މިދިޔަ މަހު ބޭއްވި ސާފު ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްބޯޅަ ޓީމަށް ބޯނަސް ފައިސާ ދޭން ޖެހުމުން، ސަރުކާރުގެ ރާގު ބަދަލުވެއްޖެ އެވެ.
ރަން ވަނަ ހޯދި ގައުމީ ޓީމަށް ސަރުކާރުން ފައިސާ ބޯނަސް ދޭގޮތަށް ހަމަޖެހިފައި ވަނީ ރިހި މެޑަލް ހޯދުމުން ދޭ ވަރަށެވެ. އެހެން ނަމަވެސް އޯގަސްޓް 2015 ވަނަ އަހަރު ސަރުކާރުން ކަނޑައެޅި އުސޫލުގައި ބުނެފައި ވަނީ ބައިނަލްއަގުވާމީ ކުޅިވަރު އިވެންޓްތަކުން ރަން މެޑަލް ހޯދާ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭނީ 35،000 ރުފިޔާ ކަމަށެވެ.
ގައުމީ ޓީމަށް 25،000 ރުފިޔާ ދިނުމަށް ސްޕޯޓްސް ކައުންސިލުން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. އެހެންނަމަވެސް 25،000 ރުފިޔާ އަކީ، އޯގަސްޓް 2015 ގައި ކަނޑައެޅި އުސޫލުގެ ދަށުންނަމަ ރިހި މެޑަލު ހޯދުމުން ދޭ އަދެވެ. އެ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދި އެތުލީޓުންނަށް ބޯނަސް ފައިސާ ދިީފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ މި އުސޫލުގެ ދަށުންނެވެ.
އޯގަސްޓް 2015 ގައި ސަރުކާރުން ކަނޑައެޅި އުސޫލުގެ ދަށުން ފައިސާ ދޭނެ ގޮތް ތިރިގައި މިވަނީ އެވެ.
ޓީމު އިވެންޓްތަކަށް ފައިސާ ދޭނެ ގޮތް
- ރަން މެޑަލް ހޯދާ ޓީމުތަކުގެ ކޮންމެ ކުޅުންތެރިއަކަށް 35،000 ރުފިޔާ
- ރިހި މެޑަލް ހޯދާ ޓީމުތަކުގެ ކޮންމެ ކުޅުންތެރިއަކަށް 25،000 ރުފިޔާ
- ލޯ މެޑަލް ހޯދާ ޓީމުތަކުގެ ކޮންމެ ކުޅުންތެރިއަކަށް 15،000
އިންޑަވިޖުއަލް އިވެންޓްތަކުން ފައިސާ ދޭނެ ގޮތް
- ރަން މެޑަލް ހޯދާ ކުޅުންތެރިންނަށް 250،000 ރުފިޔާ
- ރިހި މެޑަލް ހޯދާ ކުޅުންތެރިންނަށް 100،000 ރުފިޔާ
- ލޯ މެޑަލް ހޯދި ކުޅުންތެރިންނަށް 20،000 ރުފިޔާ
ނަން ހާމަކުރުމަށް ނޭދޭ ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލެއް "އަވަސް" އަށް ވިދާޅުވީ އޭރު 35،000 ދޭން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައެޅި އުސޫލަކީ ހަމައެކަނި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ކަނޑައެޅި އުސޫލެއް ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރުން އޭރު އިއުލާން ކުރީ، ބައިނަލުއަގްވާމީ މުބާރާތްތަކުން މެޑަލް ހޯދާ އެތުލީޓުންނާއި ޓީމުތަކަށް ފައިސާ ދިނުމުގެ އުސޫލުގެ ނަމުގަ އެވެ. ފަހުން ސްޕޯޓްސް ކައުންސިލުން އުސޫލު ބަދަލު ކުރިކަމަށް އޮފިޝަލު ވިދާޅުވި ނަމަވެސް އެ ކައުންސިލުން އެފަދަ އުސޫލެއް ކަނޑައެޅި ކަމެއް އެއްވެސް އިރެއްގައި މިޑިއާއަށް ހާމަކޮށްފައެއް ނެތެވެ.
އޭރު ރަން މެޑްލް ހޯދާ ޓީމުތަކަށް 35،000 ރުފިޔާ ކަނޑައަޅުމަށް ފަހު، ސާފު ޗެމްޕިއަންޝިޕު ކާމިޔާބު ކުރި ޓީމަށް 25،000 ރުފިޔާ ދޭން ނިންމީ ކޮން އުސޫލަކުންތޯ ސުވާލު ކުރުމުން އޮފިޝަލު ވިދާޅުވީ ސާފު ޗެމްޕިއަންޝިޕަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކެޓަގަރީގެ މުބާރާތެއް ނޫން ކަމަށެވެ.
"ގައުމަކުން ބާއްވާ އިންވިޓޭޝަނަލް މުބާރާތަކުން މެޑަލް ގެންނަ ކޮންމެ ފަހަރަކު ހަމަ އިންޓަނޭޝަނަލް މުބާރާތަކުން މެޑަލް ގެނައުމުން ދޭ އުސޫލާ އެއް އުސޫލެއްގެ ދަށުން އެ ކެޓަގަރީގައި ނުހިމެނޭ މުބާރާތްތަކުން ފައިސާ ދެވޭނެ ގޮތެއް ނޯންނާނެ." އޮފީޝަލު ވިދާޅުވި އެވެ.
ބަނގުލަދޭޝްގައި ބާއްވާ ބަންގުބަންދު ގޯލްޑު ކަޕު ނުވަތަ އިންޑިއާގައި ބާއްވާ ނެހެރޫ ކަޕުގެ ޗެމްޕިއަންކަން ހޯދުމުން، އިންޓަނޭޝަނަލް އެހެން މުބާރާތްތަކާ އެއް އުސޫލަކުން ފައިސާ ނުދެވިދާނެ އެވެ. ނަމަވެސް ސާފު ޗެމްޕިއަންޝިޕަކީ އޭޝިއާގެ މައި ފުޓްބޯޅަ އިދާރާގެ ދަށުން އޮންނަ ސަބު އެސޯސިއޭޝަނެއް ކަމަށްވާ ސައުތު އޭޝިއަން ފުޓްބޯލް ފެޑްރޭޝަންގެ މުބާރާތެވެ.
އޭޝިއާ އަކީ އެންމެ ބޮޑު ބައްރު ކަމަށް ވުމުން، އޭއެއެފްސީން އޭޝިއާ ބަހާލަފައި ވަނީ ފަސް ޒޯން އަކަށެވެ. އޭގެ ތެރެއިން އެއް ޒޯންއަކީ ސައުތު އޭޝިއަން ފުޓްބޯލް ފެޑްރޭޝަން އެވެ. އޭއެފްސީގައި އޮންނަ ފެޑްރޭޝަންތަކުން އެ ޒޯންއަކަށް ހާއްސަ މުބާރާތް ބާއްވަ އެވެ. ސާފު ޗެމްޕިއަންޝިޕުގެ ކުރިން ވެސްޓް އޭޝިއަން ފުޓްބޯލް ފެޑްރޭޝަންގެ މުބާރާތް ވާފު ޗެމްޕިއަންޝިޕުވެސް މިދިޔަ މަހު ނިމިގެން ދިޔަ އެވެ.
ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުން ގައުމީ ޓީމަށް، ސާފުން ދިން 50،000 ޑޮލަރުގެ ފައިސާގެ އިނާމުވެސް ކުޅުންތެރިންނަށް އަދިވެސް ނުލިބެ އެވެ. އަދި ވޭތު ވެދިޔަ ތިން މަހު ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަވެސް ލިބިފައެއް ނުވެ އެވެ.
ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިތާ މިހާރު އެއް މަސްވެފައިވާ އިރު ޓީމަށް ލިބެން ޖެހޭ ބޯނަހެއް އަދި މިދިޔަ ތިން މަހުގެ މުސާރަވެސް ނުލިބެ އެވެ. ބައެއް ކުލަބުތަކުން ލިބެން ޖެހޭ މުސާރަ ނުލިބުމުގެ އިތުރަށް ގައުމީ ޓީމުން ލިބެން ޖެހޭ މުސާރަވެސް ނުލިބުމުން ކުޅުންތެރިންގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް ގޮސްފަ އެވެ.
ސާފު ޗެމްޕިއަންޝިޕު ކާމިޔާބު ކުރުމުން، އެކަމުގެ އަގުވަޒަންކޮށް ކުޅުންތެރިންނަށް މިހާތަނަށް އިނާމު ދިނީ، ގައުމީ ޓީމުގެ ސްޕޮންސާ ބޭންކު އޮފް މޯލްޑިވްސްއިންނެވެ. ގައުމީ ބޭންކުން މިއަދު ވަނީ ގައުމީ ޓީމަށް 600،000 ރުފިޔާގެ ޓޯކަންއެއް ދީފަ އެވެ.
ބޭންކުން، ދިން ހަ ލައްކަ ރުފިޔާ ބެހިގެން ދާނީ ޓީމުގެ ހިމެނުނު 20 ކުޅުންތެރިންނާއި 10 އޮފިޝަލުންގެ މެދުގަ އެވެ. އެހެން ކަމުން ސްކޮޑުގައި ހިމެނުނު ކޮންމެ މެންބަރަކަށް 20،000 ރުފިޔާ ލިބިގެންދާނެ އެވެ. ބީއެމްއެލުން ބުނީ، ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ޓީމުގެ ކޮންމެ މެންބަރަކަށް ހާއްސަ ޓްރެވެލްކާޑެއް ދީފައި ވާނެ ކަމަށެވެ.
ގައުމީ ޓީމު މާލެ ގެނައީވެސް ތަށި ކާމިޔާބު ކުރިތާ ތިން ދުވަސް ފަހުންނެވެ. އޭ380 ގެ ބޮޑު މަތިންދާ ބޯޓްގައި ގައުމީ ޓީމު މާލެ ގެނައި ނަމަވެސް އެ ޓީމަށް އެކަށީގެންވާ ރިސެޕްޝަނެއް ދީފައެއް ނުވެ އެވެ.