ސާފް ސުޒުކީ ކަޕް

އުނދަގޫ ހާލަތުން އަރައިގަނެ ރާއްޖެ އާ އަޒުމެއްގައި

ސަރަހައްދީ ފައިނަލުގައި، ރާއްޖެ އާއި އިންޑިއާ ވާދަ ކުރާ މެޗު ވެގެންދާނީ ދެ ޓީމަށްވެސް ވަރަށް ހާއްސަ މެޗެކެވެ. އެންމެ ފުރަތަމަ ސަބަބަކީ، މުބާރާތުގައި އެންމެ ވާދަވެރި ދެ ޓީމަކީ އިންޑިއާ އާއި ރާއްޖެ ކަމުގައި ވުމެވެ. އިންޑިއާއިން ވަނީ ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ރާއްޖެއަށް އެއްފަހަރު މުބާރާތް ކާމިޔާބު ކުރެވިފައިވީ ނަމަވެސް ރާއްޖެއިން ވެސް ވަނީ ތިން ފަހަރެއްގެ މަތިން ތައްޓާ ވަރަށް ކައިރިއަށް ދެވިފަ އެވެ. އެހެންވެ އިންޑިއާގެ ފަހަތުން ތައްޓާ އެންމެ ގާތުގައިވާ ޓީމަކީ ރާއްޖެ ކަމަށް ބުނެވިދާނެ އެވެ.

ރާއްޖެ އާއި އިންޑިއާ ވަނީ ނުވަ އަހަރު ކުރިން ފައިނަލުގައި ވާދަ ކޮށްފަ އެވެ. އެފަހަރުގެ މުބާރާތް ވެސް ކުރިއަށް ގެންދިޔައީ، މިފަހަރުގެ މުބާރާތް ވެސް ކުރިއަށްގެންދާ ބަންގުލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގަ އެވެ. އޭރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި، ރާއްޖެއިން ވަނީ، އިންޑިއާ ބަލިކޮށްފަ އެވެ.

މިފަހަރު ގުރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ. ތާރީހަކީ އަދަދުތަކެވެ. ތަކުރާރު ވުމާއި، ތާރީހް ބަދަލު ވުމުގެ ފުރުސަތު ވެސް އެބައޮތެވެ. ރާއްޖެއަށް ތާރީހް ބަދަލު ކުރެވިދާނެ އެވެ.

އިންޑިއާއިން މުބާރާތަށް ތައްޔާރުވީ ސަރަހައްދުގެ އެހެން ގައުމުތަކުގެ ތައްޔާރީތައް ވެސް ރަނގަޅަށް ބަލާފަ އެވެ. އެއީ އިންޑިއާގެ ތައްޔާރީތައް އެހެން ގައުމުތަކަށްވުރެ ކުރީގައި އަބަދުވެސް ބެހެއްޓުމަށެވެ. އޮސްޓްރޭލިއާގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕްގައި، އިންޑިއާގެ ޓީމުން އެންމެ އިސްކަން ދިނީ، އޮގަނައިޒް ސިސްޓަމަކަށް ގޭމް ރޭވުމަށެވެ.

މުބާރާތަށް އިންޑިއާއިން ގެނައި ޓީމުގައި ހުނަރުގެ ގޮތުން މާތާފަތާު ކުޅުންތެރިޔެއް ނެތް ނަމަވެސް އެ ޓީމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ މުޅި ޓީމު އޮގަނައިޒް ވުމެވެ. ޓީމުގެ ހުރިހާ ޑިޕާޓެމެންޓެއް ވެސް ވަރަށް ވަރުގަދަ އެވެ.

އިންޑިއާގެ އެ ޕްލޭންގެ ތެރެއިން ފުރޭނިގެން ދިއުމަށް ރާއްޖެއަށް ވެސް ބޮޑު އެޑްވާންޓޭޖެއް އެބައޮތެވެ. އެއީ ރާއްޖޭގެ އެޓޭކިން ކުޅުންތެރިންގެ ސްޕީޑް ހަލުވި ވުމެވެ. ސްޕީޑް ބޭނުން ކޮށްގެން އިންޑިއާގެ ޑިފެންސް ބީޓްކޮށްލުމުގެ ގާބިލުކަން ހުރި ހަލުވި ކުޅުންތެރިން ރާއްޖޭގައި އެޓޭކިން ފޯސްގައި އެބަތިއްބެވެ. އިންޑިއާ ދެކޮޅަށް ނިކުންނައިރު މި އެޑްވާންޓޭޖުގެ ބޭނުން ހިފޭނެ ގޮތަކަށް ރާއްޖޭގެ ޓީމުން އިސްކަން ދިނުން ވަރަށް މުހިންމެވެ.

އަނެއް ކަމަކީ، ރާއްޖޭގެ ގޭމް އެއް ލެވަލެއްގައި ބޭއްވުމެވެ. ގުރޫޕް ސްޓޭޖުގައި އިންޑިއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ، އިންޑިއާއިން ލަނޑު ޖެހުމުން ރާއްޖެއިން ކުޅެން ބޭނުންވާ ގޭމް ގެއްލިގެން ދިއުމެވެ. އެކަމަށް ސަމާލުކަން ދީގެން ރާއްޖެއިން ކުޅެފިނަމަ އިންޑިއާގެ މައްޗަށް ރާއްޖެއަށް މޮޅު ހޯދޭނެ އެވެ.

ގައުމީ ޓީމުގެ ކޯޗްގެ ޕީޓާ ޝެގަޓް ބުނީ، ކުޅުންތެރިން ކުރަމުން ގެންދާ މަސައްކަތާ މެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ އިންޑިއާއަކީ ވަރުގަދަ ޓީމެއް ކަމަށާއި ނަމަވެސް ރާއްޖެއިން ކުޅެން ބޭނުންވާ ގޭމް ކުޅެފިނަމަ އިންޑިއާ ދެކޮޅަށް ރާއްޖެއަށް ކުރި ހޯދޭނެ ކަމަށެވެ.

ކެޕްޓަން އަކުރަމް އަބްދުލް ގަނީ، ބުނީ ގުރޫޕް ސްޓޭޖުގައި ރާއްޖެއިން ވަރަށް އުނދަގޫ އުފުލި ކަމަށެވެ. ނަމަވެސް އެ ހާލަތުން އަރައިގަނެ މިހާރު ޓީމަށް އިތުބާރު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

ރާއްޖެއަށް އާ ހިތްވަރެއް އެބައޮތެވެ. މި މުބާރާތުގެ ފައިނަލު ރާއްޖޭގެ ކެޕްޓަން އަކުރަމް އަށް ވަރަށް ހާއްސަ އެވެ. މީގެ 10 އަހަރު ކުރިން ރާއްޖެއިން މުބާރާތް ކާމިޔާބު ކުރިއިރު ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރީ، އަކުރަމްގެ ބޭބެ އައްސަދު އަބްދުލް ގަނީ އެވެ. ދެބެންގެ ކެޕްޓަންކަމުގައިވެސް އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ.

ރާއްޖެ އާއި އިންޑިއާ ކުޅޭ ފައިނަލު މެޗު، ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 6:00 ގަ އެވެ.