މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މި ހަފްތާގެ ނިޔަލަށް ވިއްސާރަ ކުރާނެ: މެޓް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ، އަންނަ ބުރާަސްފަތި ދުވަހާ ހަމައަށް ދެމިގެން ދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދުު ބުނެފި އެވެ.

މެޓް އޮފީހުގެ ވެދާ ފޯކާސްޓަރަކު މިއަދު ވިދާޅުވި ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް ވެދާ ފޯކާސްޓަރު ވިދާޅުވީ އަރަބި ކަނޑުގައި ވެސް މިވަގުތު ތޫފާނެއް އުފެދިފައި ނެތް ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ އެވެ. ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން އެންމެ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ އެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. ދެކުނާއި މެދުތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.