ހަބަރު

ޒީނާ، ޒޭނާ: އެއްވެސް ނުފޫޒެއް ނެތް!

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމްގެ ދެ މެންބަރުން ކަމަށްވާ ފާތުމަތު ޒައިނާ (ޒޭނާ) އަދި ޒީނާ ޒާހިރު އެ ކޮމިޝަނުގައި މަސައްކަތް ކުރަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި ކަމަށް އެދެމެންބަރުން ވިދާޅުވެއްޖެ އެވެ.

އެ ދެމެންބަރުން މިގޮތަށް ވިދާޅުވެފައިވަނީ މިއަދު ބޭއްވި ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ޒީނާ އަދި ޒޭނާ އަކީ މީގެ ކުރިން ވީޓީވީގައި މަސައްކަތް ކުރި ދެ ނޫސްވެރިންނެވެ. ޒޭނާ ވަނީ ޗެނަލް 13 ގައިވެސް މަސައްކަތް ކުރައްވާފަ އެވެ. އޭގެ ފަހުން ޒޭނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އޮފީހުގައިވެސް މަސައްކަތް ކުރައްވާފަ އެވެ. ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކޮށްފައިވަނީ މެޑަމް އޮފީހުގައި ޒޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. ޒީނާ ވަނީ ވީޓީވީގައި މަސައްކަތްކޮށް، ޑީއާރުޕީގައި ވެސް މަސައްކަތް ކުރި އެވެ. އެދެބޭފުޅުން ބްރޯޑްކޮމްގެ މެންބަރު ކަމަށް ރައީސް ޔާމީން އައްޔަން ކޮށްފައިވަނީ 05 އޭޕްރީލް 2016ގައި އެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން އަޅުގަނޑު މަސައްކަތް ކުރަން އެއްވެސް ނުފޫޒެއްނެތްކަން،" ޒީނާ ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ހަމަ ޔަގީންކަން އަރުވަން އަޅުގަނޑަށް އެއްވެސް ސިޔާސީ ނުފޫޒެއްނެތް ކަމަށް، ދެން ވަރަށް ގިނައިން މީޑިއާތަކުން އަޅުގަނޑު ގޮނޑި ޖައްސަވަން އުޅުއްވިއޭ، އެއީކީއެއް ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ނޫން، އެއީ އިސް ރަށްވެހިންނަށް ރައީސް އޮފީހުން މާ ކުރިން އިއުލާން ކުރައްވައިގެން އިންތިޒާމް ކޮށްގެން ބޭއްވި ރަސްމިއްޔާތެއް، އެއީ ސިޔާސީ އިވެންޓެއްގެ ގޮތުގައި ގަބޫލެއް ނުކުރަން،" ޒޭނާ ވިދާޅުވި އެވެ.

ޒޭނާ ވިދާޅުވީ، ބްރޯޑްކޮމްގެ މެންބަރަކަށް އައްޔަން ކުރި ފަހުން ސިޔާސީ ޕާޓީއެއްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައިނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ދެ ކަނބަލުން ރާއްޖޭގެ އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް މާލޭގެ ރަސްފަންނުގައި ބޭއްވި ހަފްލާ އިންތިޒާމް ކުރުމުގެ ކަންތައްތަކުގައި ޒޭނާ އުޅުއްވި އެވެ. އެކަމާ ގުޅިިގެން އެ ކޮމިޝަނުގެ މެންބަރު ކަމުން ޒޭނާ ވަކިކުރަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިހާޒު ފަހުމީ އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މަޖިލީހަށްވެސް ހުށަހެޅި އެވެ. ނަމަވެސް އެމައްސަލަަ މަޖިލީހުން ބަލައިގަނެފަ އެއް ނުވެ އެވެ.

ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބް ވެސް ވަނީ އެއްވެސް މައްސަލައެއް ބެލުމެއް ނުވަތަ ނުބެލުމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް އޭނާއަށްވެސް އައިސްފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.