ވިޔަފާރި

ވިޔަފާރީގެ އެންމެ ރަނގަޅު ސިޔާސަތެއް އޮތީ ޕީޕީއެމްގައި: ވިޔަފާރިވެރިންގެ ޖަމްއިއްޔާ

Jul 17, 2018
5

އެންމެ ރަނގަޅު އިގްތިސާދީ ސިޔާސަތެއް އޮތީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގައި ކަމަށް ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން މިއަދު ބުނެފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންތައް ފެށުމާ ދިމާކޮށް، ވިޔަފާރިވެރިންގެ ޖަމިއްޔާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފު ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ރަނގަޅު ކަމަށް ނިންމީ، ގިނަ މިންގަނޑުތަކުން ބެލުމަށް ފަހު ކަމަށެވެ. މީގެތެރޭގައި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދެއްކި ވާހަކަތަކާއި ކުރި ޓުއީޓުތައް ވެސް ބަލާފައިވާނެ ކަމަށް އާސިފު ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި [އިގްތިސާދީ ސިޔާސަތު] ބަލަން ބޭނުންކުރާ މިންގަނޑުތައް. ސިޔާސަތުތައް ބައްޓަން ކޮށްފައި ހުންނަ ގޮތާއި ކޮށްފައި ހުންނަ މަސައްކަތްތަކާ، ތަރައްގީގެ މަސައްކަތްތަކާ، ދައްކާފައި ހުންނަ ވާހަކަތަކާއި ތަރައްގީގެ މަސައްކަތްތައް ހިންގާ ގޮތް. މި މަސައްކަތް ފޯކަސް ކުރާ ގޮތާއި މި ދާއިރާތައް ވިޔަފާރިތަކާ ގުޅުންހުރީ ކިހާ ވަރަކަށްތޯ؟ ބެލިން،" އާސިފު ވިދާޅުވި އެވެ.

އާސިފު ވިދާޅުވީ ރާއްޖޭގެ އިނދިކޮޅު ފަރާތްތަކުން ގެންގުޅުނު ސިޔާސަތުތައް ރާއްޖޭގެ އިގްތިސާދާ ވަރަށް ބީރަށްޓެރި ކަމަށެވެ.

"ބައެއް ބޭފުޅުން އެބަހުރި ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމަށް ޓުއީޓްކޮށްފަ. ރާއްޖެ ބަނޑަށް ޖެހޭނެ ކަމަށް ބުނެފަ. ތިމަންނަމެންގެ ވެރިކަމެއްގައި ވެއްޖިއްޔާ ވަކި ގައުމަކާއެކުގައި ނޫނީ ވިޔަފާރި ނުކުރާނެ ކަމަށް ބުނެފަ. އަޅުގަނޑުމެން [ވިޔަފާރިވެރިންގެ ޖަމިއްޔާ] ގެ ސިޔާސަތަކީ ދުނިޔޭގެ ހުރިހާ ގައުމަކާއެކުގައި ވެސް ވިޔަފާރި ކުރުން. ވިޔަފާރި ނުކުރެވޭނެ ގައުމެއް އޮވެގެން ނުވާނެ،" އާސިފު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ކޮމާޝަލް އިންޓަރެސްޓުގައި ލޯނު ނަގާފައިވާ ކަމަށެވެ.

ބައެއް ބޭފުޅުން އެބަހުރި ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމަށް ޓުއީޓް ކޮށްފަ. ތިމަންނަމެންގެ ވެރިކަމެއްގައި ވެއްޖިއްޔާ ވަކި ގައުމަކާއެކުގައި ނޫނީ ވިޔަފާރި ނުކުރާނެ ކަމަށް ބުނެފަ. އަޅުގަނޑުމެން [ވިޔަފާރިވެރިންގެ ޖަމިއްޔާ] ގެ ސިޔާސަތަކީ ދުނިޔޭގެ ހުރިހާ ގައުމަކާއެކުގައި ވެސް ވިޔަފާރި ކުރުން
އިސްމާއިލް އާސިފު | ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް

"ކޮމާޝަލް އިންޓަޓެސްޓުގައި ލޯނު ނެގުމުން އޭގެ މާނައަކީ ލޯނަށް ސަރުކާރަށް އެބަޖެހޭ 25 ޕަސެންޓް ދައްކަން. ސަރުކާރަށް ކޮމާޝަލް އިންޓަރެސްޓުގައި ލޯނެއް ނުނަގާނެ. ސަރުކާރުން ގިނަ ފަހަރަށް ނަގާނީ އިންޓަނޭޝަނަލް އިންޓަރެސްޓް ރޭޓް 2.5 ޕަސެންޓް،" އާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެމްޕޭން ކުރާއިރު، ހަމައެކަނި "ޑިމޮކްރަސީގެ ވާހަކަ" ދެއްކުމުން ހަމައެކަނި ނުފުދޭ ކަމަށެވެ. އަދި އެހެން ގައުމުތަކުގެ ސިޔާސީ މީހުން އަބަދުވެސް ވާހަކަ ދައްކަނީ އެ ގައުމަށް ފައިދާވާނެ ގޮތަށް ކަމަށާ، ނަމަވެސް ރާއްޖެ ތަފާތު ކަމަށް އާސިފު ވިދާޅުވި އެވެ.

"އިނގިރޭސިވިލާތަށް ބެލިނަމަވެސް ޖަރުމަނަށް ބެލިނަމަވެސް އެ މީހުން ވާހަކަ ދައްކަނީ އެ މީހުންނަށް ފައިދާވާ ގޮތަށް. މިސާލަކަށް ބަލާނަމަ އިނގިރޭސިން ޔޫރަޕުގެ އިއްތިހާދުން ވަކިވަނީ އެމީހުންނަށް [އިނގިރޭސިންނަށް] ފައިދާވާތީ. މި މީހުންގެ ތެރޭގައި އެއްވެސް އިރަކު ވާހަކައެއް ނުދެއްކެވޭ އަބަރު ކަތިލުމުގެ ވާހަކައެއް. އަބަދުވެސް ދައްކަނީ އިގްތިސާދު ކުރިއަރުވާނެ ގޮތް. އެމީހުންގެ ވިޔަފާރި ފުޅާކުރެވޭނެ ގޮތް،" އާސިފު ވިދާޅުވި އެވެ.