ދުނިޔެ

މޫދަށް ވެއްޓުނު އެއާ ނިއުގިނީގެ ބޯޓްގައި ތިބި އެންމެން ސަލާމަތްވި

Sep 28, 2018

މައިކްރޮނޭޝިއާގެ ޗިއުކް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލި އެއާ ނިއުގިނީގެ ބޯޓެއް ކްރޭޝްވެ މޫދަށް ވެއްޓިއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެއާ ނިއުގިނީއިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުން މޫދަށް ވެއްޓިފައިވަނީ އެ އެއާލައިންގެ ބޮއިން 737ގެ ފަސިންޖާ ލައިނެކެވެ. ސާޅީސް ތިން ފަސިންޖަރުންނާއެކު އެ ބޯޓު ޗިއުކް އެއާޕޯޓުން ފުރީ ޕަޕުއާ ނިއުގިނީގެ ޕޯޓް މޮރިސްބީއަށް ދިއުމަށެވެ. ނަމަވެސް ބޯޓު ކްރޭޝްވެ، މޫދަށް ވެއްޓިފައިވަނީ ބޯޓު ނައްޓާލި ގަޑީގައި ވަރަށް ބާރަށް ރަންވޭގައި ޖެހިގެންނެވެ.

މި ހާދިސާގެ ބައެއް ފޮޓޯތަށް މިހާރު އާންމުވެފައިވާއިރު، ފޮޓޯއިން ފެންނަ ގޮތުން މޫދަށް ވެއްޓިގެން އިރުކޮޅަކު ބޯޓު ފެނުން މަތީގައި އޮވެއެވެ. އަދި އާންމުންގެ ގިނަ ބަޔަކު ފަސިންޖަރުން ސަލާމަތްކުރަން ކުދި ބޮއްކުރާތަކާއި ދޯނިފަހަރުތަކުގައި ހަރަކާތްތެރިވެ އެވެ.

އެއާ ނިއުގިނީ އިން ބުނީ، ބޯޓު އަޑިއަށް ދިއުމުގެ ކުރިން އޭގައި ތިބި ހުރިހާ މީހުން ސަލާމަތްކުރެވިފައިވާ ކަމަށެވެ. އެ އެއާލައިނުން ވަނީ ފަސިންޖަރުން ސަލާމަތްކުރުމަށް އެ ސަރަހައްދުގެ އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

ބޯޓުން ދަތުރުކުރި ފަސިންޖަރުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ. އެ ހާދިސާ މިހާރު ތަހުގީގުކުރަން ފަށާފައިވާއިރު، ބޯޓު ވެއްޓެން މެދުވެރިވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.