ބިންހެލުން

ނިއުޒީލޭންޑް ފަރު ބޭރަށް 8.1 ގެ ބާރުގަދަ ބިންހެލުމެއް

ނިއުޒިލޭންޑް ފަރު ބޭރު ކަނޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. ބާރުމިނަކީ 8.1 އެވެ. މިއީ ޖެހިޖެހިގެން އައި ދެތިން ބިންހެލުމުގެ ތެރެއިން އެންމެ ބާރު ގަދަ ބިންހެލުން ކަމަށް އެސޯސިއޭޓް ޕްރެސް ރިޕޯޓްކުރެ އެވެ. އޭޕީން ބުނާ ގޮތުން ނިއުޒީލޭންޑުން ވަނީ އެކުއެކީހެން 7.4 އަދި 7.3 ބާރުމިނުގައި ވެސް ދެބިންހެލުން ތަޖުރިބާކޮށްފަ އެވެ.

އެ ސަރަހައްދަށް ސުނާމީ އަރާފާނެ ކަމަށް ސިސްޓަމްތަކުން އިންޒާރުދިން ނަމަވެސް އެފަދަ ކަމެއް ނުހިނގަ އެވެ. އަދި ތަނަކަށް އަދި މީހަކަށް ވެސް ގެއްލުމެއް ނުވާ ކަމަށް އިދާތަކުން ބުނެ އެވެ. އެހެން ނަމަވެސް ސުނާމީއެއް އަރާފާނެ ކަމަށް މީހުން ގަތްބިރުން ޓްރެފިކަށް ބުރޫއެރި ކަމަށްވެ އެވެ. އަދި އުސް ތަންތަނަށް އެރުމަށް މީހުން ތެޅިފޮޅިގަތުމުން އާންމުކޮށް ދިމާވާ ކަންތައްތަކެއް ވަނީ ހިނގާފަ އެވެ.

ނިއުޒީލޭންޑް މީހުން ބިންހެލުން ތަޖުރިބާކުރި ނަމަވެސް، ބިންހެލުން އައީ 620 މޭލު ދުރަށެވެ. ތަޖުރިބާކާރުން ބުނަނީ ބޮޑުވަރުނުވީ އެހެންވެ ކަމަށެވެ. އެހެން ނަމަވެސް ނިއުޒީލޭންޑް މީހުން ބުނީ ބިރުން ނިދަންވެސް ނުކެރުނު ކަމަަށެވެ.

ބިންހެލުމުގެ ބާރުގަދަކަމަށް ބަލައި ކަރިފަށުގައި ދިރިއުޅޭ މީހުން ސަމާލުވުމަށް ސިވިލް ޑިފެންސް އޮތޯރިޓީން ވަނީ އަންގާފަ އެވެ. އަދި އުސްތަނަކަށް ބަދަލުވާން ތައްޔާރަށް ތިބުމަށް ވެސް އެންގި އެވެ.

އެމެރިކާގެ ސުނާމީ ސިސްޓަމުން ވެސް އިންޒާރުދިން ކަމަށްވެ އެވެ. އެހެން ނަމަވެސް ބިންބެލުމާ ގުޅިގެން ސީރިއަސް ކަމެއް އަދި ހިނގާފައި ނުވާ ކަމަށްވެ އެވެ.

ނިއުޒީލޭންޑްގެ ކްރިސްޗާޗްއަށް 2011 ގައި އައި 6.3 ގެ ބިންހެލުމުގައި ބިންގަނޑު ކަނޑައިގެން ގޮސް ފަޅިފަޅިވި އެވެ. އަދި 185 މީހުން މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.