މިއަންމާއަށް ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 1.000 ފަހަނައަޅައިފި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ. މި ހާދިސާގައި ޒަޚަމްވި މީހުންގެ އަދަަދު 2،300 އަށް ވުރެ އިތުރު ކަމަށް ޚަބަރުތައް ބުނެ އެވެ.
މި ބިންހެލުމުގައި އެންމެ ބޮޑުވަރުވީ މިއަންމާ އަށެވެ. ދުނިޔޭގެ ބިމަށް އަރާ ލޮޅުންތައް ހިސާބުކޮށް ބަލަހައްޓާ އިދާރާތަކުން ބުނާ ގޮތުން މިއަންމާއަށް އައި ބިންހެލުމުގެ ބާރުމިނަކީ 7.7 މެގްނިޓިއުޑެވެ.
އަވައްޓެރި ތައިލޭންޑަށް 6.4 މެގްނިޓިއުޑްގެ ލޮޅުމެއް އެރި ކަމަށް އިދާރާތަކުން ބުންޏެވެ. ތައިލޭޑަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި އުސް އިމާރާތްތައް ބިމާހަމަވެ، މަސައްކަތު މީހުން ތާށިވުން ހިމެނެ އެވެ.
ބިންހެލުމުގެ ސަަބަބުން މިއަންމާގައި 50 އަށް ވުރެ ގިނަ މިސްކިތް ބިމާހަމަވެ، 300 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ބިންހެލުމުގައި 1،002 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުކުރެވިފަ އެވެ. އަދި ޒަހަމްތަކާ އެކު 2،376 މީހަކު އަވަސް ފަރުވާ ދިނުމަށް ވަނީ ސިއްހީ މަރުކަޒުތަަކަށް ބަދަލުކޮށްފަ އެވެ. މި ހާދިސާގައި 30 ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.
މިއަންމާއަށް އެހީ ހިފައިގެން އެކި ގައުމުތަކުން މަތިންދާބޯޓުތައް އުދުހެމުން އަންނަ ކަމަށް އެހީދޭ ޖަމިއްޔާތަކުން ބުންޏެވެ. ޗައިނާއިން އެހީއާ އެކު، ޗައިނާ އީސްޓަން ފްލައިޓްތައް މިއަންމާއަށް ޖައްސައިފި ކަމަށްވެސް އޮފިޝަލުން ބުންޏެވެ.
މިއަންމާ އަށާއި ތައިލޭޑަށް އެހީ ފޯރުކޮށްދިނުމުގައި އިންޑިއާ އާއި ރަޝިއާ، މެލޭޝިއާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ، ޕާކިސްތާން، ނިއުޒިލޭންޑް އަދި އެމެރިކާގެ ފްލައިޓްތައް އަވަދިނެތި އުދުހެމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.