ދުންޔާ މައުމޫން

ދުންޔާ، ނަޝީދަށް: މާޒީ ހަނދާން ނައްތާލައި ކުރިއަށް ހިނގާ

މާޒީގައި ހިނގާފައިވާ ދެބަސްވުންތަކާއި ހިޔާލު ތަފާތުވުންތައް އެއްކައިރިކޮށް މިހާރު މިއީ އެކުގައި ކުރިއަށް ދާން ޖެހޭ ދަނޑިވަޅު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ދުންޔާ އެހެން ވިދާޅުވީ މީގެ ދުވަސްތަކެއް ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވި ފޮޓޯތަކެއް ފޭސްބުކްގައި އާންމުކުރައްވަމުންނެވެ. ދުންޔާގެ ފޭސްބުކް ޕޯސްޓްގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރައްވާފައިވެ އެވެ.

ކުރީގެ ރައީސް ނަޝީދާއި ދުންޔާ މައުމޫން ވަނީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް މީގެކުރިން ރައްދު ކުރައްވާފަ އެވެ. ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމް އިންތިހާބުގައި ބަލި ކުރެއްވި ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ދުންޔާ އަޑު އުފުއްލެވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ވެސް ދުންޔާ ރައީސް ނަޝީދަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރައްވާފައިވެ އެވެ. އެގޮތުން ރައީސް ނަޝީދު ހައްޔަރުކޮށް ޖަލަށްލުމުން އަމާޒުވި ފާޑުކިޔުންތަކުން ސަރުކާރުން ސަލާމަތްކުރުމުގައި ދުންޔާ މަސައްކަތް ކުރެއްވި އެވެ. އެއީ އެމްޑީޕީގެ ނުރުހުން ދުންޔާއަށް ވަރަށް ބޮޑަށް އަަމާޒުވި ކަމެކެވެ.

ނަމަވެސް މިއަދު ދުންޔާ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް ރައީސް ނަޝީދު ޑިމޮކްރަސީ އާއި އިންސާނީ ހައްގުގައު ކުރައްވާ މަސައްކަތް އަބަދުވެސް ބަލައިގަނެ، އިހްތިރާމް ކުރައްވާ ކަމަށެވެ. ރައީސް ނަޝީދާއެކު ބޭއްވި ބައްދަލު ކުރެއްވުމަކީ ޝައުގުވެރި ވާހަކަތަކެއް އިވިގެން ދިޔަ ބައްދަލު ކުރެއްވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މާޒީގައި ހިނގި ކަންކަން ހަނދާން ނައްތާލަން ހިނގާ، މިހާރު މިއީ ކުރިއަށް ދާންވީ ވަގުތު، ދެކޮޅުވެރިކަމާއި ބައިބައިވުން ފަހަތަށް ދޫކޮށްލަން ރާއްޖެއަށް ވަނީ މުހިންމުވެފައި، އަލުން ގުޅުން ބަދަހިކޮށް ޒަހަމްތަކަށް ފަރުވާ ހޯދަން ވަނީ ޖެހިފަ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި އޭނާ އަބަދުވެސް ވަކާލާތު ކުރައްވަނީ މަޝްވަރާކޮށްގެން ކަންކަން ކުރުމަށެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދަށް ސޯލިހު، އިބޫއަށް ކުރަންޖެހިފައިވާ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާއި ނަމަވެސް ހަތަރު ލީޑަރުންގެ އެހީއާއެކު އެއީ ފަސޭހަ ކަމަކަށް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެއްބައިވަންތަކަމާއި ބުރަ މަސައްކަތުން މިހާރަށްވުރެ ގިނަގުނަ ކަންކަން ހާސިލްވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ދުންޔާ އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް މައުމޫނާއި ރައީސް ޔާމީންއާ ދެމެދު ހިޔާލު ތަފާތުވެ ޕާޓީ ބައިބައިވި ދުވަސްވަރު އެވެ. އޭގެފަހުން ދުންޔާ އަނެއްކާ ސަރުކާރާ ގުޅިވަޑައިގެން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމި ފުރުއްވި އެވެ. ނަމަވެސް ރައީސް މައުމޫން ހައްޔަރުކޮށް، ދުވަސްކޮޅެއްވީ ފަހުން އެ މަގާމުން ވެސް ދުންޔާ އިސްތިއުފާ ދެއްވި އެވެ.

އިސްތިއުފާ ދެއްވުމަށްފަހު ވެސް ރައީސް ޔާމީނަށް ތާއިދު ކުރައްވާ ދުންޔާ ވާހަކަ ދެއްކެވި އެވެ. ނަމަވެސް ރައީސް މައުމޫންއަށް އެއްވެސް ލުޔެއް ދިނުމެއް ނެތި، ޖަލުގައި ބަންދުކުރުމާ ގުޅިގެން ދުންޔާ ވަނީ ސަރުކާރަށް ތާއިދުކޮށް ވާހަކަ ދެއްކެވުން ހުއްޓާލައްވައި، ހަމައެކަނި ރައީސް މައުމޫންގެ ދިފާއުގައި ވާހަކަ ދައްކަވަން ފައްޓަވާފަ އެވެ.