ހަބަރު

ޒާހިރުގެ ތައުބީނުގެ ޖަލްސާ ބާއްވައިފި

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހ. ބުރެވިމާގޭ މުހައްމަދު ޒާހިރުގެ (ދިގު ޒާހިރު) ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ސަރުކާރުން ބާއްވައިފި އެވެ.

ޖަލްސާ ބާއްވާފައި ވަނީ މިރޭ ދަރުބާރުގޭގަ އެވެ. ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއިި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނާއި ސަރުކާރުގެ މުއަައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެ އެވެ.

ޖަލްސާގައި ޒާހިރުގެ ހަނދާނުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޒާހިރަކީ ކަސްޓަމްސްގެ ހިދުމަތްތައް ދިރުވާ ތަރައްގީކޮށް، ކަސްޓަމްސްގެ ހިދުމަތް އެންމެނަށް ފޯރު ކޮށްދެއްވި ލާމަސީލު މިސާލެއް ކަަމަށެވެ. އަދި އެމަނިކުފާނަކީ ވަރަށް މުރާލިކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

މައުމޫން ވިދާޅުވީ، ޒާހިރަކީ ކަމަށް ކަމޭ ހިތްތަވައި ތެދުވެރިކަމާއި ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށާއި ސާބިތުކަމާއެކު ޒިންމާތައް އުފުއްލެވި ކަމަށެވެ.

ޖަލްސާގައި ޒާހިރުގެ ހަނދާނަށް ޝަރަފުގެ އައްޑަނައަކާއި ލިޔުމެއް މިރޭ އަރުވި އެވެ. އައްޑަނަ އާއި ލިޔުން އާއިލާއަށް ހަވާލުކޮށްފައިވަނީ ރައީސް ސޯލިހެވެ.

ޒާހިރަކީ، 63 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތްތަކެއް ކުރެއްވި، އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. ޒާހިރު އަވަހާރަވީ މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހު އެވެ.