ދުނިޔެ

ވަގު ޑިގްރީ ގެންގުޅެގެން ބަންދުކުރި ދިއްލީގެ މިނިސްޓަރު އިސްތިއުފާ ދީފި

Jun 11, 2015

ވަގު ސެޓްފިކެޓެއް ގެންގުޅުއްވާ ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ އިންޑިއާގެ ވެރިރަށް ދިއްލީގެ ލޯ މިނިސްޓަރު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ދިއްލީގެ ޗީފް މިނިސްޓަރުގެ ނައިބު މަނިޝް ސިސޯޑިއާ ވިދާޅުވި ގޮތުގައި ޖިތެންދަރު ސިންހް ތުމާރުގެ އިސްތިއުފާ ޗީފް މިނިސްޓަރު އަރުވިންދު ކަޖުރަވާލް ވަނީ ގަބޫލުކުރައްވާފަ އެވެ. އަދި ދިއްލީގެ ގަވަރުނަރަށް އެ ސިޓީ މިއަދު ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިއްލީގައި ވެރިކަންކުރާ އާމް އާދްމީ ޕާޓީ (އޭއޭޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައި ވަނީ އެ ސްޓޭޓުގެ ބާ އެސޯސިއޭޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ވަގު ސެޓްފިކެޓް ހެދުމުގެ ކުށުގެ އިތުރަށް މަކަރާއި ހީލަތް ހެދުމެވެ.

ދިއްލީގެ ބާ އެސޯސިއޭޝްގެ ރައީސް އޭކޭ މަންނާން ޒީ ނިއުސް އަށް ވިދާޅުވެފައިވާ ގޮތުގައި ގޮތުގައި ވަކީލުކަމުގެ ހުއްދަ ހޯއްދަވަން ޖިތެންދަރު ހުށަހެޅުއްވީ ވަގު ލޯ ޑިގްރީއެއް ކަމަށް ބުނެ މިދިޔަ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ވެސް ބަޔަކު ޝަކުވާ ހުށަހެޅި އެވެ. ފުލުހުންނަށް މައްސަލަ ހުށަަހަޅަން ޖެހުނީ އެ ޝަކުވާތަކަށް ޖިތެންދަރަށް ޖަވާބުދާރީ ވެވަޑައިނުގެންނެވުމުން ކަމަށް އޭނާ ވިދާޅުވެފައިވެ އެެވެ.

ޖިތެންދަރު ސެޓްފިކެޓް ހޯއްދެވި ކަމަށް ވިދާޅުވާ، ބިހާރު ސްޓޭޓުގެ ތިލްކަ މަންހީ ބަގަލްޕޫރު ޔުނިވަސިޓީން ވެސް ވަނީ އޭނާ އެ ޔުނިވަސިޓީން ޑިގްރީއެއް ނެންގެވި ކަމުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް، ޖިތެންދަރު ވަނީ "އެއްވެސް އަސާސެއް ނެތް" އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ބަގަލްޕޫރު ޔުނިވަސިޓީގައި އޭނާ ކިޔަވާ ވިދާޅުވި ކަމަށް އެ ތަނުން ވެސް ދެކޮޅެއް ނަހަދަ އެވެ.

"އެ ގޮތަށް ވަރަށް ގިނަ ކުދިންގެ މަތިން ހަނދާން ނެތިފަ، ރެކޯޑް ނެތި ހުންނާނެ،" ޖިތެންދަރު ކުރިން ވިދާޅުވެފައިވެ އެވެ.

އޭއޭޕީން ވެސް ވަނީ ޖިތެންދަރު ހައްޔަރުކުރުމާ ދެކޮޅަަށް ނުކުމެފަ އެެވެ. އެ ޕާޓީން ސިފަކުރަނީ އެއީ ސިޔާސީ ކަމެއްގެ ގޮތުގަ އެވެ. "މިއީ ސީދާ އޭއޭޕީއާ ދެކޮޅަށް ހިންގި ކަމެއް. އެހެން ކުރިން ނޯޓިސްއެއް އެއްޗެއް ނުދީ ހައްޔަރުކުރުން ގާނޫނާ ވެސް ހިލާފު. [މައި ސަރުކާރު ހިންގާ] ބީޖޭޕީން ކީއްތަ މި ކުރަނީ؟" އޭއޭޕީގެ އިސް ވެރިއެއް ކަމަށްވާ ސަންޖޭ ސިންހް، އިކޮނޮމިކް ޓައިމްސް އަށް ވިދާޅުވި އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދިއްލީގެ މަރުކަޒީ ސަރުކާރުގެ އެންމެ މުހިއްމު އެއް މިނިސްޓަރު މިފަދަ މައްސަލައެއްގައި ހައްޔަރުކުރުކުރުމަކީ ދާދި ފަހުން އެ ސްޓޭޓްގައި ބޭއްވި އާއްމު އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށް ވެރިކަމަށް އައި އޭއޭޕީ އަށް ލިބޭނެ ބޮޑު ވެއްޓުމެކެވެ. އެއީ، އެ ޕާޓީގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން ކަމަށް ބުނާތީ އެވެ.