ހަބަރު

ބޭރުގެ ނިންމުންތަކަށް ބޯނުލެބުމަކީ ރާއްޖޭގެ ވަރުގަދަކަން: ޝަހީމް

ބޭރުގެ ޖަމާއަތްތަކުން ނިންމާ ކަންކަމަށް ނުވަތަ އަންގާ ކަންކަމަށް ރާއްްޖެއިން ބޯ ނުލެބުމަކީ ރާއްޖޭ ބައިނަލް އަގްވާމީ މުޖުތަމައުން ރާއްޖެ އެކަހެރިވެގެންދިޔަ ސަބަބެއް ނޫން ކަމަށާއި އެކަމުން ދޭހަ ކޮށްދެނީ ބައިނަލް އަގްވާމީ މުޖުތަމައުގައި ރާއްޖެ ވަރުގަދަކަން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިގޮތަށް ވިދާޅުވީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެ އެކަހެރިވެފައިވާ ކަމަށާއި ރާއްޖެއާ ބޭރުގެ ގުޅުން ކެނޑިފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހު އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވުމާއި ގުޅިގެންނެވެ.

ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެތަކެއް ގައުމުތަކަކާއި ގުޅުން ބަދަހި ކޮށްފައިވާ ކަމަށާއި މީގެ ކުރިން ނާންނަވަރުގެ ބޮޑެތި އިންވެސްޓަރުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅިންވެސް އާ ގައުމުތަކުން ފްލައިޓްތައް ރާއްޖެ އައިސްފައިވާ ކަމަށާއި ވިޔަފާރީގެ އެތަކެއް އިންވެސްޓްމެންޓްތައް ގާއިމް ކުރެވިފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"މީގެ ކުރިން ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާވެފައިނުވާ މިންވަރަށް ރާއްޖޭގެ މުސްތަގިއްލުކަމާއި މިނިވަން ސިޔާސަތެއް ރައީސް ޔާމީން ވަނީ ގާއިމްކޮށްފަ، އަޅުގަނޑުމެން ބޭރުގެ އެކިއެކި ޖަމާއަތްތަކުން އަޅުގަނޑުމެން މައްޗަށް އިއްވާ ވަސިއްޔަތަކަށް އަމަލު ނުކުރުމުން އެއީ ބައިނަލް އަގްވާމީ މުޖުތަމައުން ރާއްޖެ އެކަހެރިވެގެންދިޔަ ސަބަބެއް ނޫން، އޭގެ މާނައަކީ ބައިނަލް އަގްވާމީ މުޖުތަމައުގައި ރާއްޖެ ވަރުގަދައީއޭ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ކޮމަންވެލްތުން ރާއްޖޭގެ މައްޗަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅަން މަސައްކަތް ކުރި ކަމަށާއި އެމީހުން ފިޔަވަޅު އެޅުމުގެ ކުރިން އެމީހުންގެ މައްޗަށް ރައީސް ޔާމީން ފިޔަވަޅު އަޅުއްވާފައިވާ ކަމަށެވެ. ވެރިއެއްގެ ކިބައިގައި ކެރުންތެރިކަމާއި އަޒުމް ވަރުގަދަވާން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން ދަންނަވަނީ ރާއްޖޭގެ ޒައާމަތުގައި ހުންނަން ޖެހޭނީ ވަރަށް ކެރޭ ވެރިއެކޭ، ވަރަށް އަޒުމް ވަރުގަދަ ވެރިއެކޭ، ދައުލަތާއި ގައުމަށް ވަރަށް އަމާނާތްތެރި ވެރިއެކޭ، ގައުމެއްނަމަ އެގައުމެއްގެ ޒައާމަތުގައި ހުންނަން ޖެހޭނީ، ވަރަށް ވަރުގަދަ ޝަހްސިއްޔަތެއް، ވެރިއަކަށް ބޭނުންވަނީ ހަމައެކަނި ސޯލިހް މީހެއް ނޫން، ވަރުގަދަ ސޯލިހް މީހެއް ބޭނުންވަނީ، ވަރުގަދަ ގަޓްހުރި ސޯލިހް މީހެއް ބޭނުންވަނީ، ހަމައެކަނި ސޯލިހް މީހެއް ނޫން ބޭނުންވަނީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އަރަބި އިސްލާމީ ގައުމުތަކާއި ގުޅުން ބަދަހިވެގެން ގޮސްފައިވާ ކަމަށާއި ހައްޖަށް ދިއުމަށް ވިސާ މާލެއިން ނެގޭނެ ގޮތްވެސް ހަދާފައިވާ ކަމަށެވެ. އަދި އެހެން އިސްލާމީ ގައުމުތަކުގެ އެހީތަކާއެކު މެޑިކަލް ކޮލެޖްތައް ރާއްޖޭގައި ގާއިމްކޮށް ޑޮކްޓަރީކަން ކިޔެވޭނެ މަގު ފަހިކޮށްދީފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެކަމަކު އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވަނީ ބައިނަލް އަގްވާމީ މުޖްތަމައާ ރާއްޖެ މިވަނީ އެކަހެރިވެފައޭ، އެހެން ކަމުން ހަގީގަތާ ހިލާފް ވާހަކަ ދައްކާނަމަ ރައްޔިތުންނަށް އެކަން އިނގޭނެ، އެއީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކަތައް، އެވާހަކަތައް ރައްޔިތުން ގަބޫލުކޮށްގެން ނުވާނެ، މިއަދު ރާއްޖެ ބައިނަލް އަގުވާމީ މުޖުތަމައުގައި ވަރަށް ވަރުގަދަ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އީޔޫ ފަދަ ތަންތަނުން ރާއްޖގެ މައްޗަށް ފިޔަވަޅު ނޭޅުނީ ބައިނަލް އަގްވާމީ މުޖުތަމައުގައި ރާއްޖެ ވަރުގަދަ ވުމުން ކަމަށާއި ރާއްޖެ ހިމާޔަތް ކުރާނެ އިތުރު ބާރުތައް ބައިނަލް އަގްވާމީ މުޖުތަމައުގައި އެބަތިބި ކަމަށެވެ. އެބާރުތަކާއި ގުޅުން ވަރުގަދަ ވެގެން ދިޔައީ ރާއްޖޭގެ ހާޖިރީ ސިޔާސަތުގެ ހަރުދަނާ ކަމުން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.