު ދިނުމަށެވެ.
ސީނިއާ ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ޖޫނިއާ މުބާރާތްތަކުގެ ތާރީހުވެސް ސާފްގެ އެގެޒެކެޓިވް ކޮމިޓީން ވަނީ ކަނޑައަޅާފަ އެވެ.
-19 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕް ޖުލައި 13-22 އަށް
- 16 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕް އޯގަސްޓް 18-27 އަށް
- 15 އަހަރުން ދަށުގެ ފިރިހެން ސާފް ޗެމްޕިއަންޝިޕް އޯކްޓޯބަރު 1-10 އަށް
- 18 އަހަރުން ދަށުގެ ފިރިހެން ސާފް ޗެމްޕިއަންޝިޕް އޯކްޓޯބަރު 15-24 އަށް
އުމުރު ފުރާތަކުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ގައުމުތައް ފަހުން ކަނޑައަޅާ ގޮތަށް ސާފްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފަ އެވެ.