ހަބަރު

އަމިއްލަ އަށް އިސްނަގައިގެން ބްރޯޑްކޮމް އިން މައްސަލަތައް ބެލުމުގައި ހަމަހަމަ ކަމެއްނެތް: ޝަހީބް

ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމްގެ މެންބަރުން އަމިއްލަ އަށް އިސްނަގައިގެން މައްސަލަތައް ބެލުމުގައި ހަމަހަމަ ކަމެއްނެތް ކަމަށް އެ އެކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު މިއަދު އިއުތިރާފްވެ ވަޑައިގެންފި އެވެ.

ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބް ވިދާޅުވީ، މިފަހުން ކޮމިޝަނުން ބެލި ބައެއް މައްސަލަތަކަކީ ކޮމިޝަންގެ މެންބަރުންގެ އިސްނެގުމަށް އެބޭފުޅުން އަމިއްލައަށް ހުށަހަޅައިގެން ބައްލަވާފައިވާ މައްސަލަތައް ކަމަށެވެ. އެގޮތަށް މައްސަލަތައް ބެލުމުގައި ހުރިހާ ބްރޮޑްކާސްޓަރުންގެ މެދުގައި ހަމަހަމަކަން ގެންގުޅެވިފައިވާ ނެތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އެބޭފުޅުންގެ މިނިވަން ކަމާމެދު އެބޭފުޅުން އެވަނީ އެއްޗެއް ވިދާޅުވެފައި. މިކަމުގައި އެއްވެސް ނުފޫޒެއް އަޅުގަނޑަކަށްނެތް، އަޅުގަނޑު ދެކޭގޮތުގައި ކޮމިޝަނުން އިސްނަގައިގެން މައްސަލަަތައް ބަލާކަމުގައިވާނަމަ އެއަށްވުރެ ހަމަހަމަކޮށް ބެލެން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޝަހީބް ވިދާޅުވި އެވެ.

ޝަހީބް ވިދާޅުވީ، ކޮމިޝަނުގެ މެންބަރުން އަމިއްލަ އަށް މައްސަލައެއް ބަލާނަމަ ބަލަން ޖެހޭނީ ހަމައެކަނި އެންމެ ސްޓޭޝަނެއްގެ މައްސަލައެއް ނޫން ކަމަށާއި ހުރިހާ ސްޓޭޝަންތަކުގެ މައްސަލަތައްވެސް ބެލެންވާނެ ކަމަށެވެ. އެހެން ނޫންނަމަ ސުވާލު އުފެދުމުގެ ޖާގައެއް ނޯންނާނެ ކަން ގަބޫލު ކުރައްވާ ކަމަށްވެސް ޝަހީބް ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން އަމިއްލަ އަށް އިސްނަގައިގެން ބެލި މައްސަލަތަކުގެ ތެރޭގައި ރާއްޖެ ޓީވީއިން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ އަބުރުފުޅަށް އަރައިގެންފައިވާ ކަމަށްބުނެ އެމައްސަލަ ބަލައި ރާއްޖެޓީވީ ވަނީ ޖޫރިމަނާ ކޮށްފަ އެވެ. މީގެ އިތުރުން އިތުރު އެހެން މައްސަލަތައްކެއްވެސް ވަނީ ކޮމިޝަނުން އަމިއްލައަށް ބަލައި ރާއްޖެޓީވީ އާއި ވީޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެކަމާ ގުޅިގެން އެ ކޮމިޝަނަށް ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.