ގައުމީ ފުޓްބޯޅް ޓީމް

ސްކޮޑު އެކުލަވައިލަނީ އެފްއޭއެމުންތަ؟

އަންނަ މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ސްކޮޑާ މެދު ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ބަންޑުން ކުރަމުން ދިޔަ ވަގުތެއްގައި، ސްކޮޑް ނެގި ގޮތާމެދު ހުރީ ކޮންކަހަލަ ކަންބޮޑުވުންތަކެއްތޯ އޮފިޝަލަކާ ސުވާލު ކުރީމެވެ.

"އަހަރެން ބޭނުމެއްނޫން ކޮމެންޓެއް ދޭކަށް، ޓީމު ނަގާފައި އޮތީ ސާންތީ [އިހްސާން އަބްދުލް ގަނީ] ބޭނުންވާ ގޮތަށް،" ސުވާލަށް ޖަވާބު ލިބުނެވެ. އެ ޖަވާބާ ގުޅިގެންނާއި އަދި މި ސުވާލަކީ އެންމެންގެ ދޫމަތިން ދެކެވޭ ވާހަކައަކަށް ވުމުން މިއީ ވެސް ދައްކާލަން ޖެހޭ ވާހަކައެއް ކަމަށް ވެއްޖެ އެވެ.

ސްކޮޑް ނަގަނީ އެފްއޭއެމްގެ ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) ބޭނުންވާ ގޮތަށް ހެއްޔެވެ؟ އޭނާގެ ފޭވަރިޓް ކުޅުންތެރިން ސްކޮޑަށް ނެގުމަށް، ސާންތީ ބާރު އަޅާ ހެއްޔެވެ؟ ނުވަތަ ސްކޮޑު ނެގުމުގައި އެފްއޭއެމްގެ އެއްވެސް ދައުރެއް ނުވަތަ ނުފޫޒެއް ގައުމީ ކޯޗަކަށް ހުންނަ މީހަކަށް އެވޭ ހެއްޔެވެ؟

ގައުމީ ސްކޮޑަށް ކުޅުންތެރިން ނަގާ ކޮންމެ ފަހަރަކު، ސްކޮޑާ މެދު ހިތްހަމަނުޖެހުންތައް ފެންމަތި ކުރެ އެވެ. ތުހުމަތު ރައްދު ކުރަނީ އެފްއޭއެމްއަށެވެ. ނުވަތަ އެފްއޭއެމްގައި އެވަގުތެއްގައި ތިބޭ ބަޔަކަށެވެ. އެފްއޭއެމުން ބޭނުންނުވާ ކުޅުންތެރިޔަކު ޓީމަށް ނުނެގުމަށް ކޯޗަށް ބާރު ފޯރުވާ ހެއްޔެވެ. މިއީ ކޮންމެ ފަހަރަކު ކުރެވޭ ތުހުމަތެކެވެ. މިހާރުގެ ކޯޗް ޕީޓާ ޝެގަޓް އާއި ކުރިން މަސައްކަތް ކުރި ދެ ކޯޗުން ކަމަށްވާ، އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓް އާއި ނިއުޒިލެންޑްގެ ރިކީ ހާބަޓްއާ ވެސް މިވާހަކަ ދެއްކީމެވެ. އެ ދެ ކޯޗުންވެސް މީޑިއާގައި ބުނެފައި ވަނީ ޓީމު ނެގުމުގައި ވަކި މީހެއްގެ ނުފޫޒެއް ނެތް ކަމަށެވެ.

"އަހަރެން ސްކޮޑަށް ނެގި މަޝްހުރު ކުޅުންތެރިޔެއްގެ ފެންވަރު ދަށްވުމުން އަހަރެން ވާނެ އެކުޅުންތެރިޔާ ސްކޮޑުން ބާކީކޮށްފައި،" ނިއު ޒިލެންޑް ވޯލްޑްކަޕަށް ގެންގޮސްދިން ހާބަޓް ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ. "އޭނާ [އެ ކުޅުންތެރިޔާ] ބާކީ ކޮށްގެން ވަރަށް ފާޑު ކިޔުންވެސް އައި، އަހަރެން ބޭނުންވާ ފެންވަރު އެ ކުޅުންތެރިޔެއްގެ ކިބައިގައި ނެތް ނަމަ މީހުން ފާޑު ކިޔަސް އަހަރެން އެ ކުޅުންތެރިޔެއް ނުނަގާނަން."

ކުރީގެ ކޯޗް ސްޓްވާޓް ހުރިއިރު މާޒިޔާގެ އެޓޭކިން މިޑްފީލްޑާ އިސްމާއީލް އީސާ (މެސީ)، ގައުމީ ޓީމުގެ ޕްރެކްޓިސް ދޫކޮށް ދިއުމުން ތުހުމަތުގެ އިނގިލި ސްޓްވާޓަށް އަމާޒުވި އެވެ. އޭރު އަވަސްއަށް އޭނާ ދިން އިންޓަވިއުގައި ބުނި ގޮތުގައި އޭނާ ކޯޗަކަށް ހުރެ އިސްމާއީލް އަލުން ޓީމަށް ނުނަގާނެ އެވެ. އެފްއޭއެމުން އެންގި ނަމަވެސް އޭނާގެ ނިންމުން ބަދަލު ނުކުރާނެ އެވެ.

"ޓީމަށް ނަގާނީ ކޮން ކުޅުންތެރިންނެއް ކަން އެނގެނީ އަހަންނަށް، އެފްއޭއެމްގެ ރައީސް އަށްވެސް، އަދި ނެޝަނަލް ޓީމުތަކުގެ ކޮމިޓީގެ ޗެއާމަނަކަށް ވެސް ނޭންގޭނެ މިވެނި ކުޅުންތެރިޔެއް ޓީމަށް ނަގާށެކޭ، ވަކި ކުޅުންތެރިޔަކު ނަގަން އެންގި ނަމަވެސް އަހަރެން އެކަމެއް ނުކުރާނަން،" މިދިޔަ އަހަރު އޮކްޓޫބަރު މަހު އަވަސްއަށް ދިން އންޓަވިއުގައި ސްޓްވާޓް ބުނެފައި ވެއެވެ. "ޓީމުގެ ނަތީޖާ ދަށް ވެގެން ވަޒީފާ ގެއްލޭނެ މީހަކީ އަހަރެން އެހެންވީމަ އެހެން މީހަކު ބޭނުންވާ ކުޅުންތެރިޔެއް އަހަންނެއް އަހަރެން ކޯޗު ކޮށްދޭ ޓީމަކަށް ނުނަގާނަން."

ނަންނުޖަހާ ގޮތަށް ވާހަކަ ދެއްކި ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދިޔައީ، އެ ކުލަބަކަށް ނިސްބަތްވާ ވަކި ކުޅުންތެރިޔަކު ގައުމީ ސްކޮޑުގައި ނުހިމަނައިގެނެވެ. ބައެއް ފަރާތްތަކުން އިސްވެ އެ ވާހަކަ ދައްކަން ބޭނުންވެގެން ގުޅިއެވެ. އެކަންބޮޑުވުމާ ގުޅިފައި ވަނީ އެ ކުލަބުގައި މޮޅަށް ކުޅުނު އެވެނި މިވެނި ކުޅުންތެރިޔަކަށް ފުރުސަތު ނުލިބިގެންނެވެ. ނަމަވެސް ހުރިހާ ކުލަބެއްގެ އޮފިޝަލުންވެސް ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކި، އެއް ކުޅުންތެރިޔަކީ ކުރިގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އޭނާ ޓީމުގައި ނުހިމެނުމުން އެންމެންގެ ފާޑު ކިޔުންތައްވެސް އެފްއޭއެމް އާއި ގައުމީ ކޯޗަށް އޮއްސާލި އެވެ.

އަޝްފާގް ޓީމުގައި ނުހިމެނުމުން، ކަންބޮޑުވުން ފާޅު ކުރުމަށް އެކަމުގައި އެންމެ އިސްކޮށް އުޅުނީ ޓީސީއާ ގުޅުންހުރި އެކި ފަރާތްތަކެވެ. އޭނާ ސްކޮޑަށް ނުނެގުމުން އެކަމާ ހިތްހަމަ ނުޖެހުމުގެ ޝުއޫރު ފާޅު ކުރުމަށް ބޭއްވި ހަރަކާތުގައި އެންމެ ކުރިން ލީޑް ކުރީ ޓީސީގެ ކުރީގެ ރައީސް އަދި ކުލަބުގެ އެއް ފައުންޑަރު އަހްމަދު ނަޝީދު (ޑޭވް) އެވެ. އަޝްފާގް ނުހިމެނުމުން އެ ނިންމުން ބަދަލު ކުރުމަށް ޓީސީއިން އެފްއޭއެމް އަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުތައް ވެސް ކުރެވުނެވެ. ނަމަވެސް ޓީސީގެ ކޯޗް މުހައްމަދު ނިޒާމު ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

"ޓީމެއްގައި ވަކި ގޮތަކަށް ހެދުމަށް ޓީމުގެ މެނޭޖްމެންޓުންވެސް އެ ހުންނަ ކޯޗަކަށް ނުފޫޒެއް ފޯރުވަންޏާ އެއީ ކިހާވަރެއްގެ ކަމެއްކަންވެސް ވިސްނޭ، މިސާލަކަށް ޓީސިގެ މެނޭޖްމެންޓުން ޓީސިގެ ޓީމު ވަކިގޮތަކަށް ނެގުމަށް އަޅުގަނޑަށް އަންގާ ކަމަށް ވަންޏާ އަޅުގަނޑަށް ވަރަށް އުނދަގޫވާނެ، އެހެންވީމަ ޓީސީއަކުން އަދި ޓީސީގެ އެއްވެސް މީހަކުވެސް ގައުމީ ޓީމު ވަކި ގޮތަކަށް ނެގުމަށް ބާރެއް ނާޅާނެ،" ޔަގީން ކަމާއެކު ނިޒާމް ބުންޏެވެ. "ޓީސީން ނުފޫޒު ފޯރުވިނަމަ ޓީސީގެ އިތުރު ކުޅުންތެރިންވެސް ގައުމީ ސްކޮޑްގައި ހިމެނޭނެ."

ޓީސީ މެދުވެރިކޮށް، އަޝްފާގް ޓީމަށް ނެގުމަށް ވެސް ނުނެގުމަށް ވެސް އެއްވެސް ކުލަބަކުންވެސް އަދި އެއްވެސް ފަރާތަކުންވެސް އެފްއޭއެމްއަށް ނުފޫޒެއް ނާންނަކަމަށް ޖެނަރަލް ސެކެޑްޓްރީ ހުސައިން ޖަވާޒު ވިދާޅުވި އެވެ.

ދެ އަހަރު ކުރިން ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި، އަޝްފާގް ވަނީ އިންތިހާބުގައި ވާދަ ކުރެއްވި، އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ. އިންތިހާބާ ގުޅިގެން ތޯރިގް ހިންގި ބައެއް އިވެންޓްތަކުންވެސް އަޝްފާގް ފެނިފައި ވެއެވެ. އިންތިހާބުގައި ކާމިޔާބު ހޯއްދެވީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ބައްސާމް އިންތިހާބުވުމުން އަޝްފާގް އާއި އެފްއޭއެމްއާ ގުޅުން ރަނގަޅު ނޫންކަމަށް ވާހަކަ ފެތުރުނެވެ. އަޝްފާގް ޓީމަށް ނުނެގުމުގައި އެފްއޭއެމްގެ ރައީސް އާއި އޮލިމްޕިކް ކޮމީޓީގެ ރައީސް މުހައްމަދު ޝަވީދުގެ ދައުރެއް އޮތްކަމަށްވެސް ތުހުމަތު ކުރެވުނެވެ. އެ ތުހުމަތުތައް އެފްއޭއެމުން ދޮގު ކުރެ އެވެ.

މިދިޔަ އަހަރު އަވަސްއަށް ދިން އިންޓަވިއުގައި ބައްސާމް ވިދާޅުވި ގޮތުގައި ޓީމަށް ކުޅުންތެރިން ނެގުމުގައި ގައުމީ ކޯޗު ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ދައުރެއް އޮތުމަށް ފުރުސަތު ނުދޭނެ އެވެ.

އަޝްފާގަށް ޓީމުން ފުރުސަތު ދިނުން ރަނގަޅެވެ. ނަމަވެސް އޭގެ ކުރިން އަޝަފްގް އަދާ ކުރަން ޖެހޭ ޒިންމާއެއް އެބައޮތެވެ. މާރިޗް މަހު ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން، ޓީމުގެ އޮފިޝަލް ޕްރެސް ކޮންފަރެންސަށް އޭނާ ނުދިއުމުން، ކޯޗް ޕީޓާ ޝެގަޓް އޭނާ ޓީމުން ބޭރު ކުރިކަމަށް އިއުލާން ކުރީ އަޝްފާގް އަމިއްލައަށެވެ.

ގައުމީ ކެޕްޓަންގެ ގޮތުގައި ހުރެ ޓީމުގެ އޮފިޝަލް ޕްރެސް ކޮންފަރެންސަށް ހާޒިރު ނުވުމުކީ އޭނާ ހެދި ގޯހެކެވެ. އެހެންވެ އެ ގޯހަށް މާފަށް އެދެންޖެހެ އެވެ. މާފަށް އެދުމުގެ ޒިންމާ އަދާ ނުކޮށް ޓީމަށް އޭނާ ނަގާނަމަ ފުޓްބޯޅައިގައި ހިފަހައްޓަން ކޮންމެހެން ލާޒިމުވާ ޕްރޮފިޝަނަލް ގިންތިއާއި އިންތައް ފަހަނައަޅައި ދިޔައީ އެވެ. އަޝްފާގް ޓީމަށް ނެގުމަށް ބާރު އަޅާއިރު އޭނާގެ ޒިންމާވެސް ހަނދާން ކޮށްދޭން ޖެހެއެވެ.

ދެން އޮތީ މި މައުލޫ ފެށުނު ސުވާލެވެ. ސްކޮޑު ނެގުމުގައި ސާންތީ ބޭނުންވާ ކުޅުންތެރިންނަށް އިސްކަން ދޭކަމަށް ބުނެ ކުރާ ސުވާލެވެ. އޭނާއަށް ކުރާ ތުހަުމަތުތަކަށް ޖަވާބު ދޭކަށް ސާންތީ ބޭނުމެއް ނުވެ އެވެ. އޭނާ ހުރީ އެއަށްވުރެ ބޮޑު މަސައްކަތަކަށް ވަގުތު ހުސްކޮންގެންނެވެ.

"އަޅުގަނޑު ޓީމު ނެގީއޭ، އަޅުގަނޑު ބޭނުންވާ ކުޅުންތެރިން ޓީމުގައި ޖެހި ކަމަށް އެ ދައްކާ ވާހަކައަށް ޖަވާބު ދޭކަށް އަޅުގަނޑު ބޭނުމެއް ނޫން،" ސާންތީ ވާހަކަ ދެއްކި އެވެ. "އެ ދައްކާ ވާހަކައާއި ކުރާ ތުހުމަތުތަކަށް ޖަވާބު ދިނުމަށްވުރެ ބޮޑު ކަމަކަށް ހުސްވެގެން އަޅުގަނޑު މިހުންނަނީ، އަޅުގަނޑުގެ މުޅި ފޯކަސް ފުޓްބޯޅަ ޑިވްލަޕްމެންޓަށް ހުސްކޮށްލައިގެން މިހުރީ، އެހެންވީމަ އެ ދައްކާ ވަހަކައަކަށް އެއްޗެއް ބުނާކަށް ވަގުތެއް ނެތް."