ދުނިޔެ

އިންޑޮނީޝިއާ ސުނާމީ: ގެއްލުނު މީހުން ހޯދަން ޑްރޯން ބޭނުންކުރަނީ

Dec 26, 2018

ޖަކާޓާ (ޑިސެމްބަރު 25) - އިންޑޮނީޝިއާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީގައި ގެއްލިފައިވާ މީހުން ސަލާމަތްކުރުމަށް ޑްރޯން އާއި ކުއްތާ ބޭނުންކުރަން ފަށާފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ އިންޑޮނީޝިއާ ސިފައިންނާއި އެތަކެއް ސަތޭކަ ވޮލަންޓިއަރުން ޑްރޯން ބޭނުން ކުރަން ފަށާފައިވަނީ، ސުނާމީގައި ގެއްލުން ލިބިފައިވާ ސަރަހައްދުތައް ބެލުމަށެވެ. ނަމަވެސް، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ މަސައްކަތަށް ވެސް ވަނީ ހުރަސްއެޅިފަ އެވެ.

ގަސްތަކާއި އިމާރާތްތައް ވެއްޓި، މަގުތައް ބްލޮކްވުމުގެ ސަބަބުން، ގެއްލިފައިވާ މީހުން ހޯދުމާއި ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ދަތިވެފަ އެވެ.

އެ ހާދިސާގައި ހާލުގައިޖެހިފައިތިބި އެތަކެއް ހާސް މީހުން ވަނީ ސްކޫލްތަކާއި މިސްކިތްތަކުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

އައްޔޫބު ނަމަކަށް ކިޔާ 20 އަހަރުގެ މަސްވެރިއެއް ރޮއިޓާސްއަށް ބުނީ އޭނާގެ އާއިލާއަކު ސިފައިން ފޯރުކޮށްދީފައިވާ ޓެންޓެއްގައި އުޅެމުންދާ ކަމަށާއި، ވިއްސާރައިގެ ސަބަބުން ގިނަގުނަ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

"އަހަރެންގެ ހުރިހާ އެއްޗެއް ވަނީ އެކީގައި ހަލާކުވެފައި، މަގޭ ބޯޓާއި، ސައިކަލާއި، ގެ ވެސް،" އޭނާ ބުންޏެވެ.

ސުނާމީ އަރަން މެދުވެރިވީ، އެ ސަރަހައްދުގައި އޮންނަ ކްރަކަޓާއޯ އަލިފަން ފަރުބަދަ ގޮވައިގެން ކަމަށްވާއިރު، އެ ފަރުބަދާގައި އިތުރު ގޮވުންތަކެއް މެދުވެރިވެ، އިތުރު ސުނާމީއެއް އުފެދިދާނެކަމަށް ބުނެ، އައްސޭރި ފަށުގައި ދިރިއުޅޭ މީހުން ސަމާލުވާން ވަނީ އަންގައިފަ އެވެ.

އެ ހާދިސާގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 150 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.

ސުންޑާއަކީ އިންޑޮނީޝިއާގެ ދެ ރަށެއް ކަމުގައިވާ ސުމާޓްރާ އާއި ޖާވާ އާ ދެމެދު އޮންނަ ހަނި ސަރަހައްދެކެވެ.

ބިންހެލުން އާންމުކޮށް އަންނަ ސަރަހައްދަކަށް ނިސްބަތްވާ އިންޑޮނީޝިއާ އަށް މިދިޔަ އޯގަސްޓް މަހު އައި ބިންހެލުމެއްގައި 505 މީހުން މަރުވެފައިވާއިރު، ސެޕްޓެމްބަރު އައި ބިންހެލުމަކަށްފަހު އެރި ސުނާމީއެއްގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އަދި 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމަކީ ފަހުގެ ތާރީހެއްގައި ރިކޯޑްކުރެވިފައިވާ އެންމެ ނުރައްކާ ބޮޑު ބިންހެލުމެވެ. އެ ބިންހެލުމަށް ފަހު އިރުމަތީ އޭޝިއާގެ ގައުމުތަކަށާއި ދެކުނު އޭޝިއާގެ ގައުމުތަކަށް ސުނާމީ އަރައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު އެ ޕްރޮވިންސުން އެކަނި ވެސް 120،000 މީހުން މަރުވެފައިވެ އެވެ.