ވިޔަފާރި

އާ ސަރުކާރުގެ އިގްތިސާދީ އެޖެންޑާއަށް އެއްބާލުން ދޭނަން: އެމްއެންސީސީއައި

Sep 24, 2018
5

އާ ސަރުކާރުގެ އިގްތިސާދީ ތަސައްވުރަށް އެއްބާލުން ދޭނެކަމުގެ ޔަގީންކަން ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން ދީފި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިންމޭޓް ފައިސަލް ނަސީމަށް މަރުހަބާ ކިޔައި، މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް (އެމްއެންސީސީއައި) އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އާ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވައި، ވިޔަފާރިވެރިންނަށް ފަސޭހަތައް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ގުޅިފައިވާ ކޯލިޝަނެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެ، އިބޫ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރު ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންއާ ވާދަ ކުރައްވާ އެވެ. އިލެކްޝަން ކޮމިޝަން (އީސީ) ގެ ނަތީޖާތަކުން ދައްކާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަށް ލިބިވަޑައިގަތީ 96،132 ވޯޓެވެ. އަދި އިބޫ އަށް ލިބިވަޑައިގަތީ 134،616 ވޯޓެވެ. އީސީ އިން ބުނީ ޖުމުލަ 230،748 ސައްހަ ވޯޓް ލިބުނު އިރު 3129 މީހުން ބާތިލު ވޯޓުލީ ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 89.22 ޕަސަންޓު މީހުން ވަނީ މި އިންތިހާބުގައި ވޯޓްލައިފަ އެވެ.