ވިޔަފާރި

ދިވެހިންގެ މިސާލުން އިންވެސްޓަރުންގެ އިތުބާރު އާވެއްޖެ: ޖަނާހު

Sep 24, 2018
21

އިއްޔެ ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ރާއްޖޭގައި ދިޔަގޮތް އަމާންކަމުން އިންވެސްޓަރުންގެ އިތުބާރު އާވެގެން ހިނގައްޖެ ކަމަށް، މަޝްހޫރު ވިޔަފާރިވެރިއާ މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ މަސީގެ އެއް ބާނީ ކަމަށްވާ ޖަނާހު ވިދާޅުވީ ރިޔާސީ އިންތިހާބުން ފެނިގެން ދިޔައީ ދިވެހިން ޑިމޮކްރަސީ އަށް ތަސައްރަފު ފުދިފައިވާ ވަރު ކަމަށެވެ.

"އިންތިހާބެއްގެ ދުވަސްވަރު އިންވެސްޓަރުންގެ ކަންބޮޑުވުން ހުންނާނެ. އެކަމުގެ ކަން ބޮޑުވުން އިންވެސްޓަރުން ކުރިން ކުރި. އެކަމަކު އިންތިހާބު ދިޔަ ގޮތް އަމާން ކަމުން މިކަން ބަދަލު ވެގެން ދިޔައީ. އެކަން ބޭރުގެ އިންވެސްޓަރުން ވެސް ފާހަގަ ކުރޭ،" ޖަނާހު ވިދާޅުވި އެވެ.

ގުޅިފައިވާ ކޯލިޝަނެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެ، އިބޫ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރު ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންއާ ވާދަ ކުރައްވާ އެވެ. އިލެކްޝަން ކޮމިޝަން (އީސީ) ގެ ނަތީޖާތަކުން ދައްކާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަށް ލިބިވަޑައިގަތީ 96،132 ވޯޓެވެ. އަދި އިބޫ އަށް ލިބިވަޑައިގަތީ 134،616 ވޯޓެވެ. އީސީ އިން ބުނީ ޖުމުލަ 230،748 ސައްހަ ވޯޓް ލިބުނު އިރު 3129 މީހުން ބާތިލު ވޯޓުލީ ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 89.22 ޕަސަންޓު މީހުން ވަނީ މި އިންތިހާބުގައި ވޯޓްލައިފަ އެވެ.

ޖަނާހު ވިދާޅުވީ ރާއްޖޭގައި ވިޔަފާރިކުރާ ސިންގަޕޫރާއި އެހެން ގައުމުތަކުގެ އިންވެސްޓަރުން ދިވެހިންނަށް ތައުރީފު ކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރާ، އިންވެސްޓަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

"އިންތިހާބަށްފަހު ރައީސް ޔާމީން ކަންތައް ހިންގެވި ގޮތުންވެސް ވަރަށް ތައުރީފު ކުރޭ. މީގެން އެނގެނީ ދިވެހިންގެ ފުދުންތެރިކަން އައި ގޮތަށް ތަސައްރަފު ވެސް ފުދިފައިވާކަން. މި މުނާސަބަތުގައި އިބްރާހިމް މުހައްމަދު ސާލިހު އާއި ފައިސަލް ނަސީމް އަދި ރައީސް ޔާމީނަށް ވެސް ޝުކުރު އަދާ ކުރަން."