ދުނިޔެ

ފެތުނު ޗައިނާ ބޯޓުން މަރުވި މީހުންގެ ހަނދާން އާކޮށްފި

Jun 8, 2015

ޗައިނާގެ ދެކުނުގެ ސަރަހައްދެއްގެ ކޯރެއް ހުރަސްކުރަން އުޅުމުގެ ތެރޭގައި ބަންޑުން ޖަހާލައި ފެތުނު ބޯޓުން ދަތުރުކުރި އެންމެންހެން މަރުވެފައިވާކަން ކަށަވަރުވެފައި ވާއިރު، އެ މީހުންގެ ހަނދާން އިއްޔެ އާއްކޮށްފި އެވެ.

ޗައިނާގެ ގައުމީ ޓީވީން ބުނި ގޮތުގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުންނާއި ސަރުކާރުގެ އިސް ވެރިން ވަނީ ބޯޓު ބަންޑުން ޖަލާހި ސަރަހައްދަށް އިއްޔެ ޖަމާވެ، މަރުވި މީހުންގެ ހަނދާން އާކޮށްފަ އެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ނިސްބަތްވާ 1،500 އަށް ވުރެ ގިނަ މީހުން، ހަނދާން އާކުރުމުގެ ރަސްމިއްޔާތެއް ކޯރުގެ އައްސޭރިފަށުގައި އަމިއްލަ ގޮތުން މިއަދު ބާއްވާނެ ކަމަަށް ވެސް ގައުމީ ޓީވީން ބުންޏެވެ.

އުތުރުގެ އަވަށެއް ކަމަށްވާ ނަންޖިން އިން ފުރައިގެން ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ޗޮންގިން އަވަށަށް މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ދަތުރުކުރަނިކޮށް، ޔަންގް ޒީ ކޯރަށް ފެތުނު ބޯޓުން ޖުމްލަ 456 މީހުން ދަތުރުކުރި އެވެ. ޗޮންގިންގް އީސްޓާން ޝިޕިން ކޯޕަރޭޝަންގެ ނަމުން ނަން ދީފައިވާ އަމިއްލަ ކުންފުންޏަކުން ދުއްވާ "އީސްޓާން ސްޓާ" ބޯޓުގައި ތިބީ 405 ޗައިނާގެ ފަސިންޖަރުންނާއި އެ މީހުންނާ ހަވާލުވެގެން ދިޔަ ޓްރެވަލް އެޖެންސީގެ ފަސް މުވައްޒިފެއްގެ އިތުރުން 46 ފަޅުވެރިންނެވެ.

އޭގެ ތެރެއިން 431 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައި ވާއިރު، ސަލާމަތްކުރެވިފައި ވަނީ އެންމެ 14 މީހުންނެވެ. ގިނަ ބައެއްގެ ހަށިގަނޑު ފެނުނީ 76 މީޓަރު ދިގު، 2،200 ޓަނުގެ އެ ބޯޓު ތެދުކުރުމަށް ފަހު އެތެރޭގެ ކޮޓަރިތައް ބެލުމުގެ ތެރޭގައި އެ ތަންތަނުންނެވެ. އެ ހަށިގަނޑުތަކުގެ ޑީއެންއޭ ޓެސްޓުތައް ހެދުމުގެ މަސައްކަތް އޮފިޝަލުން މިހާރު ދަނީ ކުރަމުންނެވެ.

ދިރިތިއްބާ އިތުރު ބަޔަކު ފެނިދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތަސް، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުން ދަނީ ޔަންގް ޒީ ކޯރުގެ 1،300 ކިލޯމީޓަރުގެ ސަރަހައްދެއްގައި އަދިވެސް އަތްފުނާ އަޅަމުންނެވެ.

ސަލާމަތްކުރި މީހުންގެ ތެރޭގައި ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރު ހިމެނެ އެވެ. ހުބޭއީ ޕްރޮވިންސްގެ ޖިއަންލީ އަވަށް ހުރަސްކުރަނިކޮށް ބޯޓު ފެތުނީ ނަގޫރޯޅިއެއްގައި ޖެހިގެން ކަމަށް ކެޕްޓަން ބުނި ނަމަވެސް އޭނާ އާއި ޗީފް އިންޖިނިއަރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުންމިނުގައި ގާތްގަނޑަކަށް 150 ފޫޓު ހުންނަ ކޯރަށް އެ ބޯޓު ފެތެން ދިމާވި ސަބަބު އަދި ސާފެއް ނުވެ އެވެ. އެހެން ނަމަވެސް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ އެކަން ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމުގެ ޔަގީންކަން މިދިޔަ ބުރާސްފަތި ދުވަހު ދެއްވާފަ އެވެ.

މި ބޯޓު ފެތުނު ކޯރުގައި ނުރައްކާތެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެ ގޮތުން، ޓެސްޓުތަކެއް ހަދަން ދަތުރުކުރި ޓަގު ބޯޓެއް މިދިޔަ ޖެނުއަރީ މަހު ކަނޑުވެ، ފެތުނު ހާދިސާގައި 22 މީހަކު މަރުވެފައިވެ އެވެ.