އެމެރިކާ

އެމެރިކާއިން ތުރުކީ އާއި ސީރިއާ އަށް އެހީވުމަށް 85 މިލިއަން ޑޮލަރު

ތުރުކީ އަދި ސީރިއާ އަށް އެހީވުމަށް އެމެރިކާއިން 85 މިލިއަން ޑޮލަރު ކަނޑައަޅައިފި އެވެ.

ޔޫއެސްއެއިޑްގެ ފަރާތުން މިއެހީ ދިނުމަށް ނިންމީ ތުރުކީ އަދި ސީރިއާ އަށް އައި 7.8ގެ ބާރުގަދަ ބިންހެލުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ޔޫއެސްއެއިޑްގެ ފަރާތުން ދިން އެހީ އަމާޒު ކޮށްފައިވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް ހިޔާވަހިކަން ދިނުމަށާއި، ގަދަ ފިނިން ރައްކާތެރިވުމުގެ ސާމާނާއި، ކާބޯތަކެއްޗާއި ފެން އަދި ސިއްހީ އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.

އެމެރިކާ އިން އެހީ ދީފައި މިވަނީ ދުނިޔޭގެ ގައުމުތަކުން ތުރުކީއަށް އެހީތެރިކަން ފޯރުކޮށްދީ އަދި މީހުން ހޯދުމުގެ މަސްކަތް ކުރާ ޓީމްތައް، ބިންހެލުން އައި ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް ހިންގަމުން އަންނަ ވަގުތެއްގަ އެވެ.

ތުރުކީ އާއި ސީރިއާ ސަރަހައްދަށް އައި ބިންހެލުމުގައި މިހާތަނަށް 24،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

އެހީތެރިކަން ފޯރުކޯށްދޭ ފަރާތްތަކުން ބުނަމުންދަނީ މިވަގުތަށް ބޭނުންވާ ސަޕްލައި ނުލިބޭނަމަ ގަދަ ފިނީގެ ސަބަބުން އިތުރަށް މީހުން މަރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޔޫއެސް އެއިޑްގެ ޑިރެކްޓަރު ސަމަންތާ ޕަވާ ވިދާޅުވެފައިވަނީ އެ އެޖެންސީގެ ޑިޒާސްޓާ ރެސްޕޮންސް ޓީމެއް މިވަގުތު ތުރުކީގެ ސިޓީތައް ކަމަށްވާ އަދިޔަމަން، އަދާނާ އަދި އަންކާރާގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ޓީމުގައި 200 މީހުން ހިމެނޭއިރު އެއިގެ ތެރޭގައި ކާރިސާތަކުން އަރައިގަތުމުގެ ފަންނީ މާހިރުންނާއި، 150 ސާޗް އެންޑް ރެސްކިއު މީހުންނާއި އަދި މީހުން ހޯދުމަށް ތަމްރީނުކުރެވިފައިވާ 12 ކުއްތާ ހިމެނެ އެވެ. މި ގުރޫޕުން 170,000 އެލްބީގެ އިކުއިޕްމަންޓް ގެންގޮސްފައިވާއިރު އެއިގެ ތެރޭގައި ގާކުނޑި ސާފު ކުރުމަށް ބޭނުންކުރާ މެޝިން ފަދަ ތަކެތިވެސް ހިމެނެ އެވެ.

މީގެ އިތުރުންވެސް އެމެރިކާގެ އަސްކަރިއްޔާގެ މީހުން ދަނީ އެހީއަށް ބޭނުންވާ ތަކެތި، މަގުތައް ހަލާކުވެފައިވާތީ ހެލިކޮޕްޓަރު ތަކުގައި އެ ސާމާނު ބޭނުންވާ މަރުކަޒުތަކަށް އުފުލައި ދިނުމުގެ މަސައްކަތް ހިންގަމުން ކަމަށް ޔޫއެސްއެއިޑްގެ ޑިރެކްޓާ އިޒަބެލް ކޯލްމަން ވިދާޅުވެފައިވެ އެވެ.

"އެތަން ވަރަށް ފިނި، މިއީ ފިނި މޫސުން. މީހުން ހިޔާވަހިކަން ބޭނުން، ކާނާއާއި ބޯފެން އަދި ސިއްހީގޮތުން ރައްކާތެރިވުމަށް ބޭނުން،" ބިންހެލުން އައި ސަރަހައްދުގައި ހުރެ ކޯލްމަން ވިދާޅުވެފައިވެ އެވެ.