ރައީސް އަބްދުﷲ ޔާމީންގެ އަރިސްބޭފުޅެއް ކަމަށްވާ، ހިޔަލީ މުހައްމަދު ރަޝީދު އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ. އޭނާ އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެލައިޑްގެ ޗެއާމަން ވެސްމެ އެވެ.
ހިޔަލީ މުހައްމަދު ރަޝީދު ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުން ދަނިކޮށް އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުން އިބޫގެ ކެންޑިޑޭޓް ނަމްބަރު ކަމަށްވާ "2" ޖެހުމަށް ފަހު ވަނީ ޓްވީޓެއްކޮށްފަ އެވެ. އަދި އޭނާ ލަންކާގައި ރައީސް ނަޝީދާ ބައްދަލު ކުރެއްވި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއު ކުރި ހަބަރެއް ވެސް އޭނާ ވަނީ ރީޓްވީޓް ކުރައްވައިފަ އެވެ. މީގެ އިތުރަށް ހިޔަލީ އާއި އޭނާގެ އާއިލާގެ މެންބަރުންނާ އެކު އިބޫ ނަންގަވާފައިވާ ފޮޓޯއަކަށް އޭނާގެ ޓްވިޓާގެ ޕްރޮފައިލް ފޮޓޯއެއް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އަދި ޓްވިޓާގެ ކަވަރަކަށް ވެސް ލާފައިވަނީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެމަފިރިކަނަބަލުންގެ ފޮޓޯއެކެވެ.
ހިޔަލީ އިބޫއަށް ތާއީދު ކުރެއްވި އިރު ރައީސް ޔާމީން އުފެއްދެވި، ޕީއޭ އުފެއްދުމާއި އެ ޕާޓީގެ ހިންގުމުގައި ހިޔަލީ ވަނީ އިސްދައުރެއް އަދާ ކުރައްވައިފަ އެވެ. އަދި ފަހުން ޑީއާރުޕީ އަދި ޕީޕީއެމް އުފެއްދުމުގައި ހިޔަލީ އަމަލީ ގޮތުން އުޅުއްވި އެވެ. މީގެ އިތުރަށް 2013 ގެ ރިޔާސީ އިންތިހާބުގައި ހިޔަލީ ވަނީ ރައީސް ޔާމީންގެ ކެމްޕޭންގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ. އަދި އެއަށް ފަހު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އައްޑޫގެ ދާއިރާއަކަށް ޕީޕީއެމްގެ ޓިކެޓްގެ ވާދަކުރެއްވި ނަމަވެސް ނާކާމިޔާބީއާ ކުރިމަތިވި އެވެ.
އިންތިހާބު ބޯމަތިވެފައިވާ އިރު، ވެރިކަން ކުރާ ޕީޕީއެމްއާ އެކު އޮތް ހަމައެކަނި ކޯލިޝަން ޕާޓްނަރު، އެމްޑީއޭއާ އެކު އޮތް ކޯލިޝަން އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި އެ ޕާޓީއިން ރައީސް ޔާމީންއާ އެކު ކޯލިޝަން ހެދުމަށް ފާހެއް ނުކުރި އެވެ.