ހަބަރު

ސިނާން، އިލްހާމް، ނަދީމް އަދި އަރީފް މިނިވަންކޮށްފި

Sep 24, 2018
1

އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ހައްޔަރުކުރި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް އަދި މެންބަރު އިލްހާމް އަހުމަދު ކްރިމިނަލް ކޯޓުން މިރޭ މިނިވަން ކޮށްފި އެވެ.

މިރޭ ކުރިމިނަލް ކޯޓަށް އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ދައުވާ އުފުލި ހުރިހާ ސިޔާސީ ބޭފުޅުން ހާޒިރުކުރި އެވެ. އެ މައްސަލާގައި އެއްވެސް ބޭފުޅަކަށް އަދި ހުމުމެއް ނާދެ އެވެ. އެ ބޭފުޅުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފެވެ.

އޭގެއިތުރުން ދެން ހާޒިރުކުރީ ރައްޔިތުންގެ މެންބަރުން ކަމަށްވާ އަބްދުﷲ ސިނާނާއި އަބްދުﷲ ރިޔާޒާއި އަހުމަދު ފާރިސް މައުމޫނާއި އިލްހާމް އަހުމަދު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމެވެ.

އެ ބޭފުޅުންގެ ތެރެއިން އަބްދުﷲ ރިޔާޒު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ތިއްބެވީ އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ރިޔާޒު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރީ ފުލުހުންތަކާ މުއާމަލާތް ކުރި ކަމަށް ބުނާ މައްސަލައެއްގަ އެވެ.

އެ ބޭފުޅުންގެ ބަންދު ރިވިއުކުރަން ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާތީ އެ ކޯޓުން ވަނީ އެކަމުގައި ޕީޖީއިން ދެކޭ ގޮތް ހޯދުމަށް ސިޓީ ފޮނުވާފަ އެވެ. އެ ސިޓީގައި ޕީޖީއިން ބުނެފައިވަނީ އެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުކުރަން ފުލުހުން ބޭނުންވީ ހެއްކަށް ނުފޫޒު ފޯރުވަދާނެތީ ކަމަށެވެ. ނަމަވެސް އެ ސަބަބު މިހާރު ނެތް ކަމަށް ފުލުހުން ޕީޖީއަށް އޮފީހަށް އަންގާފައިވާ ކަމަށް ޕީޖީގެ ސިޓީގައިވެ އެވެ.

އެހެންވެ އަޑުއެހުމެއް ބޭއްވުމެއް ނެތި، މިރޭ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ އަޑުއެހުމެއް ބޭއްވުމެއް ނެތި އަރީފާއި ސިނާން އާއި ނަދީމް އަދި އިލްހާމް ދޫކޮށްލުމަށް އަމުރު ކުރައްވާފަ އެވެ. އަޑުއެހުމެއް ނުބޭއްވި ނަމަވެސް ގާޒީގެ ނިންމެވުން އެ ބޭފުޅުންނަށް ރަޖިސްޓްރާ ސާފުކޮށްދެއްވި އެވެ.

އަބްދުﷲ ރިޔާޒުގެ މައްސަލާގައި އަޑުއެހުމެއް ބޭއްވި އެވެ. ފޯނުގެ ޕިން ނުދިން މައްސަލާގައި ކުރި ހުކުމްގެ މުއްދަތު ހަމަވުމުން ވެސް އޭނާ ބަންދުކޮށްފައި ހުރުމުން އެއީ ގާނޫނާ ހިލާފު ބަންދެއް ކަމަށް ބުނެ އޭނާގެ ފަރާތުން ހުށަހެޅި މައްސަލާގައި ގާޒީ ނިންމެވީ އޭނާ ބަންދުން ދޫކޮށްލުމަށެވެ. ރިޔާޒު ބަންދުން ދޫކޮށްލުމަށް ވެސް ފުލުހުންނާއި ޕީޖީގެ އިއުތިރާޒެއް ނެތެވެ.

ރައީސް މައުމޫނާއި ފާރިސް މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދުގެ ބަންދު ރިވިއު މިރޭ
ނުކުރާނެކަން ގާޒީ އެންގެވި ކަމަށް ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މީޑިއާއަށް މައުލޫމާތު ދެއްވި އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ ބަންދު މިރޭ ރިވިއު ނުކުރީ އެކަމަށް ވަގުތު ނެތީމަ އާއި ބަންދު ރިވިއު ކުރި ނަމަވެސް އޭގެން ނަތީޖާއެއް ނުނިކުންނާތީ އެވެ. ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރު ކުރި ނަމަވެސް އެ ބޭފުޅުންނަށް ހުކުމެއް އޮތީމަ މިނިވަނެއް ނުވާނެ އެވެ.