ދުނިޔެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު

Dec 29, 2018

މެނީލާ (ޑިސެމްބަރު 29) - ފިލިޕީންސްގެ މިންދަނާއޯ ރަށުގެ ބޭރަށް އައި ބާރުގަދަ ބިންހެލުމައާއެކު އެ ގައުމަށާއި އަވަށްޓެރި އިންޑޮނީޝިއާއަށް ސުނާމީ އެއް އަރާނެކަމުގެ އިންޒާރުދީފި އެވެ.

ފިލިޕީންސްގެ އިރު ދެކުނުން އޮންނަ ޑަވާއޯ ސިޓީގެ ބޭރުން، 59 ކިލޯމީޓަރު އަޑިއަށް އައި ރިކްޓާ މިންގަނޑުގެ 6.9 ބިންހެލުމުގައި މިހާރުވެސް ކުޑަ ސުނާމީއެއް އުފެދިފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި، އެ ބިންހެލުމަށްފަހު 30 ސެންޓިމީޓަރު އުސްމިނުގެ ސުނާމީއެއް ފިލިޕީންސްގެ ދެކުނުގެ ސަރަހައްދުތަކުގެ އިތުރުން އިންޑޮނީޝިއާގެ ބައެއް ހިސާބުތަކަށް އަރާނެކަމަށެވެ.

އަދި މިހާރަށްވުރެ ވަރުގަދަ ސުނާމީއެއް އުފެދިދާނެކަމުގެ ފުރުސަތު ބޮޑުކަމަށް ޕެސިފިކް ސުނާމީ ވޯނިންގް ސެންޓަރުން ވަނީ ބުނެފަ އެވެ.

މި ބިންހެލުން އައިސްފައިވަނީ، އަލިފާން ފަރުބަދައެއް ގޮވައިގެން އުފެދުނު ސުނާމީގައި، އިންޑޮނީޝިއާގެ ބައެއް ސަރަހައްދުތައް ސުންނާފަތިވެފައިވަނިކޮށެވެ.

ފިލިޕީންސްގެ ދެކުނުގެ ސަރަހައްދުތަކުގައި އައްސޭރިފަށުގައި ދިރިއުޅޭ މީހުން ސަމާލުވުމަށްވެސް ވަނީ އަންގައިފަ އެވެ.