ބޮލީވުޑް

ރާއްޖޭގެ ހުދު ދޮންވެލީގައި ސޮނާކްޝީގެ ހިތްގައިމުކަން މާ ބޮޑު

Jun 9, 2015

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ޗުއްޓީ ހޭދަކޮށްލުމަށް ވަނީ ރާއްޖެ އައިސްފަ އެވެ. އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ސޮނާކްޝީ ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ތައުރީފުކޮށް، ގުދުރަތީ ރީތި މަންޒަރުތައް ފެންނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

"ދަބަންގް" އިން 2010 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ސޮނާކްޝީ ރާއްޖެ އައިސްފައިވަނީ އަދި ޗުއްޓީ ހޭދަކޮށްފައިވަނީ ކޮން ރިސޯޓެއްގައި ކަން ނޭނގި އޮތް ނަމަވެސް މިއަދު ސޯޝަލް މީޑިއާއަށް އޭނާ ދޫކޮށްލި ފޮޓޯ އަކާ އެކު، އެއީ ފޯ ސީޒަންސްގެ ރިސޯޓެއްގައި ކަން މި ވަނީ އެނގިފަ އެވެ. އަދި އެ ދުވަސްވަރު އޭނާ ވަނީ އިންޑިއާގެ މަޝްހޫރު ބްރައިޑް މަޖައްލާއެއް ކަމަށްވާ "ހާޕާސް ބާޒާރް ބްރައިޑް" މެގަޒިންގެ ޖޫން-ޖުލައި އަދަދުގެ ކަވާ ފޮޓޯތައް ވެސް އެ ރިސޯޓްގެ ގޮނޑުދޮށުގައި ޝޫޓްކޮށްފަ އެވެ.

އެ މެގަޒިންގެ ކަވަ ފޮޓޯ އޭނާގެ އިންސްޓަގްރާމަށް ލުމާ އެކު ގަޑިއިރެއްގެ ތެރޭގައި 12،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ފޮޓޯއަށް ލައިކްކޮށްފަ އެވެ.

 ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ އެންމެ މަގްބޫލު މަންޒިލަކަށް ރާއްޖެވެފައި ވާއިރު މިދިޔަ ދުވަސްތަކުގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފަ އެވެ. މިތަރިންގެ ތެރޭގައި ރިތިކް ރޯޝަން އާއި ޕްރޮޑިއުސަރު-ޑައިރެކްޓަރު ފަރާ ޚާން ވެސް ހިމެނެ އެވެ. އަދި މިދިޔަ މަހުގެ ފަހުކޮޅު ބޮލީވުޑްގެ އެންމެ މަޝްހޫރު އެއްޖޯޑު ކަމަށްވާ ސައިފް އަލީީ ޚާން އާއި ކަރީނާ ކަޕޫރުގެ އިތުރުން ސައިފްގެ ފިރިހެން ދަރިފުޅު އިބްރާހީމް ޚާން އާއި ކޮއްކޮ ސޯހާ އަލީ ޚާން އާއި އޭނާގެ ފިރިމީހާ ކުނާލް ކޭމޫ ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.