އިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ ބިން ހެލުމެއްގައި ތިން މީހަކު މަރުވެއްޖެ

އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ މަލޫކޫ އަށް މިއަދު ހެނދުނު އައި ބާރުގަދަ ބިން ހެލުމެއްގައި ތިން މީހަކު މަރުވެ އެކަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ނޭޝަނަލް ޑިޒާސްޓާ އެޖެންސީން ބުނެފި އެވެ.

މަލޫކޫ އައިލެންޑަށް ބިންހެލުން އައިސްފައި ވަނީ ރިކްޓާ މިންގަނޑުން 6.5 ބާރު މިނުގަ އެވެ. މި ބިން ހެލުމުގައި އެތައް އިމާރާތެއް ވަނީ ބިމާ ހަމަވެފަ އެވެ. ބިން ހެލުމުގައި އެކަކު މަރުވެފައި ވަނީ، އިމާރާތްތައް ވެއްޓެން ފެށުމުން ސަލާމަތްވުމުގެ ގޮތުން ސައިކަލުގައި އުސް ދިމާއަކަށް އަރަން ދުއްވާފައި ދަނިކޮށް ވެއްޓިގެނެވެ. ގެއްލިފައިވަނީ އިމާރާތްތަކުގެ ދަށުގައިވި މީހުން ކަމަށް ރެސްކިއު ޓީމުތަކުން ވަނީ ބުނެފަ އެވެ.

ބިންހެލުން އައިއިރު ގިނަ މީހުން ތިބީ ނިދާފަ އެވެ. މިހާރުވެސް އެ ގައުމުގެ އެކި ހިސާބުތަކަށް ލޮޅުން ތަކެއް އަރާ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިންހެލުން އައިސްފައި ވަނީ މަލުކޫ ޕްރޮވިންސްގެ އެމްބޮން ސިޓީގެ އިރު އުތުރުން 37 ކިލޯ މީޓަރު ދުރަށް ކަމަށެވެ. ބިންހެލުމުގެ ސަބަބުން ސުނާމީ އެއްގެ ނުރައްކާ ނެތް ކަމަށް ވެސް ޖިއޮލޮޖިކަލް ސާވޭއިން ވަނީ ބުނެފަ އެވެ.

އިންޑޮނޭޝިއާއަކީ އާންމު ގޮތެއްގައި ކައިރި ކައިރީގައި ބިން ހެލުންތައް އަންނަ ގައުމެކެވެ. އެގޮތުން މި އަހަރުގެ އޯގަސްޓް މަހު އައި ބިން ހެލުމެއްގައި ފަސް މީހަކު މަރުވެފައި ވެއެވެ. އަދި ސުލަވޭސީ އައިލެންޑަށް މިދިޔަ އަހަރު އައި ބިން ހެލުމެއްގައި ވަނީ 4،300 މީހުން މަރުވި އެވެ. ދެހާސް ހަތަރެއްގައި އަިއ ބިން ހެލުމެއްގައި އެ ގައުމުގެ 170،000 މީހުން މަރުވި އެވެ.