ހަބަރު

ދޭނެ ނަސޭހަތެއް ނެތް، ފައިސަލް މާ ގާބިލް: މައުމޫން

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމަށް ދޭނެ ނަސޭހަތެއްނެތް ކަމަށާއި އޭނާ އަކީ ނައިބް ރައީސަކަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ވަނީ މިއަދު މެންދުރު ހެނދުނު ވަނީ ފައިސަލް ނަސީމާއި ބައްދަލު ކުރައްވާފަ އެވެ. ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ އޮފީހުގަ އެވެ. ބައްދަލުވުމަށްފަހު ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މައުމޫން ވަނީ ނައިބް ރައީސަކަށް ހޮވިވަޑައިގެންނެވި ފައިސަލް އަށް ދޭނެ ނަސޭހަތެއްނެތް ކަމަށް ވިދާޅުވެފަ އެވެ.

"އެމަނިކުފާނަކީ މިކަމަށް ވަރަށް ގާބިލް ބޭފުޅެއް، ހުރިހާ ކަމެއް ބައްލަވާ ފެނިވަޑައިގަންނަވާ ގާނޫނުތަކާއި އުސޫލުތަކާއި ހުރިހާ އެއްޗެއް ދެނެވަޑައިގަންނަވާ ބޭފުޅެއް، އެމަނިކުފާނު ކަންތައް ކުރައްވާނީ ރަނގަޅަށްކަމާއި އެކަމާ ދޭތެރޭ އަޅުގަނޑު ޝައްކެއް ނުކުރަން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ފައިސަލަކީ ސިޔާސީ އަދި އިޖްތިމާއީ މައިދާނުގައިވެސް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތެއް ކަމަށެވެ. އަދި އޭނާގެ ނަމުގައި ފައުންޑޭޝަން އުފައްދައިގެން އެ ފައުންޑޭޝަންގެ ތެރެއިން ތައުލީމާއި ސިއްހަތާއި އެނޫންވެސް އެކި ގޮތް ގޮތުން ވަނީ ތަފާތު ހިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެހެންވީމަ އެކަނިކުފާނަށް އެނގިވަޑައިގަންނަވާނެ އަމަލީ ހަޔާތުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރައްވައިފި، އެންމެ ތުއްޕުޅު އިރުވެސް މަތީ މަގާމްތައް މިދެންނެވި ޓޫރިޒަމް ދާއިރާގައި ނަމަވެސް ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރު ކަމާއި މިކަހަލަ ކަންތައްތައް ކުރައްވައި ވަރަށް ގިނަ ތަޖްރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، މީހުން ގެންގުޅުއްވާނެ ގޮތް ފައިސަލް އަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ހާއްސަކޮށް ނައިބް ރައީސަކަށްވުމުން ކަންތައް ކުރައްވާނެ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ފައިސަލްގެ ވާހަކަތަކުންވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި އޭނާއަކީ ވަރަށް ގާބިލް، ހަރުދަނާ އަދި އެއްވެސް ކިލަނބު ކަމެއްނެތް ބޭފުޅަކަށްވާނެ ކަމަށެވެ. އަދި އޭނާގެ ފަރާތުން އެއްވެސް ކަހަލަ ހިތްހަމަ ނުޖެހޭ ކަމެއް ނުފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.