ހަބަރު

ލީޑަރުންގެ މަޝްވަރާއާއެކު އިބޫގެ ކެބިނެޓާ މެދު ގޮތް ނިންމައިފި

ރިޔާސީ އިންތިހާބު ކާމިޔާބުކުރި ކޯލިޝަންގެ ހަތަރު ލީޑަރުންނާއެކު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބޭއްވެވި ބައްދަލުވުމުގައި ކެބިނެޓާ ގުޅޭ ގޮތުން ގޮތްތަކެއް ނިންމައިފި އެވެ.

އިބޫގެ ކެބިނެޓް އެކުލަވާލަން ހަމަޖެހިފައިވަނީ ޕާޓީތަކަށް ބަހާލައިގެންނެވެ. ޖުމްލަ 19 މިނިސްޓަރުން ކެބިނެޓްގައި ތިއްބަވާއިރު 40 ޕަސެންޓް ދޭނީ އެމްޑީޕީއަށެވެ. ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓް ދޭން ނިންމާފައިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެނީ 20 ޕަސެންޓެވެ. އަދާލަތު ޕާޓީއަށް ދޭން ނިންމާފައިވަނީ 15 ޕަސެންޓެވެ.

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއެކު ބޭއްވި ބައްދަލުވުމަށްފަހު އިބޫ ވިދާޅުވީ ކެބިނެޓް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި އޭގައި ގޮތްތަކެއް ނިންމިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެއްބަސްވެވުނީ މި އޮތް ކޯލިޝަން އޮތް ގޮތަށް ދަމަހައްޓާ ރައްޔިތުން އެކުރި އުއްމީދުތައް ދަމަހައްޓައި ކުރިއަށް ދިޔުމަށްޓަކައި އޭރު ވެސް އެ އޮތް ގޮތަށް އެކުގައި ދެމިތިބުމަށް،" އިބޫ ވިދާޅުވި އެވެ.

އިބޫ އެހެން ވިދާޅުވި ނަމަވެސް ކެބިނެޓް އެކުލެވިގެންދާ ގޮތާމެދު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ. އެނގިފައިވާ ގޮތުގައި ކެބިނެޓް އެކުލަވާލުމާ ގުޅޭ ގޮތުން ލިޑަރުންގެ ހިޔާލު ތަފާތުވުންތަކެއް އެބަ ހުއްޓެވެ.

ކެބިނެޓާ ގުޅޭ ގޮތުން މިއަދު ވާހަކަފުޅު ދެއްކެވީ ވެސް ރައީސް ނަޝީދު އެކަންޏެވެ. ރައީސް ނަޝީދު ވިދާޅުވީ އެކުލަވާލެވެނީ ރައިސުލްޖުމްހޫރިއްޔާގެ ކެބިނެޓެއް ކަމަށާއި އެ ކެބިނެޓް އެކުލެވިގެން ވާންވާނީ ރައިސުލްޖުމްހޫރިއްޔާ ހިޔާރު ކުރައްވާ އެމަނިކުފާނަށް އިތުބާރު ކުރެވޭ ބޭފުޅުންތަކެއްގެ މައްޗަށް ކަމަށެވެ.

"ހަމައެއާއެކު ރައިސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ ރައިސުލްޖުމްހޫރިއްޔާ އިންތިހާބުވެޑައިގެންނެވީ އިއްތިހާދަކުންކަން، އެހެންވީމަ ރައިސުލްޖުމްހޫރިއްޔާ ކެބިނެޓް އެކުލަވާލައްވާއިރު އެ ވިސްނުންފުޅު ރައިސުލްޖުމްހޫރިއްޔާ ގެންގުޅުއްވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ޕާޓީތަކުން ވެސް ބޭނުން ވަނީ ރައިސުލްޖުމްހޫރިއްޔާއަށް އިތުބާރު ކުރެވޭ، އެކުވެރިކަމާއެކު މަސައްކަތް ކުރެވޭ ބޭފުޅުންތަކެއް ހިމެނޭ ކެބިނެޓެއް އެކުލަވާލުން ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، ކަންކަން ނިންމުމުގެ އެންމެ އިސްވެރިޔާއަކީ ރައިސުލްޖުމްހޫރިއްޔާ ކަމަށާއި ލީޑަރުން ރައިސުލްޖުމްހޫރިއްޔާއަށް އަރުވާނީ ލަފާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު އިބޫ ރައިސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވާނެ އެވެ. އަދި އެ ދުވަހު އިބޫގެ ކެބިނެޓް އިއުލާން ވެސް ކުރައްވާނެ އެވެ.