އިންޑޮނީޝިއާގެ ސުމަތުރާ އާއި ބާލީއާ ދެމެދުގައި އޮންނަ ޖާވައަށް ހޯމަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 162 އަށް އަރާފައިވާ ކަމަށް އިންޑޮނީޝިއާ އިން ރިޕޯޓްކޮށްފި އެވެ.
ރަސްމީ ރިޕޯޓްތައް ބުނާ ގޮތުން ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ ޖާވާގެ ޗިއަންޖޫރު އަވަށެވެ. އެހެންކަމުން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ވެސް މި އަވަށަށެވެ.
ބިންހެލުން އައީ ރިކްޓަމިންގަނޑުން 5.6 ބާރުމިނުގައި ކަމަށް ރަސްމީ ރިޕޯޓްތައް ބުނެ އެވެ.
މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދާ ބެހޭ ގޮތުން އެކި ފަހަރު އެކި ގޮތަށް ރިޕޯޓްކޮށްފައި އޮތް ނަމަވެސް، ހުޅަނގު ޖާވާގެ ގަވަރުނަރު ރިލްވާން ކާމިލް ވިދާޅުވި ގޮތުގައި އެއީ ފުރިހަމަ އަދަދެއް ނޫނެވެ.
އޭނާ އަދި ވިދާޅުވީ އަނިޔާ ލިބުނު މީހުންގެ އަދަދު މުޅިން ސާފުވާ ވަރު އަދި ނުވެ އެވެ.
އިންޑޮނީޝިއާއިން މިހާރު ލިބޭ ޚަަބަރުތައް ބުނާ ގޮތުން މަރުވި މީހުންގެ އަދަދު އަދިވެސް ދަނީ މައްޗަށެވެ. އަދި 13،000 އަށް ވުރެ ގިނަ މީހުން ވީތަނެއް ނޭނގި ވަނީ ގެއްލިފަ އެވެ.
ބިންހެލުމުގެ ސަބަބުން ފަސްގަނޑު ކަނޑައިގެން ގޮސް މީހުން ވަޅުލެވިފައިވާ ކަމަށް ވެސް މީހުން ސަލާމަތްކުރުމުގައި އުޅޭ ޓީމުތަކުން ބުނެ އެވެ.
އިންޑޮނީޝިއަން ނެޝަނަލް އޭޖެންސީ ފޮ ޑިޒާސްޓާ ކައުންޓާމެޝާސް އިން ބުނާ ގޮތުން ޗިއަންޖޫރުގައި 2،000 އަށް ވުރެ ގިނަ ގެދޮރު ވަނީ ބިމަށް އެރި ލޮޅުމުގައި ބައިތައް ހަލާކުވެ ބޭނުންނުކުރެވޭ ވަރުވެފަ އެވެ.
އިންޑޮނީޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އޭޖެންސީ ބުނާ ގޮތުން ބިންހެލުމުގެ އަސަރު ވެރިރަށް ޖަކާޓާއަށް ވެސް ކުރި އެވެ. އެކަމަކު ބިންހެލުން އައީ ޖަކާޓާއާ 75 ކިލޯމީޓަރު ދުރު ހިސާބަކަށެވެ.
ޑިޒާސްޓާ މެނޭޖްމަންޓުން ބުނާ ގޮތުން ޖާވާގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ. މީހުން ސަލާމަތްކުރަން ހަރަކާތްތެރިވާ ޓީމުތަކަށް ހުރަސްއެޅިފައި ވަނީ ކަރަންޓް ނެތުމުގެ ސަބަބުން ކަމަށްވެސް އޮފިޝަލުން ބުނެ އެވެ.
މުވާސަލާތީ ގުޅުން ކެނޑިފައި ވާތީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
އިންޑޮނީޝިއާގެ ސުމަތުރާ އާއި ބާލީ ސަރަހައްދަކީ ބިންހެލުންތައް އާންމު ސަރަހައްދެކެވެ. މި ހިސާބަށް ބިންހެލުމެއް -- އަދި މިފަދަ ކޮންމެވެސް ލޮޅުމެއް ބިންގަޑަށް ނާރާ ފާއިތުވަނީ މަދު ދުވަހެއް ކަމަށް ވަޒަންވެރިން ބުނެ އެވެ.