މިދިޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުރިތާ މިއަދަށް އެއް އަހަރު ފުރުނީ އެވެ. މީގެ 13 ވަރަކަށް މަސް ދުވަހުގެ ކުރިއަށް ޖެހިލާއިރު، ރާއްޖެއަށް މުބާރާތުގައި އޮތް ޗެލެންޖާއި ފާޑުކިޔުން ވެސް އެހާ ބޮޑެވެ.
ސާފް ޗެމްޕިއަންޝިޕް ފެށުމުގެ އެތައް މަސްތަކެއް ކުރިން، އެ މުބާރާތް ކާމިޔާބު ކުރުން ލާޒިމު ނޫން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވުމުން، އެފްއޭއެމްއަށާއި ގައުމީ ޓީމަށް އޮތް ފާޑުކިޔުންތައް އިތުރުވެގެން ދިޔަ އެވެ.
ބައްސާމް އޭރު ވިދާޅުވެފައި ވަނީ އޭނާ ފެއްޓެވީ ގައުމީ ޓީމުތަކެއް ބިނާ ކުރުމުގެ މަސައްކަތް ކަމަށާއި ބިނާ ކުރުމުގެ މަސައްކަތް ފަށާއިރު ފުރަތަމަވެސް މުބާރާތް ކާމިޔާބު ކުރުމުގެ ވާހަކަ ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ. ބައްސާމް ވިދާޅުވެފައި ވަނީ އޭގެ ކުރިން އެފްއޭއެމްގެ އެކި ދައުރުތަކުގައި އެކަމަށް މަސައްކަތް ކޮށްފައި އޮތްނަމަ އޭނާއަށް އެ މަސައްކަތް އަލުން ފަށަން ނުޖެހުނީސް ކަމަށެވެ. އެ ވާހަކައާއެކު ކުރިމަތިވި ފާޑު ކިޔުންތަކަށް ޖަވާބެއް ނުދީ ރާއްޖެއިން ނެގީ ވަރަށް ޒުވާން ޓީމެކެވެ.
އެހިސާބާ ހަމައަށް ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ގޮތުގައި ތިބި ބައެއް ކުޅުންތެރިން ސްކޮޑުން ބާކީ ކުރި އެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމޭރު، ޝާފިއު އަހްމަދު (ޝާފީ) މުހައްމަދު ރަޝީދު (ހޮކޭ) އަހްމަދު އަބްދުﷲ (ލިލީ) މެން ފަދަ ކުޅުންތެރިންނަކީ އެހާ ހިސާބާ ހަމައަށް ގައުމީ ޓީމުން ބާރަބަރަށް ޖާގަ ލިބެމުން ދިޔަ ކުޅުންތެރިންނެވެ.
ކުރިމަތިވި ފާޑު ކިޔުންތަކާއެކު ވެސް ރާއްޖެއިން ސްކޮޑު ފައިނަލު ކުރި އެވެ. އެއީ ސަރަހައްދީ ބޮޑު ފުޓްބޯޅަ މުބާރާތަށް ރާއްޖެއިން މިހާތަނަށް ގެންދިޔަ އެންމެ ޒުވާން ސްކޮޑެވެ. އޭގެ ކުރީގެ ޗެމްޕިއަން އަދި ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއިން މުބާރާތުގައި ވާދަ ކުރުވީ 23 އަހަރުން ދަށުގެ ޓީމެވެ. އެހާ ހިސާބުން ވެސް ރާއްޖެއަށް ޗެލެންޖު ކުޑައެއް ނުވި އެވެ. ދެހާސް ނުވަ ވަނަ އަހަރުވެސް އިންޑިއާއިން ވާދަ ކުރުވީ 23 އަހަރުން ދަށުގެ ޓީމެވެ. ރާއްޖެއިން ވަރަށް ސީނިއާ ސްކޮޑެއް ވާދަ ކުރުމުން ވެސް އެފަހަރުގެ ޗެމްޕިއަންކަން އިންޑިއާ ހޯދި އެވެ.
ބަންގުލަދޭޝްގެ ޑާކާގެ ބަންދުބަންދު ސްޓޭޑިއަމްއަކީ، ރާއްޖޭގެ ޓީމަށް ނާކާމިޔާބު ދަނޑެކެވެ. އެ ދަނޑުގައި ރާއްޖެއިން ވަނީ ކުރިން ދެ ފަހަރެއްގެ މަތިން ފައިނަލުގައި ކުޅެފަ އެވެ. ބަންގުބަންދު ސްޓޭޑިއަމްގައި ބަންގުލަދޭޝް އާ ދެކޮޅަށް 2003 ވަނަ އަހަރު ރާއްޖެއިން ފައިނަލުގައި ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ހަމަ އެދަނޑުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ވެސް ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން މީގެ ކުރިން ވެސް ރާއްޖެ ބަލިވެފައި ވުމާއި އަދި ޑާކާގައި ކާމިޔާބު ހޯދުމަކީ ދިވެހި ޓީމަށް އުނދަގޫ ކަމެއްގެ ގޮތުގައި އޮތް ޗެލެންޖައި ސީނިއާ ބައެއް ކުޅުންތެރިން ސްކޮޑުން ބާކީ ކުރުމުން ކުރިމަތިވި ފާޑުކިޔުންތަކާއެކު ޒުވާން ޓީމު މުބާރާތާއި ކުރިމަތިލީ ވަރުގަދަ ޗެލެންޖެއް ނަގައިގެންނެވެ.
"އަޅުގަނޑުމެން ހީ ނުކުރާހާ ފާޑު ކިޔުން އަޅުގަނޑުމެންނަށް އަމާޒުވި، ނަމަވެސް އެ ކީ ފާޑު ކިޔުންތަކުން އަޅުގަނޑުމެންގެ ކުޅުންތެރިން ނެގީ ހިތްވަރެއްގެ ގޮތުގައި، އެ މަސައްކަތް ފެނިގެން މިދިޔައީ." މުބާރާތުގެ ކާމިޔާބަށް ފަހު ބައްސާމް އޭރު ވިދާޅުވި އެވެ.
މިހާރުގެ ޒުވާން ޖީލަށް ގައުމީ ޓީމުން ފުރުސަތު ދިނުމާ ހަމައަށް ދެމިއޮތް އެހެން ކަމެއް އޮތެވެ. ޓީމު އިއުލާން ކުރުމުގެ ކުރިން ޓީމުގައި ތިބޭނެ ކުޅުންތެރިން ލަފާ ކޮށްލާފައި ބުނަންން އެންމެންނަށް ވެސް އެނގެ އެވެ. ނުވަތަ ފުރަތަމަ 11 ގައި ގަވާއިދުން ކުޅޭނީ ކޮން ކުޅުންތެރިންނެއްކަން އެންމެންނަށް ވެސް ބުނަން އެނގިފައި އޮތެވެ. އެހާ ހިސާބަށް އެ ހާލަތު ބަދަލުވެގެން ދިޔަ އެވެ. ދެން އައީ އާ ޖީލެކެވެ،
އިގަލްސްގެ މިހާރުގެ ކެޕްޓަން ހުސައިން ޝިފާއު (ކްރޯ) އާއި މާޒިޔާގެ މުޖުތާޒް މުހައްމަދު (މުޖޭ)، އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ގައުމީ ޓީމުގެ މެޗުތަކުން ޖާގަ ހޯދުމުގައި އޮތް ދަތިކަމަށް ނިމުން އައިސް ޓީމުގެ އެންމެ ނަގާ ކިޔާ ކުޅުންތެރިން ކަމުގައި އެ ކުޅުންތެރިން ވެގެން ދިޔަ އެވެ. އޭގެ ތެރެއަށް ހުސައިން ނިހާން (ނިޙާޓް) ވެސް އިތުރުވެ މުޅިން އާ ކުޅުންތެރިންތަކެއް ގައުމީ ޓީމުގައި ނަގާ ކިޔަން ފެށި އެވެ.
އެ ޖީލު ގައުމީ ޓީމުގެ ޑޮމިނެންސް ފެށީ ވެސް އިންޑިއާ ބަލިކޮށް ސަރހައްދުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. އެ ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފު ބަނޑުން ކޮށްލީ މީގެ 11 އަހަރު ކުރިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދޭން ލަނޑު ޖެހި މުހްތާރު ނަސީރު (ޓޫކިލޯ) އެވެ.
އޭރު އަވަސް އަށް ދިން އިންޓަވިއުއެއްގައި ޓޫކިލޯ ބުނެފައިވާ ގޮތުގައި ފުރަތަމަ ފަހަރު ނޫން ނަަމަވެސް އެ ކާމިޔާބަކީ ވަރަށް ހައިބަވެތި ކާމިޔާބެކެވެ.
"ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރަންޏާ އިންޑިއާއާ ބަލި ކުރަން ޖެހޭނީ،" ޓޫކިލޯ އޭރު ބުނެފައި ވެއެވެ. "މި ޒުވާން ކުޅުންތެރިން އެކަން ހާސިލު ކޮށްފި، 2009 ގައި އަޅުގަނޑުމެން ވެސް ފައިނަލުގައި ނިކުތީ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް، އޭރު އަޅުގަނޑުމެންނަށް ކާމިޔާބެއް ނުވި، މިފަހަރު ވެސް އިންޑިއާއިން އެ ނެރުނީ ޒުވާން ޓީމެއް، ރާއްޖޭގެ މިހާރުގެ ޓީމުން އެކަން ހާސިލު ކޮށްފި،"
އެ ކާމިޔާބަށް އެއް އަހަރު ފުރިގެން އަންނައިރު އަނެއްކާވެސް ޓީމަށް އާ ކުޅުންތެރިން ގެނައުމުގެ މަރުހަލާއެއް ވަނީ ފެށިފަ އެވެ. ޓީސީގެ އިބްރާހިމް އައިސަމް (ޓޯނީ) އާއި އީގަލްސްގެ ހައިޝަމް ހަސަން (ބިޑީ) އަދި އެޓީމުގެ މުހައްމަދު ނާއިމު އަދި ފޯކައިދޫގެ ހަސަން ނަޒީމު (ޗޯޓް) އަށް ގައުމީ ޓީމުން ފުރުސަތު ލިބި އެ ކުޅުންތެރިން ދަނީ، އެއް އަހަރު ކުރިން ފުރުސަތު ލިބުނު ގައުމީ ޓީމުގެ އާ ޖީލާއެކު ކުރިއެރުން ހޯދަމުންނެވެ.