ޖަކާޓާ (ސެޕްޓެމްބަރު 29) - އިންޑޮނޭޝިއާގެ ސަރަހައްދަކަށް ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމަކާއެކު އެރި ސުނާމީގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެ ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
އިންޑޮނޭޝިއާގެ ޕަލޫ ސަރަހައްދަށް އައި 7.5 ރިކްޓާ މިންގަޑުގެ ބާރުގަދަ ބިންހެލުމަށްފަހު، އެރި 10 ފޫޓަށް ވުރެ ބޮޑު ސުނާމީގައި، އެ ސަރަހައްދުގެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.
ޕަލޫގައި ގާތްގަނޑަކަށް 300،000 މީހުން ދިރިއުޅޭއިރު، އެ ރަށުގައި އޮންނަ ރަންވޭއަށާއި، މަގުތަކާއި، ބުރިޖުތަކަށް ވެސް ގެއްލުން ލިބިފައިވާތީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހުރަސް އެޅިފަ އެވެ.
ބިންހެލުމާއި ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 1.6 މިލިއަނަށް އަރާނެކަމަށް ރެޑް ކްރޮސް އިން ވަނީ ލަފާކޮށްފަ އެވެ.
ބިންހެލުން އައި ވަގުތު ސުނާމީ އެއް އަރާފާނެކަމުގެ އިންޒާރުން ދިނުމަށްފަހު އެ އިންޒާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ. ސުނާމީ އަރާފައިވަނީ އިންޒާރު އަނބުރާ ގެންދިޔަތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.
މިދިޔަ މަހު ޓޫރިސްޓުންގެ މެދުގައި މަގުބޫލު ލޮމްބޯކަށް އައި ބިންހެލުމުގައި 460 މީހުން ވަނީ މަރުވެފަ އެވެ.
"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ އިންޑޮނޭޝިއާ އަކީ ގިނައިން ބިންހެލުންތައް އަންނަ ގައުމެކެވެ. އެގައުމަށް 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީއެއްގައި އޭޝިއާގެ އެކި ގައުމުތަކުން ދެލައްކައަށް ވުރެ ގިނަ މީހުން މަރުވި އެވެ.