މިއަދަކީ ރާއްޖޭގެ މުވާސަލާތީ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ބައިވެރިޔާ، ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަށް ގައުމީ ހިދުމަތުގައި ފަހުރުވެރި 30 އަހަރު ފުރުނު ދުވަހެވެ. ކުންފުނީގެ 30 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުންފުނީގެ މުވައްޒަފުންނަށް ވަނީ ދިރާގު ހެޑް އޮފީހުގައި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ދިރާގުގެ ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި ވަރަށް ފޯރިގަދަ ހަރަކާތްތަކެއް ކުލަ ގަދަ ގޮތެއްގައި ބާއްވާފަ އެވެ.
މީގެ އިތުރުން މި އުފާވެރި ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގުން ވަނީ ވަރަށް ހާއްސަ ޕްރޮމޯޝަން ތަކާއި ހަދިޔާތައް ދޭން ނިންމައިފަ އެވެ. އެގޮތުން 30 ވަނަ އަހަރީ ދުވަހުގެ މުނާސަބު ބޮޑެތި ހަދިޔާތަކުގެ ތެރޭގައި ދިރާގުން ވަނީ ނަސީބުވެރި 30 ފަރާތަކަށް ބޭނުން 30 މަންޒިލަކަށް ހުރިހާ ހަރަދެއް ހިމެނޭ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ގުރުވަތު ލުމަކުން ހޮވާލެވޭ މި އަގު ހުރި އިނާމު ހޯދުމަށް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރި ވެވޭނެ އެވެ. އެހެންކަމުން މި ގުރުވަތު ލުމުގައި ބައިވެރި ވުމަށް ކަސްޓަމަރުން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެ އެވެ.
ދިރާގުން ބުނީ މި ދުވަހުގެ މުނާސަބަތުގައި، ދިރާގުގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ފެށުނު އޮކްޓޯބަރު މަހު 30 ޕަސެންޓް އިތުރު ޑޭޓާ ހަދިޔާ ކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހަމަ އެއާއެކު ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް އެއް ޖީބީ ޑޭޓާ މުޅިން ހިލޭ ދިމުނަށްވެސް ވަނީ ނިންމާފަ އެވެ.
މި ޑޭޓާ ޕެކް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއި އެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ހޯއްދެވޭނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރެއްވުމަށް އެސްއެމްއެސް ފޮނުއްވާނީ “ADD D1GB” ޖައްސަވާފައި 343 އަށެވެ. މި ޑޭޓާ ޕެކް މިއަދުން ފެށިގެން މިމަހުގެ ތިންވަނަ ދުވަހަށް ޕެކޭޖު އެކްޓިވޭޓް ކުރެއްވޭނެ އެވެ. އަދި އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ބޭނުން ކުރެއްވޭނެ އެވެ.
މީގެ އިތުރުން އަހަރީ ދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައި ވެސް ވަނީ ޕްރޮމޯޝަނެއް ފަށާފަ އެވެ. އެގޮތުން، ދިރާގު ފޭސްބުކް، ޓްވިޓާ އަދި އިންސްޓާގްރާމްގައި ދިރާގުގެ އަހަރީ ދުވަހުގެ ޕްރޮމޯ ޕޯސްޓަށް، ފޭސްބުކްގައި ނަމަ "ހާރޓް ރިއެކްޓް" ، ޓުވިޓަރ ގައި "ފެވަރިޓް" އަދި އިންސްޓަގްރާމްގައި ނަމަ "ލައިކް" އެއް ދެއްވުމުން ނަސީބުވެރި 30 ފަރާތަކަށް ގޫގްލް މިނި ހޯމް އެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވެ އެވެ. ދިރާގުން ބުނާ ގޮތުގައި އަހަރީ ދުވަހުގެ މި ހަދިޔާ ތަކާއި ޕްރޮމޯޝަން ތަކަކީ، ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދޭ ހަދިޔާތައް ކަމަށާއި އަދި މިއީ ދިރާގާއެކު ކަސްޓަމަރުން ތިބުމުން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ ހަދިޔާ ކަމަށެވެ.