ބޮލީވުޑް

ކަންގަނާ ވެސް ޑައިރެކްޓަރަކަށް

Jun 11, 2015

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަރު ކެމެރާގެ ކުރިމަތިން އަދަޔާ ހިލާފު މޮޅު އެކްޓިންތަކެއް ދައްކައި އޭނާގެ ޖާދޫގައި އެތައް ބަޔަކު ޖައްސައި ބޮޑު ކާމިޔާބީއެއް ހޯދާފައިވީނަމަވެސް، ކަންގަނާގެ ހިތްފުރުނު ހެނެއް ހިޔެއްނުވެ އެވެ. ކަންގަނާ އަދިވެސް ބޭނުންވަނީ ކާމިޔާބީގެ އެންމެ އުސްމިނަށް އަރާށެވެ.

އެންމެފަހުން "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އިން ޑަބަލް ރޯލުން ފެނިގެންދިޔަ ކަންގަނާ ދެން އެންމެއަވަހަށް ބެލުންތެރިންނާއި ހަމައަށް އަންނަ ފިލްމު "ކައްޓީ ބައްޓީ"ގައި ކެމެރާގެ ކުރިމަތިން ފެނުމުގެ އިތުރުން ވަނީ ކެމެރާގެ ފަހަތުގައިވެސް މަސައްކަތްކޮށްފަ އެވެ.

އެކްޓަރު އިމްރާން ޚާން އާއިއެކު ކަންގަނާ ލީޑްރޯލުން ފެނިގެންދާ ޑައިރެކްޓަރު ނިކިލް އަދްވާނީގެ މިފިލްމުގެ ފުރަތަމަ ހަތް މިނިޓް ޑައިރެކްޓްކޮށްފައިވަނީ ވެސް ކަންގަނާ އެވެ.

މިފިލްމުގެ ސިނެމެޓޯގްރާފާ ތުޝާރް ކާންތިރޭގެ އިރުޝާދާއިއެކު ފިލްމުގެ ފުރަތަމަ ހަތް މިނިޓްގައި ފެނިގެންދާ މަންޒަރު ޑައިރެކްޓްކޮށްފައިވާ ކަމަށް ބުނަމުން ކަންގަނާ ބުނީ އެހަތް މިނިޓްގެ މަންޒަރު ނަގާފައިވަނީ އެއްވެސް ބްރޭކްއެއް ނެތި އެންމެ ޝޮޓަކުން ކަމަށެވެ. ޑައިރެކްޓްކުރުމަކީ އުނދަގޫ މަސައްކަތެއް ކަމަށް ބުނަމުން ކަންގަނާ ބުނެފައިވަނީ ސްކްރިޕްޓްގައި ބުނެފައިވާ ގޮތަށް މަންޒަރު ނެގުމަށް ކެމެރާ ހިފަހައްޓައިގެން ހުންނަން ޖެހުމުން އޭނާގެ ހާސްވިކަމަށެވެ. އެހެންނަމަވެސް އެކްޓަރުން ހުނަރު ކުރިއަރުވަން މަސައްކަތް ކުރާ ނިކިލް ފަދަ ޑައިރެކްޓަރަކަށް އޭނާ ކޮންމެ ކަމެއް ކޮށްދޭންވެސް އަބަދުވެސް ހުންނާނީ ތައްޔާރަށް ކަމަށެވެ.

ކަންގަނާ "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" ގައި ދައްކުވާފައިވާ އެކްޓިން މޮޅު ކަމުގެ ސަބަބުން އާޝޯހްވެފައިވާ ޑައިރެކްޓަރު ނިކިލް ބުނީ މޮޅު ޑައިރެކްޓަރުންނަށް ކަންގަނާ ދޫ ނުކުރާ ކަމަށާއި، އަނެއްކާވެސް ކަންގަނާގެ އާ ހުނުރެއް އެންމެންނަށް އެނގިގެން ހިނޖައްގެ ކަމަށެވެ.

“ކަލް ހޯ ނަ ހޯ" ވެސް ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ ޓްރެއިލާ ޖުލައި މަހުގެ 14ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސެޕްޓެމްބަރު މަހުގެ 18ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގައި ކަންގަނާ ފެނިގެންދާނީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ އާޓް ކިޔަވާ ދަރިވަރެއްގެ ރޯލުންނެވެ.

އިމްރާން ޚާންގެ އެންމެ ފަހުން ރިލިޒްވި ތިން ފިލްމުވެސް ފްލޮޕްވެފައިވާއިރު، ބޮލީވުޑްގެ ބޮލްކްބާސްޓާ "ކްއީން" ކަންގާނާއާއި އެކު ފެނިގެންދާ މިފލްމުއަށް ބްލޮކްބާސްޓާގެ ދަރަގަ ލިބޭނެކަމުގެ އުންމީދުގައި ތިބި މީހުން ހަމަޔަގީނުންވެސް ވަރަށް ގިނަ އެވެ.

ބަތަލާ ކަންގަނާގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިންނެއް އަންނަނީ އެކްޓްކުރުމުގެ އިތުރުން ފިލްމު ޕްރޮޑިއުސްވެސް ކުރަމުންނެވެ. މިތަރިންގެ ތެރޭގައި އަނުޝްކާ ޝަރްމާ، ޕްރިޔަންކާ ޗޯޕްޅާ، ދީއާ މިރްޒާ އަދި ޝިލްޕާ ޝެޓީ އަދި ލާރާ ދައްތާ ހިމެނެ އެވެ.