ދުންޔާ މައުމޫން

ދުންޔާގެ ފާޑުވިދާޅުވުން: އެމްޑީޕީން އުފެއްދީ ނަފްރަތު

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އުފެދި މިވީ 16 އަަހަރުގައި އެ ޕާޓީން ކުރިހާވެސް ކަމަކީ މުޖްތަމައުގައި ނަފުރަތު އުފެއްދުން ކަމަށް ވިދާޅުވީ ކުރީގެ ފޮރިން މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ރައީސް މަައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހަކީ އިއްޔެ އެވެ. އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވާ ދުންޔާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެ ޕާޓީ އުފެދިގެން އައީ ރަނގަޅު އުސޫލުތަކެއް ތެރެއިން މުހިންމު މަގުސަދުތަކެއްގައި ނަމަވެސް އެއިން އެއްވެސްް ކަމެއް ހާސިލުވެފައިނުވާ ކަަމަށެވެ.

އެމްޑީޕީ އިން އެންމެ ބޮޑަށް ވަކާލާތުކުރީ ކޮޕަރްޝަން ނަައްތާލުމަށް ނަމަވެސް ހަމަ އެކަނި ކުރެވުނު ކަމަކީ އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުވައިގެން ލިސްޓުތަކެއް ނެރުން ކަމަށާ އޭގެ ސަބަބުން އެތައް ބައެއްގެ އަބުރު ކަތިލެވި އެކަމާ ޝާމިލުނުވާ އެތައް ބައެއްގެ އަގު ވަނީ ވައްޓާލާފައި ކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި އެކަން ކުރީވެސް ސިޔާސީ މަގުސަދެއްގައި ކަަމަށް ވިދާޅުވިއެވެ.

އިންސާފު ހޯދައިދިނުމުގެ ނަމުގައި މަރުގެ ކޮމިޝަނެއް އުފެއްދި ނަމަވެސް ކުރެވުނު ކަމެއް ނެތް ކަމަށާ ގެއްލިފައިވާ މީހުންނާއި ގޮތް ނޭގޭ މަރުތަކުގެ ތަހުގީގުގައި އަދިވެސް ކުރިއެރުމެއް ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ.

"...ސޯޅަ އަހަރުވީއިރު ކުރިހާވެސް ކަމަކީ މުޖުތަމައުގައި ނަފުރަތު އުފެއްދުން. އެމްޑީޕީން ހިންގާ އަމަލުތަކުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާން ގެއްލިއްޖެ. އެއްބަޔަކު އަނެއް ބަޔަކަށް ކުރަމުން އައި އިހުރިތިރާމު ގެއްލިއްޖެ. ދަރިން މައިންބަފައިންނަށް ދަރިވަރުން މުދައްރިސުންނަށް މުޖުތަމައުގެ އިސްރަށްވެރިހިންނަށް ކުރަމުން އައި އިހުތިރާމް ގޮސްފި. މިއީ ހައްތާވެސް ހައްގު ހޯދައިދޭނެ ކަމަށް ބުނެ އެމްޑީޕީން ހިންގާ ހަރަކާތްތަކުގެ ސަބަބުން ވީކަންކަން،" އެމްޑީޕީއަށް ފާޑުވިދާޅުވަމުން ދުންޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އުފެއްދުމުގެ މުގުލުގައި ތިބި އެތައް ބޭފުޅެއް ޕާޓީ ދޫކޮށް ގޮސްފައިވާ ކަމަށެވެ. އަދި އެކަން އެހެން ވީ އެކަކު ޕާޓީ ހިސޯރުކޮށްފައި އޮތުމުން ކަަމަށް ވިދާޅުވެ ނުސީދާކޮށް ރައީސް ނަޝީދަށް ފާޑުވިދާޅުވިއެވެ. ދުންޔާ ވިދާޅުވީ އެމްޑީޕީގެ އިސް އެތައް ބޭފުޅުންނެއް ޕާޓީއާ ދުރަށް ޖެހިވަޑައިގަތީ ޕާޓީގެ އެތެރޭގައި ވަކި ބަޔަކަށް ނޫނީ ކުރިއަށް ދެވެން ނެތުމުން ކަމަށެވެ.