އޮބިޗުއަރީ

މޫމިނާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ރައީސް މައުމޫންގެ ކޮއްކޯފުޅު، ގަލޮޅު ފަހިވާގޭ މުއުމިނާ އަބްދުލްގައްޔޫމް އަވަހާރަވުމާ ގުޅިގެން، ރައީސް މައުމޫނަށާއި އެ އާއިލާއަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 79 އަހަރެވެ.

ރައީސް ސޯލިހް ތައުޒިޔާ ވިދާޅުވީ، މުއުމިނާ އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން ރައީސް މައުމޫނާ މިއަދު ފޯނުން ގުޅުއްވައެވެ. މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ސަރުކާރަށް މުއުމިނާ ކޮށްދެއްވާފައިވާ އިޚްލާސްތެރި ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މުއުމިނާ އަބްދުލްގައްޔޫމް ސަރުކާރަށް ފުރަތަމަ ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ އޭޕްރިލް، 8 1958 ގައެވެ. ފުރަތަމަ އަދާކުރެއްވީ އަމީރު އަހްމަދުގެ މުދައްރިސާ ކަމުގެ މަގާމެވެ. އޭގެފަހުން، އަމީނިއްޔާ ސްކޫލުގެ މުދައްރިސާ ކަންވެސް ކުރެއްވިއެވެ.

ދެވަނަ ފަހަރަށް ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީސެޕްޓެމްބަރު، 1 1987 ގައެވެ. އޭރު ހަމަޖެއްސެވީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ އެހީތެރިޔާ ކަމުގެ މަގާމަށެވެ. އޭގެފަހުން، އެ މަރުކަޒުގެ އިސް އެހީތެރިޔާ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ކުރައްވާފައިވެއެވެ. މުއުމިނާއަކީ، ގަލޮޅު އަވަށު އޮފީހުގެ ވެރިޔާގެ އެހީތެރިޔާ ކަމުގެ މަގާމާއި، ވެރިޔާގެ އިސް އެހީތެރިޔާ ކަމުގެ މަގާމާއި، ޑެޕިޔުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، އަދި ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ގަލޮޅު އަވަށުގެ ތަރައްގީއަށް މުއުމިނާ ވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. މުއުމިނާއަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައިވަނީ ސެޕްޓެމްބަރު، 1 2007 ގައެވެ.