ޖަކާޓާ - އިންޑޮނޭޝިއާގެ ދެކުނު މަލުކު ޕްރޮވިންސްއަށް ރިކްޓާ މިންގަނޑުން 6.1 ގެ ބިންހެލުމެއް އަތުވެއްޖެ ކަމުގައި ރިޕޯޓުތައް ބުނެފި އެވެ.
ނަމަވެސް، ބިން ހެލުން ދިރާސާ ކުރާ ފަރާތަކުން ބުނީ މި ބިންހެލުމާއި ގުޅިގެން ސުނާމީ އެލާޓެއް އިއުލާން ނުކުރާކަމުގަ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ހާމަކުރާ ގޮތުގައި މި ބިން ހެލުން އައިސްފައި ވަނީ ޓާނޭޓް ކިޔާ މޫދުކައިރީ އަވަށެއްގެ ހުޅަނގު އުތުރުން 150 ކިލޯމީޓަރު ބޭރުން އަދި 37 ކިލޯމީޓަރު އަޑިން ނެވެ.
ބިންހެލުން ޓާނޭޓްގެ ރައްޔިތުންނަށް އިހުސާސް ކުރެވުނު ނަމަވެސް އެމީހުން ކަންބޮޑުނުވާކަމަށް މީހަކު ހާމަކުރި އެވެ. "އަހަރެން ޓީވީ ބަލަން އިންދަ ފުދޭވަރަކަށް ބާރަށް ބިންގަނޑު ތެޅިގަތް ނަމަވެސް ވަރަށް އަވަހަށް ހުއްޓުމުން ހާސްކަމެއް ނެތް" ބުޑީ ނުރްގިއާޓޯ، ޓާނޭޓް ގެ ރައްޔިތެއް އޭއެފްޕީ އަށް ކިޔާދިނެވެ.
ކަމާބެހޭ ފަރާތްތަކުން ބިންހެލުމުގެ ކަންތައް ބަލަމުން ދާއިރު އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަން އެނގިފައެއް ނުވެ އެވެ. "އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން މިދަނީ"، އިންޑޮނީޝިއަން މޫސުމާ ގުޅުންހުރި އެޖެންސީ ބީކޭއެމްޖީގެ ބިންހެލުމާއި ސުނާމީ ޑިވިޝަންގެ ރަހްމަތު ޓްރިޔޯނޯ މައުލޫމާތު ދީފައި ވެއެވެ.
ދުނިޔޭގެ ޓެކްޓޮނިކް ޕްލޭޓްސް (ބިމުގެ ތޮށިގަނޑުތައް) އެކަތި އަނެކައްޗާއި ލައިގަނެ ޖެހި ފިތޭ "ޕެސިފިކް ރިންގް އޮފް ފަޔާ"ގެ ނަންދެވިފައިވާ ކަނޑުގެ ސަރަހައްދުގައި އޮންނަ އިންޑޮނީޝިއާ އަކީ އާންމުގޮތެއްގައި ބިންހެލުމުގެ ހާދިސާތައް ދިމާވާ ސަރަހައްދެ ކެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އައި 7.5 ގެ ބިންހެލުމާއި ވިދިގެން އެރި ސުނާމީގައި ސުލަވޭސީގެ ޕަލޫ އިން 2،200 މީހުން މަރުވަ 1،000 އެއްހާ މީހުން ވަނީ ގެއްލިފަ އެވެ.
އަދި 2004 ގެ 26 ޑިސެމްބަރުގައި އާޗޭ ޕްރޮވިންސްއަށް އައި 9.1 ގެ ވަރުގަދަ ބިންހެލުމާއި ގުޅިގެން އެރި ސުނާމީގައި އެގައުމުން ވަނީ 170،000 މީހުން މަރުވެފަ އެވެ.